މިނިސްޓަރ އޮފް ހެލްތުގެ މަގާމުގައި ހުންނެވި އަބްދުﷲ އަމީން މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މިނިސްޓަރ އަމީން މަގާމުން އިސްތިއުފާ ދެއްވާފައި އަންގާރަ ދުވަހުގެރޭ ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވި ސިޓީފުޅެއްގައި އެކަންވަނީ އަންގަވާފައެވެ.

ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކުރި ހަރަދުތަކާއި ގުޅޭގޮތުން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާއި ގުޅިގެން، އެކަމުގެ ތަހުގީގު ނިންމެންދެން މިނިސްޓްރީގެ މަސައްކަތްތަކުން އަމިއްލަފުޅަށް އެކަހެރިވާން ނިންމަވައި، އެކަން މިނިސްޓަރ އަމީން ރައީސް އިބްރާހިމް މުހަންމަދު ސާލިހަށް އަންގަވާފައިވަނީ އޮގަސްޓްމަހުގެ 17 ވަނަ ދުވަހުއެވެ.

އެ ސިޓީގައި އަމީން ވިދާޅުވެފައިވަނީ، އޮދިޓް ރިޕޯޓާގުޅިގެން ކަމާގުޅޭ މުއައްސަސާތަކުން މައްސަލަ ތަހުގީގުކޮށް ގޮތެއް ނިންމަންދެން ނުވަތަ ރައީސް ވަކިގޮތެއް އަންގަވަންދެން ހެލްތު މިނިސްޓްރީގެ މަސައްކަތްތަކުން އެކަހެރިވުމަށް ގަސްތުކުރައްވާ ކަމަށެވެ.

ބޮޑަށް މައްސަލަޖެހުނީ ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގ ކިޔާ ކުންފުންޏަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި މައްސަލާގައެވެ.

އެކަމުގައި މިނިސްޓަރ އަމީން އަމަލު ކުރައްވާފައިވަނީ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށް ބުނެ ތުހުމަތުތައް ކޮށްފައި ވެއެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލަ ތަހްގީގު ކުރުމަށްފަހު މިނިސްޓަރ އަމީންވެސް ހިމެނޭގޮތުން 11 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވުން ޕީޖީ އޮފީހުންވަނީ، އެކަމުގައި އެކަށީގެންވާ ހެކި ނެތްކަމަށް ބުނެ ދައުވާ ނުކުރުމަށް ނިންމާފައެވެ.

އޭގެފަހުން، މިނިސްޓަރ އަމީންގެ މައްސަލާގައި އެމްޑީޕީގެ ޕީޖީ ޕްރޫޕްގެ ބައްދަލުވުމެއްވެސް ބޭއްވިއެވެ. ނަމަވެސް، އަމީންގެ އިތުބާރު ނެތްކަމަށް ޕީޖީ ގްރޫޕް ބައްދަލުވުމުގައި ނުނިންމުނެވެ.

ދެން ފެނިގެންދިޔައީ، އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން، ރައްޔިތުންގެ މަޖިލީޙުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީ މެމްބަރުން ސޮއިހޯދަން ފެށިތަނެވެ.

އެމްޑީޕީގެ 24 މެމްބަރަކު ސޮއިކުރައްވައި މިނިސްޓަރ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ އަންގާރަދުވަހުގެ އިރާކޮޅުގެ ވަގުތެއްގައެވެ.

ހެލްތު މިނިސްޓާރުކަމުން އަމީން އިސްތިއުފާ ދެއްވައި، ރައީސަށް ސިޓީ ފޮނުއްވީ އަންގާރަ ދުވަހުގެރޭގެ ވަގުތެއްގައެވެ.

އިސްތިއުފާ ދެއްވުމާ ގުޅޭގޮތުން މިނިސްޓަރ އަބްދުﷲ އަމީން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ސާލިހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، މިވަގުތު އެންމެ ރަނގަޅު ގޮތަކީ މަގާމުން އިސްތިއުފާ ދެއްވުން ކަމަށްވާތީ އެކަން އެގޮތަށް ކުރައްވަން ނިންމެވީ ކަމަށެވެ.

އަމީންގެ ސިޓީގައި، އޭނާ މަގާމުން ދުރުކުރަން ކުރެވުނު މަސައްކަތްތަކަށް ތުހުމަތުތަކެއް ކުރައްވާފައި ވެއެވެ. އެގޮތުން ވިދާޅުވެފައިވަނީ، އެއީ އޭނާއަށް އަމާޒުވާ އެތިފަހަރުތަކެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށާއި، ނަމަވެސް، ސަރުކާރު ބަލިކޮށްލުމަށް އެފަދަ އެތަކެއް ކަމެއް ހިނގަމުންދާ ކަމަށެވެ.

"އަޅުގަނޑު މަގާމުން ދުރުކުރުމަށް ވާންކުރާ ކުރުމަކީ ކޮންމެހެން އަޅުގަނޑަށް އަމާޒުވާ އެތިފަހަރެއް ކަމަކަށް ނުދެކެން. އަދި މިހާލަތާ ގުޅިގެން މަނިކުފާނާއި ކުރެވުނު މަޝްވަރާއިން ހާލަތު އަޅުގަނޑަށް ވަޒަން ކުރެވުނު. އެހެންކަމުން މިހާލަތުގައި މަސްލަހަތު އެންމެ ރަނގަޅު ގޮތަކީ އަޅުގަނޑު މަގާމުން އިސްތިއުފާ ދިނުންކަމަށް ގަބޫލުކުރޭތީ، މިއަދުން ފެށިގެން މިނިސްޓަރ އޮފް ހެލްތުގެ މަގާމުން އިސްތިއުފާ ދީފިން"
އަބްދުﷲ އަމީން