މާލޭ ސްކޫލުތަކުގައި ގްރޭޑް 8ގެ ކިޔެވުން މާދަމާ ފެށޭނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.އަބްދުﷲ ރަޝީދު ވިދާޅުވީ ގްރޭޑް 8ގެ ދަރިވަރުންގެ ކިޔެވުން މިމަހުގެ 19ވާ ހޯމަދުވަހުން ފެށިގެން ފަށާއިރު، މިމަހުގެ 25 ވަނަ ދުވަހު ގްރޭޑް 7 ގެ ދަރިވަރުންނަށް ކިޔަވައިދޭން ފަށާނެކަމަށެވެ.

ސްކޫލުތަކަށް ދަރިވަރުން ގެންގޮސްގެން ކިޔަވައި ދިނުމަކީ ވަރަށް މުހިންމުކަމެއްކަމަށާއި މިއަހަރުގެ ޖެނުއަރީމަހާއި ފެބްރުއަރީމަހު ސްކޫލުތަކަށް ދަރިވަރުންނަށް ދެވުނަސް އޭގެ ފަހުން ސްކޫލުތަކަށް ދިޔުމުގެ ފުރުސަތު ނުލިބި ގޭގައި ތިބެން ޖެހުނުކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ކޮވިޑްގެ މިހާލަތުގައި ގޭގައި ތިބެން ޖެހުނަސް ދަރިވަރުންގެ ކިޔެވުން މެދު ކެނޑުނަ ނުދިނުމަށްޓަކައި އެޑިޔުކޭޝަން މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރިކަން ފާހަގަކުރައްވާ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުއްﷲ ރަޝީދު ވިދާޅުވީ އެހެންނަމަވެސް ފިޒިކަލީ ކްލާސްތަކަށް ދަރިވަރުން ގޮސްގެން ކިޔެވުމުން އެލިބޭ ފައިދާ އޮންލައިންކޮށް ކިޔަވައިގެން ނުލިބޭކަން ގިނަ ދިރާސާތަކުން ދައްކާކަމަށެވެ.

މި ހާލަތަށް އެއްވެސް ބަޔަކު ތައްޔާރުވެފައި ނުވާއިރު ޓީޗަރުން ކުރި، އަދި ކުރަމުންދާ ބުރަ މަސައްކަތް އެޑިޔުކޭޝަން މިނިސްޓްރީން ފާހަގަކުރެއެވެ. އެހެންނަމަވެސް ދަރިވަރުންނަށް އެންމެ ފައިދާބޮޑު ގޮތަކީ ދަރިވަރުން ސްކޫލުތަކަށް ގޮސްގެން ކިޔަވައިދިނުންކަމަށްވާތީ ސްކޫލުތަކަށް ކިޔަވަން، ދަރިވަރުން ފޮނުވުމަށް އެ މިނިސްޓްރީން އެދެއެވެ.

ކޮވިޑް-19އާ ގުޅިގެން ސްކޫލްތަކުގައި ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒް ކުރޭތޯ ވަރަށް ގާތުން ބަލަމުންއަންނަކަމަށާއި އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކަށް ސްކޫލްތަކުން އަމަލުކުރަމުންދާކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ސްކޫލުތައް ބަންދުކުރުމަށްފަހު އަލުން ސްކޫލުތައް ހުޅުވާފައިވަނީ ޖުލައި މަހުގެ 1 ވަނަ ދުވަހުއެވެ.