ގިނަ މުޖުތަމައުތަކުގައި ގާނޫނީ ވަކީލުން ތަސައްވުރު ކުރެވިފައިވަނީ މުޅި މުޖުތަމައުގެ މަންފާއަށް މަސައްކަތްކުރާ ބަޔަކަށްވުރެ އެބައެއްގެ މުއްސަނދިކަމާ މާލީ ތަނަވަސްކަން އިތުރުކުރުމަށް މަސައްކަތްކުރާ ބައެއްގެ ގޮތުގައިކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަހްމަދު މުއުތަސިމް އަދުނާން ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރު މިފަދައިން ވިދާޅުވީ އިއްޔެ އަލަށް ހުވާކުރި ގާނޫނީ ވަކީލުންނާއި މުޚާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުއުތަސިމް ވިދާޅުވީ ގިނަ މުޖުތަމައުތަކުގައި ގާނޫނީ ވަކީލުން ތަސައްވުރު ކުރެވިފައިވަނީ މުޅި މުޖުތަމައުގެ މަންފާއަށް މަސައްކަތްކުރާ ބަޔަކަށްވުރެ އެބައެއްގެ މުއްސަނދިކަމާ މާލީ ތަނަވަސްކަން އިތުރުކުރުމަށް މަސައްކަތްކުރާ ބައެއްގެ ގޮތުގައި ކަމަށާއި ހަގީގަތަކީ އެއީ ކަމުގައިނުވިނަމަވެސް ކަމަކާމެދު މީހުން ގަބޫލުކުރާގޮތަކީ އޭގެ ޒާތުގައި މުހިންމު ރޯލެއް އަދާކުރާނެ ކަމެއް ކަމަށެވެ.

ގާނޫނީ ވަކީލުކަން ކުރުމުގެ ހަގީގީ މާނައަކީ ހައްގެއްނޫން ކަމަށާއި އެއީ ޝަރަފެއްކަން ފާހަގަކުރައްވާ އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެއީ އެ ޝަރަފުލިބުމުގެ ކުރިން ފުރިހަމަވާންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ފުރިހަމަކުރެވިގެން ހާސިލްކުރެވޭ ޝަރަފެއް ކަމަށެވެ.

ގާނޫނީ ވަކީލުންނަކީ އެ މީހުންގެ މުވައްކިލުންނާއި މުޖުތަމައުގެ ތެރެއިން އިހްތިރާމް ލިބޭ ބައެއް. ކޯޓުގައި މަސައްކަތްކުރާ އިރު ވަކީލުންނަކީ ކޯޓުގެ އޮފިސަރުން. މުވައްކިލުން ތަމްސީލުކުރުމަށްޓަކައި ކޯޓަށް ހާޒިރުވާ ކޮންމެ ވަގުތަކީ ޚާއްސަ ޝަރަފްވެރިކަމެއް އިހްސާސް ކުރެވިގެންދާނެ ވަގުތެއް. ތިމާގެ އަމިއްލަ ނަފްސާމެދު ފަޚްރުވެރިވާނެ ވަގުތެއް.
އުއްތަމަ ފަނޑިޔާރު

ގާނޫނީ ވަކީލަކަށްވުމުގެ ފަޚްރާއެކު ޒިންމާތަކާއެކު މަސްއޫލިއްޔަތުތަކެއްވެސް ކޮނޑުގައި އެޅިގެންދާނެ ކަމަށާއި އޭގެ ތެރެއިން އެންމެ ބޮޑު ޒިންމާއަކީ ތިމާގެ މަސައްކަތުގެ އަޚްލާގު ހިފެހެއްޓުމާއި ފަރުވާތެރިކަމާ ހުށިޔާރުކަމާއެކު ތިމާގެ މުވައްކިލުންނާ މުޖުތަމައުގެ ހައްގުގައި މަސައްކަތް ކުރުމުގެ ޒިންމާ ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އަދި އެގޮތުގައި މަސައްކަތް ނުކުރެވޭނަމަ އެމީހަކު ވެގެންދާނީ ހޭރިނެތިގެން އުޅޭ ދޯންޏެއްފަދަ މީހަކަށް ކަމަށާއި ގާނޫނީ ފަންނުގައި މަސައްކަތްކުރާ ފަރާތްތަކުން ތަބާވާންޖެހޭ މަސައްކަތުގެ އަޚްލާގާއި ސުލޫކު ހެޔޮގޮތައި ނުހިފެހެއްޓޭ ބަޔަކު ކަމުގައިވާނަމަ ގާނޫނީ ވަކީލުންނަކީ މި ފަންނުގެ މައި މޭސްތިރިން ކަމުގައި ވެގެން ނުދިޔައީސް ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ގާނޫނީ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ވަކީލުންނަކީވެސް ގާނޫނީ އިލްމުގެ ދާއިރާގެ ތެރެއިން ކޮންމެ ދުވަހަކު އައު ތަޖުރިބާތަކެއް ކުރައްވާ އައު ކަންތައްތަކެއް ދަސްކުރައްވަން މަސައްކަތް ކުރައްވާ ބަޔަކަށްވާންޖެހޭ ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ސަބަބަކީ ގާނޫނީ ވަކީލުންނަކީ ވަރަށް ޒިންމާދާރު މަސައްކަތެއް ކުރަންޖެހިފައިވާ ވަރަށް ގިނަ ބައެއްގެ މަސްލަހަތު އެކަމެއްގެ ތެރޭގައި ހިމެނޭފަދަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ބަޔަކަށްވުން. އަދި ވަކީލުން ކުރާ މަސައްކަތުގެ ގޮތުން އަބަދުވެސް ކަންކަން ދިރާސާކޮށް ލިޔުމާއި، ކިޔުމުގެ ތެރޭގައި ދުވަސްތައް ހޭދަކޮށް ލިބިފައިވާ އިލްމު އިތުރުކުރަން މަސައްކަތްކުރާ ބަޔަކަށް ވާން އެބަޖެހޭ.
އުއްތަމަ ފަނޑިޔާރު

ގާނޫނީ ފަންނަކީ އެ ފަންނުގެ ހުނަރުތަކާއި އުކުޅުތައް ދަސްކޮށްގެން ނޫނީ އޭގެ ތެރޭގައި ހަރަކާތްތެރިވެވޭނެ ދާއިރާއެއްނޫން ކަމަށާއި ހަމައެކަނި މާލީ ތަނަވަސްކަން ހޯދުމުގެ ބޭނުމުގައި މި ފަންނުގެ ތެރެއަށް ވަންނަ މީހަކަށް މި ފަންނުގެ ތެރެއަށް އެ ވަދެވެނީ ގޯސް ވިސްނުމެއްގެ މައްޗަށް ބަރޯސާވެވިގެން ކަމަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުދާން ވިދާޅުވިއެވެ.