އޭޝިއާގައި ބާއްވާ އެންމެ މަޤްބޫލް ޓްރެވަލް ޓްރޭޑް ފެއާރ އައިޓީބީ އޭޝިއާގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މޯލްޑިވްސް މާކެޓިންގ އެނޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރް.ސީ) އާއެކު މިފަހަރުގެ އައިޓީބީ ފެއަރގައި ރާއްޖެ އިޝްތިހާރު ކުރުމަށްޓަކައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ 21 ކުންފުންޏަކުން ވަނީ ބައިވެރިވެފައެވެ.

އެމްއެމްޕީއާރްސީން ބުނީ މިފެއާރ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، މިހާރުގެ ޙާލަތާއި ގުޅުވައިގެން، ނިއު ނޯމަލްގައި ދަތުރުފަތުރު ކުރެވޭނެ ގޮތްތަކާއި މެދުގައި ކަމަށްވެ. އަދި މިމަހުގެ 21 އިން 23 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އައިޓީބީ އޭޝިއާ ލައިވް ފެއަރ އަންނަ އަހަރަށް ފަސްކުރެވިފައިވީނަމަވެސް، މި މުއްދަތުގައި ވަރޗުއަލް ފެއަރއެއް ބޭއްވުމަށް ހަމޖެހިފައިވާ ކަމަށެވެ. އެމްއެމްޕީއާރްސީން ބުނީ މި ފެއާރ އަށް ޒިޔާތްކުރާ ފަރާތްތަކަށް ރާއްޖެ އިޝްތިހާރުކުރުމަށް ޚާއްސަ ވަރޗުވަލް ބޫތެއް ތައްޔާރުކޮށްފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ރީތި މަންޒަރުތަކުގެ ފޮޓޯއާއި ވީޑިއޯގެ އިތުރުން، ރައްޖެއާއިބެހޭ މަޢުލޫމާތުވެސް ބައިވެރިވެރިންނާއި ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެމްއެމްޕީއާރްސީން ބުނީ އައިޓީބީ އޭޝިއާގެ ވަރޗުއަލް ފެއާރގައި ސިންގަޕޫރުގެ އިތުރުން ދުނިޔޭގެ އެކިކަންކޮޅުތަކުގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާ ކަމަށާ އެބޭފުޅުންނާއި ބައްދަލުކޮށް ޚިޔާލު ބަދަލުކުރުމުގެ ފުރުސަތު ރާއްޖޭގެ ބައިވެރިންނަށް ލިބޭނެ ކަަމަށެވެ. މީގެއިތުރުން، މިފެއާރގައި ހިމެނޭ އެކިއެކި ވަރޗުއަލް ކޮންފަރެންސްތަކުން ފަތުރުވެރިކަމުގެ އެންމެ ފަހުގެ ޚަބަރުތަކާއި އައު އުފެއްދުންތަކުގެ މައުލޫމާތު ލިބިގެންދާނެ ކަމަށެވެ.

އެމްއެމްޕީއާރްސީން ވަނީ މީގެއިތުރުން އެކި މާކެޓްތަކުގެ ވަރޗުއަލް ފެއަރތަކުގައި މިއަހަރު ބައިވެރިވެފައެވެ. މީގެ ތެރޭގައި އޭޓީއެމް ވާރޗުއަލް، ސާޓޭ ޖެންއެކްސް، އަދި ޕީޓީއެމް ވާރޗުއަލް ހިމެނެއެވެ. އަދި މީގެ އިތުރުން، ދިވެހިރާއްޖޭގެ ބޯޑަރު ހުޅުވާލި ދުވަހާއި ގުޅުވައިގެން "ރީޑިސްކަވަރ މޯލްޑިވްސް ދަ ސަނީސައިޑް އޮފް ލައިފް"ގެ ނަމުގައި ގްލޯބަލް ކެންޕެއިނެއް ވަނީ ފަށާފައެވެ. މިކެމްޕެއިންގެ ދަށުން ފާހަގަކޮށްލެވޭ ބައެއް ޙަރަކާތްތަކުގެ ތެރެއިން ޗައިނާގައި ކުރިއަށް ހިނގަމުންދާ ވެބިނާ ސީރީޒާއި، އިގިރޭސި ވިލާތް އަދި ސައުތް ކޮރެއާ ގައި ކުރިޔަށްގެންދަމުންދާ އައުޓްޑޯ މާކެޓިން ކެންޕެއިނާއި، މީޑިއާ އަށް ހާއްސަކޮގެން ބޭއްވި މީޑިއާ ފެމިލަރައިޒޭޝަން ރުރިޕް ސީއެންއެން އާއިއެކު ކުރިއަށްދާ ޑިޖިޓަލް ކެންޕެއިންގެ ޙަރަކާތްތައް ހިމެނޭ ކަމަށްވެސް އެމްއެމްޕީއާރްސީން މައުލޫމާތުދެއެވެ.

ސަރުކާރުން ވަނީ ކޮވިޑް-19 އަށް، ރައްކާތެރިކަމުގެ އެތައް ފިޔަވަޅުތަކެއް އަޅާފައެވެ. އެހެންކަމުން، 21 އޮކްޓޯބަރުން ފެށިގެން ގެސްޓް ހައުސްތައް ވެސް ވަނީ މޮނިޓަރ ކުރުމަށްފަހު ހުޅުވުމުގެ ހުއްދަ ދީފައެވެ. ރާއްޖޭގެ ބޯޑަރު ބަންދުކުރުމުގެ ކުރިން، ދެކުނު އިރުމާތީ އޭޝިއާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 11،581 އެވެ. ދިވެހިރާއްޖެ ޤުދުރަތީގޮތުން ވަކިވަކި ރަށްތަކެއްގެ މައްޗަށް އޮތުމީ، ފަތުރުވެރިންނަށް މިހާރުގެ ޙާލަތަށް ބަލައި، ލިބިގެންދާނެ އިތުރު ރައްކާތެރިކަމެކެވެ. އެމް.އެމް.ޕީ.އާރް.ސީ ގެ އުންމީދަކީ މިސަރަހައްދުގެ ބޯޑަރު ފަތުރުވެރިކަމަށް ހުޅުވާލާއިރު، ދެކުނު އިރުމަތީ އޭޝިއާގެ ފަތުރުވެރިންގެ އެއްވަނަ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ އޮތުން ކަމަށް އެކޯޕަރޭޝަނުން މައުލޫމާތުދެއެވެ.