• ދުނިޔެއިން ރެކޯޑު އަދަދަކަށް އިއްޔެ މީހުން ޕޮޒިޓިވްވި: ޑަބްލިޔޫއެޗްއޯ

ކޮވިޑް-19 ބަލި އަލުން ފެތުރިގެންފާނެތީ އެކަން ހުއްޓުވުމުގެގޮތުން ޔޫރަޕްގެ އެތައް ގައުމަކުން ހަރުކަށި އެތައް ފިޔަވަޅުތަކެއް އަޅައިފިއެވެ.

ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހާއި، އިތުރު 8 ސިޓީއެއްގައި، ރެސްޓޯރަންޓްތަކާއި، ބާރތަކާއި، ފިލްމު ތިއޭޓަރުތަކާއި، އެނޫންވެސް ގިނައިން މީހުން އެއްވެއުޅޭ ތަންތަން ރޭގަނޑު އެންމެ ލަސްވެގެން 9:00 ގައި ބަންދުކުރުމަށް ކަމާބެހޭ ފަރާތްތަކުން މިހާރުވަނީ އަންގާފައެވެ.

މިގޮތުން، އަޅާ ފިޔަވަޅުތައް ތަންފީޒުކުރުމަށް އިތުރު 12،000 ފުލުހުން މަގުތަކަށް ނެރުމަށްވެސް ސަރުކާރުންވަނީ ނިންމާފައެވެ.

ރޭގަނޑު 9:00 ގައި ރެސްޓޯރަންޓްތައް ބަންދުކުރުމަށް ސަރުކާރުން އެންގުމުން، ރެސްޓޯރަންޓް ހިންގާ އެތައް ފަރާތަކުން ގެންދަނީ ޝަކުވާ ކުރަމުންނެވެ. އެއީ، ކުރިން އެޅި މަސްދުވަހަށް ދެމިގެންދިޔަ ލޮކްޑައުންގެ ސަބަބުން ރެސްޓޯރަންޓް ވިޔަފާރިއަށް ބޮޑެތި ގެއްލުންތައް ލިބިފައިވާތީއެވެ.

ރެސްޓޯރަންޓް ހިންގާ ގިނަ މީހުން ބުނަމުންދަނީ، ރޭގަންޑު 11:00 ގައި ތަންތަން ބަންދުކުރުން އެންމެ ރަނގަޅު ކަމުގައެވެ.

ރެސްޓޯރަންޓްތައް ބަންދުކުރާ ވަގުތު އިތުރު 2 ގަޑިއެއްހާ އިރަށް އިތުރުކުރުމާއި، ބަލިޖެހޭ މީހުންގެ އަދަދު އިތުރުވުމާ ގުޅުމެއްވާ ކަމުގެ އެއްވެސް ހެއްކެއް ނެތްކަމަށް އެމީހުން ބުނެއެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އެކަށައެޅުއްވި 3 ޓިއާގެ ހަރުކަށި ފިޔަވަޅުތަކުގެ އުސޫލަށް އިއްޔެއިންފެށިގެން ވަނީ އަމަލުކުރަން ފަށާފައެވެ.

އެގޮތުން، ބައެއް ސިޓީތަކުގައި އިޖުތިމާއީ އެއްވުންތަކާއި އިންޑޯ ބައްދަލުވުންތައް ބޭއްވުން މަނާކުރުމާއި، ޕަބްތައް ބަންދުކުރުންވެސް ހިމެނެއެވެ. އެންމެ ހަރުކަށި ފިޔަވަޅުތައް އަޅާފައިވަނީ ލަންކްޝަރ އަދި ލިވަޕޫލްގައެވެ.

ނޮތަރން އަޔަރލޭންޑް، ހުކުރު ދުވަހުން ފެށިގެން 4 ހަފްތާއަށްވަނީ ލޮކްޑައުންކޮށްފައެވެ. ޕަބްތަކާއި ރެސްޓޯރަންޓްތައްވެސް ހަމައެކަނި ޓޭކްއަވޭގެ ޚިދުމަތް ދޭގޮތަށް ވަނީ ބަންދުކޮށްފައެވެ.

