ވެންޓިލޭޓަރުގެ މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވި މައްސަލަ ދައުވާ ނުކޮށް އަނބުރާ ފޮނުވާލި މައްސަލަ ބަލައި ދިނުމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
މަޖިލީހުގެ ރައީސް މިފަދައިން އެދިވަޑައިގެންފައިމިވަނީ ވެންޓިލޭޓަރުގެ މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ފޮނުވިއިރު، އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއްކޮށް، ކުށް ސާބިތުވާ ވަރަށް ހެއްކެއް ނެތް ކަމަށް ޕީޖީ ހުސައިން ޝަމީމް ވިދާޅުވެފައިވާ ވަގުތެއްގައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިނިސްޓަރ އަމީންގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނިކޮށް އެމަނިކުފާނު އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވުމުން އިތުބާރުނެތް ކަމުގެ ވޯޓު ނެގުން ނޯންނާނެކަމަށެވެ.
މި މައްސަލާގައި އޭސީސީއާއި ފުލުހުން ގުޅިގެން ހެލްތު މިނިސްޓްރީއަށް ވެންޓިލޭޓަރުތައް ގަތުމާ ގުޅޭގޮތުން ހިންގި ތަހުގީގު ޕީޖީއަށް ޚިލާފުތަކެއް އުފެދިފައިވާތީ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން އަލުން އެ މައްސަލަ ބަލައިދިނުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.
އަދި މި ވެންޓިލޭޓަރު ގަތުމުގެ ކޮރަޕްޝަނުގައި ބައިވެރިވި ފަރާތްތައް ކަނޑައެޅިގެން ހޯދި، އެ ފަރާތްތަކަށް ހައްގު އަދަބު ދެވި އަދި ދައުލަތަށް ގެއްލުންވީ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ނިމެންދެން މަޖިލީހުން އެކަމުގައި ފާރަވެރިކަމާއެކީގައި އޮތުމަކީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި މަޖިލީހުގެ ގާނޫނީ ވާޖިބެއް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ކޮރަޕްޝަންގައި ބައިވެރިވި މީހުން ހޯދާ އެމީހުނަށް ހައްގު އަދަބުދެވި ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދެންދެން މަޖިލީސް ފާރަވެރިވެ އޮތުމަކީ މަޖިލީހުގެ ގާނޫނީ ވާޖިބެއް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.