ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންގެ ތެރެއިން ސައްހަ ލިޔެކިޔުން ނެތް މީހުންނާއި އެހެން ސަބަބުތަކާ ހުރެވެސް އެނބުރި ގައުމަށް ދާން ބޭނުން މީހުން ފޮނުވާލުމުގެ މަސައްކަތުގެ ތެރެއިން 152 މީހަކު މިއަދުވެސް ފޮނުވަލާފައިވާކަމަށް މޯލްޑިވިއަން އިން ބުނެފިއެވެ.

މިއަދު ފޮނުވާލި 152 މީހުންނާއެކު، ރާއްޖެއިން ފޮނުވާލި މީހުންގެ އަދަދު ވަނީ ޖުމްލަ 7،884 އަށް އަރައިފައެވެ.

ސަރުކާރާއި މޯލްޑިވިއަން ގުޅިގެން ކުރިއަށްގެންދާ ވޮލަންޓްރީ ރިޕެޓްރިއޭޝަން ޕްރޮގްރާމުގެ ދަށުން ސައްހަ ލިޔެކިޔުންނެތި ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންނަށް އެނބުރި ގައުމަށް ދިޔުމުގެ ފުރުސަތު ލިބެއެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެކުރިން 20000 އާ ގާތްކުރާ އަދަދަކަށް މީހުން އަނބުރާ ގައުމަށް ފޮނުވާލުމެވެ.

ރާއްޖޭގައި ތިބި ބިދޭސީން ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަނީ އެގައުމުތަކުގެ ސަރުކާރުތަކާއި ގުޅިގެން ކަމަށް ސަރުކާރުން މީގެކުރިން ވަނީ ބުނެފައެވެ.

ބިދޭސިން އަނބުރާ ފޮނުވާލާއިރު އެމީހުންގެ ޕޮލިސް ރިޕޯޓު ބަލާ ކަމަށާއި އެމީހުން ފޮނުވާލަނީ ހައިކޮމިޝަނުން ހޯދަންޖެހޭ ލިޔުންތައްވެސް ހޯދުމަށްފަހު ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ މީގެކުރިން ވިދާޅުވެފައެވެ.