ހެލްތް މިނިސްޓްރީއަށް ވެންޓިލޭޓަރ ހޯދުމާގުޅޭ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާނީ އެކަށީގެންވާ މިންވަރަށް ހެކި ހުރިކަމަށް ސާބިތުވާތީކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން މިހެން ބުނެފައިވަނީ މި މައްސަލައިގައި ދައުވާ ނުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ނިންމުމާއި ގުޅިގެން ނެރުނު ބަޔާނުގައެވެ.

އޭސީސީން ބުނެފައިވަނީ އެ ކޮމިޝަނުން ތަޙުޤީޤުކުރުމަށްފަހު ދަޢުވާކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާނީ، އެ މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފުވެ ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދީފައިވާކަން އެކަށީގެންވާ މިންވަރަށް ހެއްކާއި ޤަރީނާ ހުރިކަމަށް ތަޙުޤީޤަށް ސާބިތުވާތީކަމަށާއި މި މައްސަލާގައި ދަޢުވާ ނުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމާފައިވާ ނިންމުމުގައި ފާހަގަކޮށްފައިވާ ކަންކަން މިހާރު މުރާޖަޢާ ކުރަމުން އަންނަ ކަމަށެވެ.

މިބަޔާނުގައި ވަނީ ވެންޓިލޭޓަރ ހޯދުމާގުޅޭ މައްސަލަ އެ ކޮމިޝަނުން ތަޙުޤީޤުކުރުމަށްފަހު ދަޢުވާކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލަ އެ އޮފީހުން ޑިކްލައިންކޮށް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.03ގެ (ހ)ގެ ދަށުން ވެންޓިލޭޓަރ ހޯދުމުގެ ޕްރޮސެސް ކުރިއަށްގެންދިޔުމަށް މިނިސްޓްރީ އޮފް ހެލްތަށް ޚާއްސަ ހުއްދައެއް މިނިސްޓަރ އޮފް ފިނޭންސް ދެއްވާފައިވާކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފާހަގަކޮށްފައިވާތީ، އެކަމުގައި އެ ކޮމިޝަނުގެ ތަޙުޤީޤަށް ފާހަގަކުރެވިފައިވާ ކަންކަން ހާމަކޮށްފައެވެ.

އެގޮތުން ހެލްތް މިނިސްޓްރީއަށް ވެންޓިލޭޓަރތައް ހޯދި ދުވަސްވަރު ޢަމަލުކުރަމުންދިޔަ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ދައުލަތުގެ އޮފީހަކުން، ދައުލަތުގެ އޮފީސްތަކަށާއި، މުޢައްސަސާތަކަށް ތަކެތި ގަތުމާއި، ޚިދުމަތް ހޯދުމާއި، މަސައްކަތްތައް ކުރުވުމުގައި، އެ ގަވާއިދަށް ޢަމަލުކުރުން ލާޒިމުނުވާ ހާލަތްތައް ބަޔާންކޮށްފައިވާކަމަށް އޭސީސީން ބުނެއެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން ހޯދަންޖެހޭ މެޝިނަރީޒްއާ އިކުއިޕްމެންޓްތަކުގެ އަގު 2.5 މިލިއަން ރުފިޔާއަށްވުރެ ބޮޑުވާތީ، އެ ތަކެތި ހޯދޭނީ ނެޝަނަލް ޓެންޑަރ ބޯޑަށް ހުށަހަޅައިގެން ކަމަށްވާތީ 2.5 މިލިއަން ރުފިޔާއަށްވުރެ އަގު ބޮޑުވާ މަސައްކަތްތަކާއި ހޯދަންޖެހޭ ޑޮކިއުމެންޓްތައް ޓެންޑަރ ބޯޑަށް ހުށަހަޅަން ނުޖެހޭގޮތަށް ހެލްތް މިނިސްޓްރީގެ ބިޑު ކޮމިޓީން ނިންމައިގެން ކުރިއަށް ގެންދިއުމުގެ ޚާއްސަ ހުއްދައަކަށް މި އަހަރުގެ ފެބްރުވަރީ 13 ގައި ހެލްތު މިނިސްޓްރީން، ފިނޭންސް މިނިސްޓްރީގައި އެދުމުން، ހެލްތުގެ ބިޑު ކޮމިޓީ މެދުވެރިކޮށް އެ މަސައްކަތާއި ތަކެތި ހޯދުމުގެ ކަންކަން ކުރިއަށްގެންދިއުން އެންމެ ރަނގަޅުކަމުގައި ދަންނަވައި އެ ޚާއްސަ ހުއްދައިގެ މުއްދަކީ 1 މަސް ދުވަސް ކަމަށް ބަޔާންކޮށް 17 ފެބްރުވަރީ ގައި ހުއްދަދީފައިވާކަމަށް އޭސީސީން ބުނެއެވެ. އަދި އެ މުއްދަތު އިތުރުކުރުމަށްއެދި ހުށަހެޅުމުން، 17 މާރިޗުން ފެށިގެން 1 މަސްދުވަހަށް ހުއްދައިގެ މުއްދަތު އިތުރުކޮށްދީފައިވާކަންވެސް އޭސީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

