ގައުމީދުވަހެއް ފާހަގަކުރާއިރު އަޒުމަކަށް ވާންޖެހޭނީ އެންމެފުރަތަމަ ގައުމު ކަމުގައި ހެދުމަށް ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް އިބްރާހިމް މިހެން ވިދާޅުވީ، ގައުމީ ދުވަހާގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ގާސިމް އިބްރާހިމްގެ ޓްވީޓްގައި، ފަޚުރުވެރި ގައުމީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށާއި، ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވާފައި ވެއެވެ.

ހަމަ އެއާއެކު، ޚިޔާލު ތަފާތުވުންތަކާ އެކުވެސް ދިވެހިން ދޫނުކޮށް ހިފަހައްޓަންވާނީ ދީނާއި ގައުމިއްޔަތުގައި ކަމަށް ވިދާޅުވެފައި ވެއެވެ. އަޒުމަކަށް ވާންޖެހޭނީ އެންމެ ފުރަތަމަ ގައުމު ކަމުގައި ހެދުމަށް ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

"ފަޚުރުވެރި ޤައުމީ ދުވަހުގެ ހެޔޮއެދުމާއި ތަހްނިޔާ ރައީސުލްޖުމްހޫރިއްޔާއަށާއި، ލޮބުވެތި ދިވެހި ރައްޔިތުންނަށް އަރިސް ކުރަން. ޚިޔާލު ތަފާތުވުންތަކާ އެކުވެސް ދިވެހިން ދޫނުކޮށް ހިފަހައްޓަންވާނީ ދީނާއި ޤައުމިއްޔަތެވެ. ޢަޒުމަކަށް ވާންޖެހޭނީ އެންމެފުރަތަމަ ޤައުމު ކަމުގައި ހެދުމެވެ"
ގާސިމް އިބްރާހިމް

1442 ވަނަ އަހަރުގެ ޤައުމީ ދުވަސް މިއަދު އައިއިރު، ކޮވިޑްބަލީގެ ހާލަތާ ގުޅިގެން ގައުމީ ދުވަސް ފާހަގަކުރުމުގެ ބޮޑެތި ހަރަކާތްތަކެއް ބާއްވާފައެއް ނުވެއެވެ.

ނަމަވެސް، އުތީމުގައި ސަރުކާރުން ޚާއްސަ ޖަލްސާއެއް ބާއްވާފައި ވެއެވެ. މި ޖަލްސާގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ގެ ވީޑިއޯ ހިތާބެއް އިއްވުން އޮތެވެ.

މީގެއިތުރުން، ގައުމީ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ސާލިހް މިއަދު ހެނދުނު ގައުމާ މުޚާތަބު ކުރެއްވިއެވެ.

ރައީސްގެ ހިތާބުގައި ވިދާޅުވީ، ރާއްޖޭގެ ގައުމިއްޔަތުގެ އެންމެ މަތިވެރި ސިފައަކީ، މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި، ބައިނަލްއަގްވާމީ މުޖުތަމައަށް ނޭވާލުމުގެ މަތިވެރި ނިއުމަތް ލިބިފައިވުން ކަމަށެވެ. އެގޮތުން މިއަދުވެސް ލިބިވަޑައިގަންނަވާ އެންމެ މަތިވެރި އުފަލަކީ، އަދި އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ދިވެހި ގައުމަށްޓަކައި، ދިވެހި ރައްޔިތުންގެ ދިފާއުގައި، ފުރާނަޔާއި ލެއިން ގުރުބާންވާން ތައްޔާރަށް އޮތް ސަލާމަތީ ފައުޖެއް މިގައުމުގައި ސާބިތުވެ އޮތުންކަމާއި، މިއީ ހަމަ ކޮންމެ ދިވެއްސަކުމެ ފަޚުރުވެރިވާނެ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.