ހދ. ކުޅުދުއްފުށި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

ކުޅުދުއްފުށީ ބަނދަރު ފުޅާކޮށް ބޮޑުކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 98 އިންސައްތަ މިހާރު ނިމިފައިވާ ކަމަށާއި، މިމަޝްރޫޢުގެ ތެރެއިން ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމުގެ މަސައްކަތުގެ 30 އިންސައްތަ ނިމިފައިޥަކަމަށް އެމްޓީސީސީން ބުނެއެވެ.

މިމަޝްރޫޢު ނިމޭނެކަމަށް އެމްޓީސީސީ އިން ލަފާކޮށްފައިވަނީ 30 އޮކްޓޯބަރ 2020 ގައެވެ.

މިމަޝްރޫޢުގެ ދަށުން، 236،844 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅު ފުންކުރުމާއި، 24،450 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 1000 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތްތައް ކުރާނެއެެވެ.

މީގެއިތުރުން އެއްގަމުތޮށި ހިމެނޭ ސަރަޙައްދުގެ ބިންގަނޑު އެއްވަރު ކުރުމާއި، އެ ސަރަޙައްދުގައި ގައު އެތުރުމާއި، ކާނުގެ މަތިގަނޑު އެޅުން ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއަށް ހަވާލުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫއުއަކީ 129،529 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މިމަޝްރޫޢު މޮބިލައިޒް ކޮށްފައިވަނީ 26 ޑިސެމްބަރ 2018 ގައެވެ.