ބައެއް އަރަބި ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާ މިނިސްޓަރ ޝާހިދު ބައްދަލުކުރައްވައިފިއެވެ.

އަރަބި ބައެއް ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ނަން-ރެޒިޑެންޓް ސަފީރުންނާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބައްދަލުކުރެއްވީ ވަރޗުއަލްކޮށެވެ.

މިނިސްޓަރު ބައްދަލުކުރައްވާފައި ވަނީ އުރުދުން، ކުވައިތު، ފަލަސްތީން އަދި ޔަމަނުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި، އޮމާންއަށް ރާއްޖެއަށް ކަނޑައަޅާފައި ހުންނަ އެމްބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަން އާއި ކަމަށް މިނިސްޓްރީން ބުނެއެވެ.

މި ބައްދަލުވުމުގައި ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ މިހާރުގެ ހާލަތާއި ބެހޭ މައުލޫމާތު، ވަޒީރު ވަނީ ސަފީރުންނާއި ހިއްސާކުރައްވައި، އެގައުމުތަކުގެ ހާލަތާއި ބެހޭ މައުލޫމާތު އޮޅުންފިލުއްވާ އަދި އެގައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމާއި، ބައިނަލްއަގްވާމީ މުޖްތަމައުގައި އެކުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

އަދި ކޮވިޑް-19 އާއި ގުޅިގެން ގައުމުތަކުން ރާއްޖެއަށް ލިބެމުންދާ އެއްބާރުލުމަށް އެގައުމުތަކަށް މިނިސްޓަރ ޝާހިދު ޝުކުރު ވަނީ އަދާކުރައްވާފައެވެ.

މިބައްދަލުވުމަކީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އިސްނެންގެވުމަކަށް، އެކި ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި ފޮރިން މިނިސްޓްރީއާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ބޭއްވުނު މިފަދަ ދެވަނަ ބައްދަލުވުން ކަމަށް މިނިސްޓްރީން ބުނެއެވެ.

ނިމިދިޔަ ހަފްތާގައި މިނިސްޓަރ ޝާހިދު ވަނީ އިރުމަތީ އޭޝިއާގެ ބައެއް ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއެކުވެސް މިފަދަ ބައްދަލުވުމެއް ބާއްވަވާފައެވެ.