އަންނަ އަހަރުގެ ދައުލަތުގެ ޕްރޮޖެކްޓްތައް ޕްރައިވަޓައިޒް ކުރުމުގެ މަޝްވަރާގެ ތެރޭގައި ނޭކުރަންދޫގެ ޖަލުގެ މަސައްކަތުގެ މުހިންމުކަމުގެ ވާހަކަ ވާނީ ދައްކާފައި ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ މިއަހަރުގެ ބަޖެޓުގައި ނޭކުރަންދޫގެ ޖަލުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރިއަށްގެންދިޔުމަށް ސަތާރަ މިލިއަން ހަތަރު ލައްކަ ރުފިޔާ ކަނޑައަޅާފައިވާ އިރު ޖަލުގެ މަސައްކަތުގެ އަމަލީ މަސައްކަތް ފެށޭނެ ދުވަހާއި ބަޖެޓުގައި މި މަސައްކަތަކަށް ކަނޑަަޅާފައިވާ އަދަދަށް މި މަސައްކަތް ކުރިއަށްގެންގޮސް ނިމޭނެ ތާރީޚާއި ގުޅޭގޮތުން މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ މިނިސްޓަރ ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުން ނޭކުރެންދޫގައި އެޅުމަށް ހަމަޖެހިފައިވާ ޖަލަކީ މުޅި ޕްރިޒަން ރިފޯމް ކުރުމުގެ އެޖެންޑާގެ ތެރެއިން ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން ކުރަން ނިންމާފައިވާ ބޮޑު މަޝްރޫޢެއް ކަމަށެވެ. އަދި އަންނަ އަހަރުގެ ދައުލަތުގެ ޕްރޮޖެކްޓްތައް ޕްރައިވަޓައިޒް ކުރުމުގެ މަޝްވަރާގެ ތެރޭގައި ނޭކުރަންދޫގެ ޖަލުގެ މަސައްކަތުގެ މުހިންމުކަމުގެ ވާހަކަ ދެއްކުމުން ރައީސް އޮފީހުންވެސް ވަނީ މި މަސައްކަތަށް އިސްކަންދެއްވާނެ ކަމަށް ވިދާޅުވެފައި މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުގެ ބަޖެޓުން ސަތާރަ މިލިއަން ހަތަރު ލައްކަ ރުފިޔާ ކަނޑައެޅި އެ މަސައްކަތް ރައީސް އޮފީހުން ހޯމް މިނިސްޓްރީއާއި ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު ހަވާލުކުރި ކަމަށާއި މިއަހަރަށް ކުރުމަށް ހަަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރެއިން ޝެޑިއުލް ކުރެވިގެން ރާވާ ކުރިއަށް ގެންދިޔަ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން މާޗު މަހުގެ 17 ވަނަ ދުވަހުގައި އީއައޭ އަދި އެސްއައިއޭ ހެދުމަށް އިއުލާން ކުރި ކަމަށާއި އެހެންނަމަވެސް އެ މަސައްކަތް އެއްކޮށް ހަވާލުކުރުމުގެ މަރުހަލާއަށް ނުދަނީސް ލޮކްޑައުން ގޮސް މުޅި މަސައްކަތް ހުއްޓިގެން ދިޔައީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި އޭގެ ފަހުން ޖުލައި މަހުގެ 23 ވަނަ ދުވަހުގައި ފިނޭންސް މިނިސްޓްރީން މުޅި ދައުލަތުގެ ބަޖެޓް ރިވިއު ކުރުމުގެ ތެރެއިން ހޯމް މިނިސްޓްރީ އަށް ކަނޑައެޅިފައިވާ ބަޖެޓުވެސް ރިވިއުކޮށް އެ މަޝްރޫޢަށް ކަނޑައެޅިފައިވާ ފައިސާގެ ތެރެއިން އެއްލައްކަ ފަންސާސްހާސް ރުފިޔާ ނޫން އެހެން ހުރިހާ ފައިސާއެއް ފިނޭންސުން ވަނީ ނަގާފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޭގެ މައްޗަށް ބިނާކޮށް މިނިސްޓްރީން އީއައިއޭ އަދި އެސްއައިއޭ ހެދުމަށް އަލުން އިއުލާންކޮށްފަ. އަޅުގަނޑު ހިތުން އެ މަސައްކަތް ލަސްތަކެއްނުވެ ކުރިއަށްދާނެ. އެހެންކަމުން އަޅުގަނޑު އުންމީދު ކުރަނީ މިއަހަރު ނިމެންވާ އިރަށް އެ ދެ މަސައްކަތް ކުރިއަށްގެންދެވޭނެ ކަމަށް."
ހޯމް މިނިސްޓަރ އިމްރާން

މި މަސައްކަތް ކޮންމެވެސް ގޮތަށް ފެއްޓުމުގެ މަގެއް ރައީސުލްޖުމްހޫރިއްޔާ ދައްކަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި މި މަސައްކަތާއެކު ރާއްޖޭގެ މުޅި ޖަލުތަކުގެ ނިޒާމު އެއްކޮށް ރިފޯމްކޮށް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމަކަށް ވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.