ބޭންކް އޮފް މޯލްޑިވްސް އިން ތިމަރަފުށީގައި ސެލްފް ސަރވިސް ބޭންކިން ސެންޓަރެއް ހުޅުވައިފިއެވެ.

ބީއެމްއެލް އިން ބުނީ މިއީ އެ ބޭންކުން އަތޮޅުތެރޭގައި ކުރަމުންދާ އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ ގޮތުންނާއި މުޖުތަމައަށް ފޯރުކޮށްދޭ އެހީތެރިކަމުގެދަށުން ތިމަރަފުށީގައި ހުޅުވި ސެންޓަރެއް ކަމަށެވެ.

ބީއެމްއެލް އިން ބުނީ ތިމަރަފުށީގައި ގާއިމްކުރި ސެލްފް ސަރވިސް ބޭންކިން ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ. މި ހިދުމަތާއެކު ތ. އަތޮޅުގައި ބީއެމްއެލް އިން އޭޓީއެމްގެ ޚިދުމަތް 3 ރަށަކުން ލިބޭނެ ކަމަށް ބީއެމްއެލް އިން މައުލޫމާތުދެއެވެ. މީގެ އިތުރުން ބޭންކުން އަންނަނީ ގުރައިދޫ އަދި ވޭމަންޑޫގައިވެސް އޭޓީއެމް އަދި ބްރާންޗްގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.

މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތްފޯރުކޮށްދިނުމަށް ކުރަމުންދާ އިންވެސްޓްމަންޓް ޕްރޮގްރާމުގެ ދަށުން ގާއިމްކުރެވުނު މި ސެންޓަރގެ ސަބަބުން ރަށުގެ ކުދިބޮޑު ހުރިހާ ރައްޔިތުންނަށާއި، ވިޔަފާރިތަކަށް އަދި ރަށަށް ޒިޔާރަތްކުރާ މެހުމާނުންނަށް ބޭންކިންގ ހިދުމަތްތައް ހޯދުމަށް ވަރަށް ބޮޑަށް ލުއި ފަސޭހަވެގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. އަދި ހަމައެހެންމެ ފައިސާގެ މުއާމަލާތްކުރުމަށް އެންމެ ކައިރި ބްރާންޗަށް ކުރާ ދަތުރުތަކަށް ނިމުމެއް އައިސް ބޭނުން ކޮންމެ ވަގުތަކު ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

ބީއެމްއެލްއިން މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 61 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 124 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.