ސަރުކާރަށް އެކި ފަރާތްފަރާތުން، ނަގާފައިވާ ލޯނުތައް ރީސްޓްރަކްޗާ ކުރުމަށް، އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި އެެވެ.

ކުރިއަށް އޮތް އަހަރުތަކުގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ އާމްދަނީއާ ނުބައްދަލު އަދަދުތަކުން ދަރަނި އަދާކުރަންޖެހިފައި ވާތީ، އެކަން ހައްލުކުރުމުގެ ގޮތުން ސަރުކާރަށް ގިނަ ހުށަހެޅުންތަކެއް ހުށަހަޅާ ގޮތަށް އެކުލަވައިލި ރިޕޯޓް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެންބަރުންގެ އިއްތިފާގުންނެވެ.

މުޅި މަޖިލީހުގެ ކޮމިޓީން އެ ރިޕޯޓު ފާސްވުމާއެކު، އެ ރިޕޯޓު އަލުން މަޖިލީހުގެ ތަޅުމަށް އައިސް ވޯޓަށް އަހާނެ އެވެ.

މި ރިޕޯޓާއި ގުޅޭގޮތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ 2012 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ނަގާފައިވާ ލޯނުތަކުގެ ތަފްސީލާއި، ދަރަނި ބެލެހެއްޓިފައިހުރި ގޮތާއި، ދަރަނި ނެގިފައިވަނީ ގާނޫނާ އެއްގޮތަށްތޯ ބެލުންކަމަށެވެ.

މީގެއިތުރުން އެ ދަރަނި އަނބުރާ ދައްކަން ޖެހުނު އިރު ދައުލަތުގެ އާމްދަނީ ހުރި މިންވަރުވެސް ރިޕޯޓުގައި ފާހަގަކޮށްފައިވާކަމަށެވެ.

މި ރިޕޯޓުގައި ކުރިއަށް އޮތް އަހަރުތަކުގައި ދައުލަތުން އަނބުރާ ދައްކަންޖެހޭ ދަރަނީގެ އަދަދުތަކާއި އެ އަހަރުތަކުގައި ދައުލަތަށް ލިބޭނެކަމަށް ލަފާ ކުރެވޭ އާމްދަނީގެ އަދަދުތައްވަނީ ފާހަގަކޮށްފަ އެވެ.

ސަރުކާރަށް ނަގާފައިވާ ލޯނުތައް ރީސްޓްރަކްޗާ ކުރުމަށް، އެންގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ރިޕޯޓުގައި ވާ ކަންތައްތަކުގެ ތެރޭގައި، ދޭދޭ ގައުމުތަކުންނާއި ބޭރުގެ ޖަމިއްޔާތަކުން ނަގާފައިވާ ލޯނުތައް ފިޔަވައި އެހެން ލޯނުތައް ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް އަވަހަށް ފެށުމާއި، އެ މަސައްކަތަށް ހާއްސަ ކޮމިީޓީއެއް އެކުލަވާލައި، އެ ކޮމިޓީން ބޭރުގެ މާހިރުންގެ ލަފާ ހޯދުން ހިމެނެއެވެ.

މީގެއިތުރުން ކޮމިޓީގެ މަސައްކަތް އަށްމަސް ދުވަހުގެ ތެރޭގައި ނިންމުމާއި، ކޮމިޓީގެ މަސައްކަތް ކޮންމެ ހަފްތާއަކު މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާ ހިއްސާކުރުން އަދި އަންނަ އަހަރު ދައްކަންޖެހޭ އެތެރޭގެ ދަރަނި ރޯލްއޯވާކޮށް، ދަރަނި ދެއްކުން ފަސްކުރުން ހިމެނެއެވެ. އަދި ދަރަނި ރީސްޓްރަކްޗާ ކުރަން ގާނޫނަށް ބޭނުންވާ އިސްލާހުތައް ގެނައުންވެސް ވަނި ހިމަނާފަ އެެވެ.