75 ވެންޓިލޭޓަރ ހޯދުމާގުޅޭ މަސައްކަތް ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުން ޙަވާލުކުރުމުގެ ހުއްދައަކަށް ހެލްތު މިނިސްޓްރީން އެދުމުން ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުން ވެންޓިލޭޓަރތައް ހޯދުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާގޮތުގެ މަތިން ހެލްތުމިނިސްޓްރީގެ ބިޑު ކޮމިޓީއަށް ހުށަހަޅައިގެން އެއާމެދު ގޮތެއް ނިންމަވައިގެން ކުރިއަށްގެންދިއުމަށް 01 އޭޕްރިލް ގައި މިނިސްޓަރ އޮފް ފިނޭންސް ހުއްދަ ދެއްވާފައިވާކަމަށާއި މި ހުއްދައަކީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން 2.5 މިލިއަން ރުފިޔާއަށްވުރެ އަގުބޮޑު ޕްރޮކިއުމެންޓްގެ ކަންކަން ނެޝަނަލް ޓެންޑަރ ބޯޑަށް ހުށަހަޅައިގެން ކުރިއަށްގެންދިއުމަށް އޮންނަ އުސޫލަށް ޢަމަލުކުރުމުގެ ބަދަލުގައި 75 ވެންޓިލޭޓަރ ހޯދުމާގުޅޭ މަސައްކަތް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް މިނިސްޓްރީ އޮފް ހެލްތުގެ ބިޑު ކޮމިޓީއަށް ހުށަހަޅައިގެން ގޮތެއް ނިންމުމަށް ދީފައިވާ ހުއްދައެއްކަން ފާހަގަކުރެވެކަމަށްވެސް އޭސީސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ.

ވެންޓިލޭޓަރ ސަޕްލައިކުރުމުގެ މަސައްކަތް ޙަވާލުކުރުމަށް ހެލްތުގެ ބިޑު ކޮމިޓީން ނިންމުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން ބަލަންޖެހޭކަމަށް ބަޔާންކުރާ، ބީލަން ހުށަހަޅާ ފަރާތްތަކުގައި ހުންނަންޖެހޭނެ ހުނަރާއި ޤާބިލުކަމާއި ފެންވަރާއި ވަސީލަތްތައް ހުރިތޯ ވަޒަންކުރުމުގެ ގޮތުން ބަލަންޖެހޭ ކަންކަން ބަލާފައިނުވާކަން އޭސީސީން ވަނީ ފާހަގަކޮށްފައެވެ.

ވެންޓިލޭޓަރ ސަޕްލައިކުރުމާގުޅޭ އެއްބަސްވުމުގެ ޑްރާފްޓް 02 އެޕްރީލް ގައި ހެލްތުމިނިސްޓްރީން އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، ހަމަ އެދުވަހު އެ އޮފީހުން ލަފާދީފައިވާކަމަށާއި އެ އޮފީހުން ދީފައިވާ ލަފާގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތަށް އެޑްވާންސް ޕޭމަންޓް ގެރެންޓީއާއި ޕަރފޯމެންސް ގެރެންޓީ ނުނަގައި އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށްގެންދެވޭނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.03 ވަނަ މާއްދާގެ ދަށުން މިނިސްޓަރ އޮފް ފިނޭންސް އަންގާ ގޮތެއްގެ މަތިން ކަމަށް ބަޔާންކޮށްފައިވާކަމަށްވެސް އޭސީސީން ބުނެއެވެ. ނަމަވެސް، 16 އޭޕްރިލް 2020 ގައި މިނިސްޓްރީ އޮފް ހެލްތުން ބެކް ޑޭޓްކޮށް އެއްބަސްވުމުގައި ސޮއިކުރިއިރު އަދި އޭގެ ފަހުންވެސް އެކަމާ ގުޅޭގޮތުން މިނިސްޓަރ އޮފް ފިނޭންސްގެ ހުއްދައެއް ހޯދާފައިނުވާކަން ތަޙުޤީޤަށް ހޯދާފައިވާ ހޯދުންތަކުން އެނގޭކަމަށް އޭސީސީން ބުނެއެވެ.

އެހެންކަމުން، މިނިސްޓްރީ އޮފް ހެލްތަށް ވެންޓިލޭޓަރތައް ހޯދުމާ ގުޅޭގޮތުން މިނިސްޓަރ އޮފް ފިނޭންސް ދީފައިވާ ހުއްދަތަކަކީ ވަކިވަކި ކަންކަމާ ގުޅިގެން ދީފައިވާ ހުއްދަތަކެއްްކަމަށާއި އަދި އެއިން އެއްވެސް ހުއްދައަކީ މުޅި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ޢަމަލުކުރުން ލާޒިމްނުވާގޮތަށް ދީފައިވާ ހުއްދަތަކެއް ނޫންކަމަށްވެސް އޭސީސީން މިކަމާ ގުޅިގެން ނެރެފައިވާ ނޫސްބަޔާނުގައި ބުނެއެވެ.