ޗައިނާގައި ބޭސްއުފައްދާ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ސިނޮވެކް ބަޔޯޓެކުން އުފައްދާ ކޮވިޑް-19 ވެކްސިންގެ ޑޯޒެއް ޖެހެނީ 200 ޔުއާން (29.75 އެމެރިކާ ޑޮލަރަށް) ކަމަށް އެކުންފުނިން ބުނެފިއެވެ.

ސިނޮވެކް ބަޔޯޓެކުން ތަރައްގީކޮށް އުފައްދާ ވެކްސިނަށް ދީފައިވާ ނަމަކީ "ކޮރޯނާވެކް" އެވެ.

މީގެ 2 ޑޯޒް ކޮންމެ ބަލިމީހަކަށް ދޭންޖެހޭއިރު، ވެކްސިން ޖެހުމަށް ގާތްގަނޑަކަށް ކޮންމެ ބޮލަކަށް 60 އެމެރިކާ ޑޮލަރު ޚަރަދުވާނެއެވެ.

ޗައިނާގައި ހިންގާ ގައުމީ ޕްރޮގްރާމްގެ ތެރެއިން އަޖުމަބެލުމުގެ މަރްހަލާގައިވާ މި ވެކްސިން އެންމެ ފުރަތަމަ ދިނުމަށް ހަމަޖެހިފައިވަނީ މަސައްކަތްތެރިންނާއި، ހައި ރިސްކް ގްރޫޕްތަކަށެވެ.

ޖިއާޝިންގ ސިޓީގެ ސެންޓަރ ފޮރް ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ވެކްސިން ސިއްހީ މަސައްކަތްތެރިންނަށް ދިނުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

ޗައިނާގެ އެތައް ކުންފުންޏަކުން ކޮވިޑް ވެކްސިން ތަރައްގީކުރަމުން އެބަގެންދެއެވެ. ނަމަވެސް، ޗައިނާގައި އުފައްދާ ވެކްސިންތަކުގެ އަގުގެ އެއްވެސް ތަފްސީލެއް ޗައިނާ ސަރުކާރުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

އެކަމަކު، ވެކްސިންތައް ތަރައްގީކުރުމުގެ ފަހުގެ މަރްހަލާގެ ތެރެއިން ޖުލައިމަހުން ފެށިގެން މިހާތަނަށް އެތައްހާސް ބަޔަކަށް ވެކްސިން ދީފައި ވެއެވެ.

ޖިއާޝިންގ ސިޓީގެ ސިނޮވެކް ބަޔޯޓެކުން އުފައްދާ ވެކްސިންގެ އަގު ހާމަކުރިއިރު، އަގު ކަނޑައަޅާފައިވަނީ ސަބްސިޑީ ހިމަނައިގެން ކަމެއް ސާފު ނުވާކަމަށް މީޑިއާއިން ބުނެއެވެ. ސިނޮވެކުންވެސް އެކަމަށް އެއްޗެއް ބުނެފައެއް ނުވެއެވެ.

ސިނޮވެކް ބަޔޯޓެކުން އުފައްދާ "ކޮރޯނާވެކް" ވެކްސިންގެ އެންމެފަހުގެ އަޖުމަބެލުމުގެ ޓްރައިލްސްތައް ބްރެޒިލް، އިންޑޮނޭޝިޔާ އަދި ތުރުކީގައި މިހާރުވެސް ކުރިއަށް އެބަދެއެވެ.

ތިންވަނަ ފިޔަވަހި ނުވަތަ އެންމެފަހު ފިޔަވަހީގެ އަޖުމަބެލުމުގެ ޓެސްޓުތަކުގެ ނަތީޖާ ލިބޭވަރުވާނީ ނޮވެމްބަރުމަހުގެ ކުރީކޮޅު ކަމަށް ސިނޮވެކުން ބުނެފައި ވެއެވެ.

ޗައިނާގެ ސިނޮވެކް ބަޔޯޓެކުން އުފައްދާ ވެކްސިންގެ 40 މިލިއަން ޑޯޒް ގަތުމަށް ސިނޮވެކާއެކު އެއްބަސްވުމެއް ހަދާފައިވާ އިންޑޮނޭޝިޔާ ސަރުކާރުގެ ބަޔޯ ފާރމާ ކުންފުނިން މިދިޔަ ހަފްތާގައި ބުނެފައިވަނީ، އެއްބަސްވުމުގައި ކަނޑައަޅާފައިވާ އަގުގެ ދަށުން ވެކްސިން ޑޯޒެއް ޖެހެނީ 200،000 ރުޕިޔާ (13.60 އެމެރިކާ ޑޮލަރަށް) ކަމަށެވެ.

ޗައިނާ ސަރުކާރުންވަނީ، އެގައުމުގައި ވެކްސިން އުފައްދާ ކުންފުނިތަކަށް އެކަށީގެންވާ ފައިދާއެއް ލައިގެން ވެކްސިން ވިއްކުމުގެ ހުއްދަ ދީފައެވެ.

ޗައިނާ ނޭޝަނަލް ފާމަޝޫޓިކަލް ގްރޫޕް (ސީނޯފާމް) އިން އޮގަސްޓްމަހު ބުނެފައިވަނީ، އެކުންފުނިން އުފައްދާ ވެކްސިންގެ އަގު 1،000 ޔުއާނަށްވުރެ މަތިނުވާނޭ ކަމަށެވެ. އެއީ، 2 ޑޯޒަށް 148.80 އެމެރިކާ ޑޮލަރުގެ މިންވަރެވެ.

ޗައިނާ ސަރުކާރުގެ ނޭޝަނަލް ހެލްތު ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވެފައިވަނީ، ވެކްސިން ޑޯޒެއްގެ އަގު އެއަށްވުރެ ހެޔޮވާނޭ ކަމަށެވެ.