ތިލަފުށްޓާއި ގުޅިފަޅުން ސިނާއީ ބިންތަކާއި ކޮމާޝަލް ޔުނިޓްތައް ކުއްޔަށް ނަގާފައިވާ ފަރާތްތަކުން، އެތަންތަނަށް ދައްކަންޖެހޭ ކުއްޔާއި، އެހެނިހެން ފީތައް އެޗްޑީސީއަށް ދައްކަން ޖެހޭގޮތަށް ހަމަޖައްސައިފިއެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ވަނީ އެކުންފުންޏާއި ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް އެއްކޮށްލުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން ތިލަފުށި އަދި ގުޅީފަޅުން ސިނާއީ ބިންތަކާއި ކޮމާޝަލް ޔުނިޓްތައް ކުއްޔަށް ދިނުމާއި ބެހޭގޮތުން އެކި ފަރާތްތަކާއެކު ވެފައިވާ އެއްބެސްވުންތައް މި ކޯޕަރޭޝަނަށް ނަގުލު ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުން ކަމަށެވެ.

އެހެންކަމުން ތިލަފުށި އަދި ގުޅީފަޅުން ސިނާޢީ ބިންތަކާއި ކޮމާޝަލް ޔުނިޓްތައް ކުއްޔަށް ނަގާފައިވާ ފަރާތްތަކުން އެ ތަންތަނާ ގުޅިގެން އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ މަހު ކުއްޔާއި އެހެނިހެން ފީ މާދަމާއިން ފެށިގެން އެޗްޑީސީއަށް ދައްކަމުން ގެންދިޔުމަށް އެދޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެގޮތުން ޗެކުން ފައިސާ ދައްކާ ފަރާތްތަކުން ޗެކް ތައްޔާރު ކުރާނީ އެޗްޑީސީގެ ނަމުގައި ކަމަށާއި އަދި ނަގުދު ފައިސާއިން ކުއްޔާއި އެހެނިހެން ފީ ދައްކަން ބޭނުންވާ ފަރާތްތަކަށް އެ ކޯޕަރޭޝަންގެ މައި އޮފީހުގައި ގާއިމްކޮށްފައިވާ ކޭޝް ކައުންޓަރުތައް މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ވާނީ ހަމަޖެހިފައި ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

އެ ކޯޕަރޭޝަނުން ތައްޔާރުކޮށްފައިވާ "މައި ހުޅުމާލެ" ވެބް ޕޯޓަލްގައިވާ "ކުއިކް ޕޭ" މެދުވެރިކޮށް ތިލަފުށި އަދި ގުޅީފަޅުން ސިނާއި ބިންތަކާއި ކޮމާޝަލް ޔުނިޓްތައް ކުއްޔަށް ނަގާފައިވާ ފަރާތްތަކުން އެ ތަންތަނާ ގުޅިގެން އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސަމުންގެންދާ ކަމަށްވެސް އެ ކޯޕަރޭޝަނުން ކުރި އިއުލާނުގައިވެއެވެ.