ދިވެހި ޤައުމިއްޔަތަށް މިއަދު ދިމާވެފައިވާ ގޮންޖެހުންތަކަކީ މަސްތުވާތަކެތީގެ ވަބާ އާއި ގޭތެރޭގައާއި މުޖުތަމައުގައި ދިމާވާ އަނިޔާއާއި ގޯނާ އާއި ފުރައްސާރައިގެ އިތުރުން އިސްލާމްދީނުގެ ސައްހަ އަޤީދާ ދޫކޮށް ހަރުކަށި އަނިޔާވެރި މަގަށް ލެނބޭ ޒުވާނުން އަޅުގަނޑުމެންގެ ތެރޭގައި އިތުރުވަމުން ދިއުން ކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.

ޤައުމީ ދުވަސް ފާހަގަކުރުމަށް އުތީމްގައި ބޭއްވި ޚާއްޞަ ޖަލްސާ މެދުވެރިކޮށް ފޮނުއްވި ޚިޠާބުގައި ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުالله ވިދާޅުވީ ދިވެހި ޤައުމިއްޔަތަށް މިއަދު މިޒަމާނުގައި ދިމާވެފައިވާ ބޮޑެތި ބައެއް ގޮންޖެހުންތަކަކީ ދިވެހިންގެ މެދުގައި ވަކިން ޚާއްސަކޮށް ޒުވާނުންގެ މެދުގައި ފެތުރިފައިވާ މަސްތުވާތަކެތީގެ ވަބާ އާއި އަޅުގަނޑުމެންގެ މައުސޫމް ކުޑަކުދިންނާއި އަންހެނުންނަށް ގޭތެރޭގެ ވެށިގައާއި މުޖުތަމައުގައި ދިމާވަމުން އަންނަ އަނިޔާއާއި ގޯނާ އާއި ފުރައްސާރައިގެ އިތުރުން އިސްލާމްދީނުގެ ސައްހަ އަޤީދާ ދޫކޮށް ހަރުކަށި އަނިޔާވެރި މަގަށް ލެނބޭ ޒުވާނުން އަޅުގަނޑުމެންގެ ތެރޭގައި އިތުރުވަމުންދާ ދިއުން ކަމަށެވެ. މިކަން ކަމަކީ އަޅުގަނޑުމެންގެ އަންނަން އޮތް ޖީލުތަކާއި ދުނިޔޭގެ މީހުން އަޅުގަނޑުމެން ސިފަ ކުރާނެގޮތްކަން ފާހަގަކުރައްވާ މިނިސްޓަރ އިމްރާން ވިދާޅުވީ މިކަން ކަމަކީ މިކަންކަން ހައްލުކޮށްގެން ނޫންގޮތަކަށް އަޅުގަނޑުމެންނަށް ތަރައްޤީއާއި ކުރިއެރުން ނުހޯދޭނެ ކަންކަން ކަމަށެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ ދުރުން ބޭރުން އަރައިގެން އައިސް ރާއްޖެ އަޅުވެތިކޮށްފާނެ ބައެއްގެ ބިރަށްވުރެ މިވަގުތު ރާއްޖެ އަޅުވެތިވެފައި ވަނީ މިފަދަ އިޖުތިމާއީ އަޚުލާޤީ ވަބާ ތަކަށްކަމަށެވެ. އެހެންކަމުން މިކަމާމެދު ވިސްނާ ފިކުރުކޮށް މިމައްސަލަތައް ހައްލުކުރުމަކީ އަމިއްލަ ފަރުދީ، ޤައުމީ ޒިންމާއެއްކަމުގައި ޤަބޫލުކޮށްގެން އެމަގަމަށް މަސައްކަތް ކޮށްދެއްވުމަށް މިނިސްޓަރ އިމްރާން ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑަިއގެންފައެވެ. މި މައްސަލަތައް ޙައްލުކޮށް ދިވެހި ޤައުމިއްޔަތާއި މިނިވަން ކަން ރައްކާތެރިކޮށް ދިވެހިން އެދޭ ދިވެހިންނަށް ޙައްޤުވާ ދިރިއުޅުން ކަށަވަރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ކުރައްވަމުންގެންދަވާ މަސައްކަތް ޕުޅު މިނިސްޓަރ ޢިމްރާން ފާހަގަކުރެއްވިއެވެ.