އަދި ޓާމްބަންދުގެ މުއްދަތު ދިގުކޮށް ސްކޫލްތައްވެސް ދެ ހަފްތާއަށް ބަންދުކުރުމަށް ނޮތަރން އަޔަރލޭންޑްގެ ސަރުކާރުންވަނީ ނިންމާފައެވެ.

ޖަރުމަނުވިލާތުގެ ޗާންސެލަރ އެންޖެލާ މާކެލްވަނީ، ކުރިންވެސް ބަލި ފެތުރުން ހުއްޓުވަން ރައްޔިތުން އެއްބާރުލުން ދިންގޮތަށް، މިފަހަރުވެސް އެންމެން ގުޅި އެކަތިގަނޑަކަށް ވެގެން މަސައްކަތްކޮށްދިނުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ހަފްތާގެ ވީޑިއޯ ޕޮޑްކާސްޓް ބަޔާނުގައި ޗާންސެލަރ އެންޖެލާ މާކެލް ވިދާޅުވީ، ޖަރުމަނަށް ކުރިއަށްއޮތީ ދަތިއުނދަގޫ މަސްތަކެއް ކަމަށެވެ.

ޗާންސެލަރ ވިދާޅުވީ، އަހަރު ފަހުކޮޅު އަންނަ ބަންދުތަކަށް ގޮތް ނިންމުމުގެ ފުރުސަތު ބިނާވެފައި އޮންނާނީ، ކުރިއަށްމިއޮތް ދުވަސްތަކާއި ހަފްތާތަކުގައި އާންމު ރައްޔިތުންގެ އުޅުން ހުންނަ ގޮތެއްގެ މައްޗަށް ކަމަށެވެ.

ޔޫރަޕްގެ އެހެން އެތައް ގައުމަކުންވެސް މިހާރުވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށާފައެވެ. އެއީ، ބަލީގެ ހާލަތު ރަނގަޅުވުމަށްފަހު އަލުން ފެންނަމުންދާ ޕޮޒިޓިވް ކޭސްތަކުގެ އަދަދުތައް އިތުރުވާން ފެށުމާ ގުޅިގެންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ، ޑަބްލިޔޫއެޗްއޯއިން މިއަދު ބުނެފައިވަނީ، ކޮވިޑްބަލި ދުނިޔޭގައި ފެތުރޭން ފެށިފަހުން އިއްޔެއަކީ އެއްދުވަހެއްގައި އެންމެ ގިނަ އަދަދަކަށް ޕޮޒިޓިވް ކޭސްތައް ރިޕޯޓްކޮށްފައިވާ ދުވަސް ކަމަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ޕޮޒިޓިވްވި ވިކަމަށް ޑަބްލިޔޫއެޗްއޯއަށް އިއްޔެ ރިޕޯޓްކޮށްފައިވާ އަދަދަކީ 392،471 އެވެ.

އެއް ގައުމަކުން އެންމެ ގިނަ އަދަދަށް މީހުން ޕޮޒިޓިވް ވެފައިވަނީ އެމެރިކާއިންނެވެ. އެއީ، 63،044 އެވެ.

ދެވަނައަށް އެންމެ ގިނަމީހުން ޕޮޒިޓިވްވި ކަމަށް ރިޕޯޓްކޮށްފައިވަނީ އިންޑިއާއިންނެވެ. އިންޑިއާއިން އިއްޔެ 62،212 މީހުން ޕޮޒިޓިވްވެފައި ވެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާގެ ތަފާސްހިސާބުތައް ބުނާގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑްބަލި ޖެހުނު މީހުންގެ އަދަދު މިހާރުވަނީ 39،196،259 އަށް އަރާފައެވެ. ބަލީގައި މަރުވި ކަމަށް ރެކޯޑުކުރެވުނު މީހުންގެ އަދަދުވަނީ 1،101،298 އަށް އަރާފައެވެ.