ގއ. ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އިބްރާހިމް މުނީރުއާއިމެދު ސުލޫކީ ފިޔަވަޅު އެޅުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފި އެވެ.

ޖޭއެސްސީން ބުނެފައިވަނީ، ގެމަނަފުށީ ރުއްދޮށުގޭގެ މިލްކުވެރިކަން ސާބިތު ކުރުމަށް ހިންގި ގަޒިއްޔާގައި ހުކުމް ކުރި ގޮތާ ހިލާފަށް އެ ގަޒިއްޔާގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު އެކުލަވާލަފައިވާކަމަށެވެ.

އެ ރިޕޯޓުގައި ނުބައި ނަމެއް ޖަހާފައި ވަނީ ލިޔުމުގެ ކުށަކުން ކަމަށްވީއިރު އެ ކުށް ފާހަގަނުވެ އަދި އެ ކުށް ހުރިކަން ނޭނގި ރިޕޯޓްގައި ސޮއިކޮށް މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ރިޕޯޓް ދޫކުރުމަކީ ގަސްތުގައި ކޮށްފައިވާ ކަމެއްކަމުގައި ނުވިނަމަވެސް އެކަމަކީ އިސް މެޖިސްޓްރޭޓް އިބްރާހިމް މުނީރުގެ ފަރުވާކުޑަވުމުގެ ސަބަބުން ހިނގާފައިވާކަމެއްކަމަށް ސާބިތުވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

އެހެންކަމުން އޭނާގެ އެ އަމަލަކީ ދިވެހި ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ކޮށްފައިވާ އަމަލަކަށް ވާތީ އިސްމެޖިސްޓްރޭޓް އިބްރާހިމް މުނީރަށް ނަސޭހަތް ދިނުމާއެކު، ޖޭއެސްސީން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމަށް ނިންމާފައިވާ ކަމަށްވެސް ޖޭއެސްސީން ބުނެއެވެ.