ދުރުން ބޭރުން އަރާގެން އައިސް އަޅުގަނޑުމެން އަޅުވެތިކޮށްފާނެ ބައެއްގެ ބިރަށްވުރެ މިވަގުތު އަޅުގަނޑުމެން އަޅުވެތިވެފައި މިވަނީ މިދެންނެވި އިޖުތިމާއީ އަޚުލާޤީ ވަބާ ތަކަށް. އެހެންކަމުން އަޅުގަނޑު އެންމެހާ ފަރާތްތަކުގެ ކިބައިން މިއެދެނީ މިކަމާމެދު ވިސްނާ ފިކުރުކޮށް މިމައްސަލަތައް ހައްލުކުރުމަކީ އަމިއްލަ ފަރުދީ، ޤައުމީ ޒިންމާއެއްކަމުގައި ޤަބޫލުކޮށްގެން އެމަގަމަށް މަސައްކަތް ކޮށްދެއްވުމަށް"
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުالله ވަނީ ތަފާތު ވިސްނުންތަކާއި ޚިޔާލުތަކުގެ ތެރެއިން އަޅުގަނޑުމެންގެ ދީނާއި މިނިވަންކަމާއި ޤައުމިއްޔަތުގެ އެންމެހާ ބަހާތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ވެސް ގޮވާލައްވާފައެވެ. މިނިސްޓަރގެ ހިޠާބުގައި ވިދާޅުވީ ނޮވެލް ކޮރޯނާ ވައިރަހުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިމިވާ ހިތާމަވެރި ދަތި އުނދަގޫ ހާލަތުގައި 77 ވަނަ ޤައުމީ ދުވަހާ އަޅުގަނޑުމެން ދިވެހިން ކުރިމަތިލާ އިރު ފާހަގަކޮށްލަންޖެހޭ ބައެއް ކަންކަން އެބަހުރިކަމަށެވެ. އެގޮތުން އެމަނިކުފާން ފާހަގަކުރެއްވީ މިއަދު މި ރާއްޖޭގެ މިނިވަންކަމާއި ޤައުމިއްޔަތު މި ޖީލާހަމަޔަށް ދެމިގެން އައިސްފައި އޮތީ މިފަދަ އަދި މިއަށްވުރެ ދަތި އެތައް ހާލަތެއް މެދުވެރިވަމުންކަމެވެ. މިފަދަ ކޮންމެ ހާލަތެއްގައި ދިވެހި އެއިރުގެ ހާލަތާއި ވަގުތާ ތަންދިން ކޮންމެ ގޮތަކަށް ދިވެހި ކާބަފައިން ދިވެހިންގެ މިނިވަންކަމާއި ދިވެހި ޤައުމިއްޔަތުގެ ބަހާތައް ޙިމާޔަތްކޮށް އަޅުގަނޑުމެންގެ މި ޖީލާހަމަޔަށް ފޯރުކޮށްދެއްވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންކަމުން މިއަދު އަޅުގަނޑުމެން އަނެއްކާވެސް އަޒުމް ކަނޑައަޅަންވީ އެންމެ މުހިންމު ކަމަކީ އިގްތިސާދީގޮތުންނާއި އިޖްތިމާއީ ގޮތުންނާއި އަދި ސިޔާސީ މައިދާނުގައި ކުރިމަތިވަމުންއަންނަ ގޮންޖެހުންތަކާއި ބަވަނަވަމުންދާ ދުނިޔޭގައި ހިނގާ ކަންކަމުގެ އަސަރު ފޯރަމުން ދިއުމާއެކުވެސް ދިވެހީންގެ އެއްބައިވަންތަކާއި އެކުވެރިކަމާއި އަޅާލުމާއި އޯގާތެރިކާމާއި މެހެމާންދާރީ އަދާކުރުމުގެ މަތިވެރި ސިފަތައް ބީވެގެން ދިޔަނުދީ ދެމެހެއްޓުމަށްކަމަށް ވިދާޅުވިއެވެ. ހަމައެހެންމެ ދިވެހި ޤައުމިއްޔަތުގެ އަސާސްތައް ކަމުގައި އަބަދުވެސް އަޅުގަނޑުމެން ޤަބޫލުކުރަމުން އަންނަ މާތްވެގެންވާ އިސްލާމް ދީނާއި، ދިވެހި ބަހާއި ދިވެހި ސަޤާފަތާއި ދިވެހިންގެ ޒަމާންވީ ތަރިކައާއި ދިވެހި ޙަޟާރަތު ހިމާޔަތްކޮށް މިނިވަން މުސްތަޤިއްލު ބައެއްގެ ގޮތުގައި މި ރާއްޖެ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް އަޒުމްކަނޑައަޅަން ޖެހޭކަމަށް ހޯމް މިނިސްޓަރުގެ ހިޠާބުގައި ވިދާޅުވިއެވެ.

މިޒަމާނުގައި ދުނިޔެ ބަވަނަވެ ލާމެހިފައިވާ މިންވަރާއި، ދުނިޔޭގެ ހާލަތު އަންދާޒާކުރެވޭ ވަރަށްވުރެ ބާރުމިނުގައި ބަދަލުވަމުން އަންނަ އައުމާއި އަދި ދުނިޔޭގެ ޤައުމެއްގެ ގޮތުން އަޅުގަނޑުމެން ދިވެހީން މި ބަދަލުތަކާއި ލޮޅުންތަކަށް ހުށަހެޅިފައިވާ މިންވަރުވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެކަންކަމާމެދު ވިސްނާލުމުން ޔަޤީންވާ ކަމަކީ މިއަދު މިޒަމާނުގައި އަޅުގަނޑުމެންގެ ދީނަށާއި މިނިވަންކަމަށާއި ޤައުމިއްޔަތަށް ކުރިމަތިމިވާ ގޮންޖެހުންތަކާއި ނުރައްކާތައް އިހުނާ އަޅާބަލާއިރު ވަރަށް ތަފާތުކަންކަމަށް ވިދާޅުވިއެވެ. 77 ވަނަ ޤައުމީ ދުވަސް ފާހަގަ ކުރަމުން ދާއިރު ޤައުމިއްޔަތަށް ދިމާވަމުން އަންނަ ބައެއް ގޮންޖެހުންތަކާމެދު ފުންކޮށް ވިސްނާ ކުރިމަތިވެފައިވާ ގޮންޖެހުންތަކާމެދު ވިސްނާ އީޖާދީ މޭރުމަކުން އެކަންކަން ހައްލުކުރަން ޖެހޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.