ކުޅުދުއްފުއްޓަށް އަރައި ފޭބުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަނެއްކާވެސް މަނާކޮށްފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރެފައިވާ އެންގުމެއްގައި ވަނީ، އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ އިހުތިޔާރުގެ ތެރެއިން ކުޅުދުއްފުށީގައި މިވަގުތު ތިބި އެއްވެސްމީހަކު އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުން މަނާ ވެގެންވާ ކަމަށެވެ.

އަދި އެޗްޕީއޭގެ ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުންވެސް މަނާ ވެގެންވާ ކަމަށް އެ އެންގުމުގައި ބުނެފައިވެއެވެ.

އެޗްޕީއޭ އިން މިގޮތަށް ނިންމީ ކުޅުދުއްފުށިން އިތުރު 4 މީހަކު ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

މީގެތެރޭގައި ހިމެނެނީ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވި 2 މީހުންނާއި ރެންޑަމް ސާމްޕަލްއިން ޕޮޒިޓިވްވި 2 މީހުން ކަމަށް މައުލޫމާތު ލިބެއެވެ.

ކުޅުދުއްފުށިން ކޮވިޑް-19 އަށް ޕޮޒިޓިވް ފަރާތްތަކެއް ފެނުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކުޅުދުއްފުށީ ކައުންސިލުން މިހާރު ވަނީ އިލްތިމާސް ކޮށްފައެވެ.

އެގޮތުން ކައުންސިލުން ނެރުނު އިއުލާނުގައި، ކުޅުދުއްފުށީގައި ކޮވިޑް-19 ރޯގާގެ ބިރުވެރިކަން އިތުރުވަމުންދާ މިދަނޑިވަޅުގައި ރައްކާތެރިވުމުގެ ގޮތުން އެޅެންހުރި ހުރިހާ ފިޔަވަޅުތައް އެޅުމަށާއި ސިއްހީ މާހިރުންގެ ލަފަޔާއި އިރުޝާދަށް ފުރިހަމައަށް ބޯލެބުމަށް އެންމެހާ ރައްޔިތުންނަށް އިލްތިމާސް ކޮށްފއި ވެއެވެ.

ކޮންމެހެން ނުކުންނަން ޖެހިގެންނޫނީ ބޭރަށް ނުނިކުތުމަށާއި ބޭރަށް ނުކުންނަނަމަ މާސްކު އަޅައި ގައިދުރުކަން ބެހެއްޓުމަށް އެދޭ ކަމަށާއި އަދި ނަމާދަށް މިސްކިތަށް ދާނަމަ މާސްކު އެޅުމާއި، މުސައްލައެއް ހިފައިގެން މިސްކިތަށް ދިއުމަށްވެސް ކައުންސިލުން އެދިފައި ވެއެވެ.

ރާއްޖެއިން މިހާތަނަށް 11،178 މީހަކު ޕޮޒިޓިވް ވެފައިވާއިރު މިބަލީގައި މިހާތަނަށް ރާއްޖެއިން 36 މީހަކުވަނީ ނިޔާވެފައެވެ.

އެޗްޕީއޭ އިން ބުނީ ބަލިޖެހިގެން ފަރުވާ ދެމުންދަނީ 1،138 މީހުންނަށް ކަމަށެވެ. އޭގެތެރެއިން 369 މީހަކަށް އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާދެމުންދާއިރު 43 މީހަކަށް ދަނީ ހޮސްޕިޓަލުތަކުގައި ފަރުވާދެމުން ކަމަށް އެޗްއީއޯސީން ބުނެއެވެ.