ކޮވިޑް-19 ބަލީގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ދާދި ދެންމެއަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނިކޮށް މިއަދު ނިޔާވެފައިވަނީ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެމީހާ ނިޔާވީ މިއަދު މެންދުރުފަހު 3:50 ގައި ކަމަށްވެސް އެޗްޕީއޭއިން ބުނެފައި ވެއެވެ

މިއާއެކު، ކޮވިޑްބަލީގައި ރާއްޖެއިން މަރުވި މީހުންގެ ޖުމްލަ އަދަދު މިވަނީ 37 އަށް އަރާފައެވެ.

ކޮވިޑް ބަލީގައި ރާއްޖެއިން އިއްޔެވެސް މީހަކު މަރުވެފައި ވެއެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނިކޮށް އިއްޔެ ހެނދުނު 7:00 އެހާއިރު ނިޔާވެފައިވަނީ އުމުރުން 67 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި 3 މީހަކަށް ފަރުވާދެމުންގެންދާ ކަމަށެވެ. އަދި ވޯޑުގައި އެޑްމިޓްކޮށްގެން 40 މީހަކަށް ފަރުވާދެމުންގެންދާ ކަމަށެވެ.