ފަތުރުވެރިކަމުގެ ހައި ސީޒަން އަންނަން ވާއިރަށް ރާއްޖޭގެ ހުރިހާ ރިޒޯޓްތަކެއް ހުޅުވޭނެކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެެވެ.

ވީނިއުސްރޫމްގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ، ރާއްޖެ އަންނަން ބޭނުންވާ ވަރަށް ގިނަ ފަތުރުވެރިންތައްކެއް އެބަތިބި ކަމަށާއި، ގިނަ އެއާލައިންތަކުންވެސް މިހާރު ރާއްޖެއަށް ދަތުރުތައް ކުރަމުން އަންނަ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، މިހާރު ފަތުރުވެރިން އަަންނަ ނިސްބަތަށް ބަލާއިރު، ރިޒޯޓް އަދި ގެސްޓްހައުސްތަކަށް ފައިދާވާވަރަށް ފަތުރުވެރިން އަދި ނާންނަ ކަމަށެވެ.

އެެހެންނަމަވެސް އެތަންތަން ހުޅުވައިގެން ކުރިޔަށްދާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، އޭގެ ބޭނުމަކީ ފަތުރުވެރިކަމުގެ ސިނާއަތް ކުރިޔަށް ގެންދިޔުން ކަމަށެވެ.

އެހެންކަމުން 2021 ވަނަ އަހަރު އަންނަންވާއިރަށް މިހާރު ފައިދާ ނުލިބި ހިންގާ ރިޒޯޓްތަކަށްވެސް ފައިދާ ލިބުމާގާތައް ގޮސްފައި ހުންނާނެ ކަމަށް ލަފާކުރެއްވޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިހާރު މިސަރަހަށްދުގަ ހުރި ޓްރާންސިޓް ހޮޓާތަކުގެ އިތުރުން 27،000 އެނދު ހުޅުވިފައި އެބަހުރި. އެއީ 116 ސަފާރީ އުޅަނދާއި އަދި 105އަށް ވުރެ ގިނަ ރިޒޯޓް. އެއީ މިހާތަނަށް ހުއްދަ ދީފަ ހުރި. އެެހެންނަމަވެސް ހުއްދަ ދިނުމަކީ އަދި އެތަންތަނުގައި ހިދުމަތްދޭން ފެށުމެއް ނޫން. އެބޭފުޅުން ހުއްދަ ހޯދައިގެން ޓޫރިސްޓުން އަންނަ ވަރަކުން އެތަން އޮޕަރޭޓް ކުރަމުން އެގެންދަނީ."
ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް

ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި ބޭއްވުމަށްފަހު އަލުން ހުޅުވިފަހުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދާއިމެދު ހިތްހަމަޖެހޭކަން ފާހަގަކުރައްވާ މިނިސްޓަރ މައުސޫމް ވިދާޅުވީ، ޖުލައިމަހު މަދު ފަތުރުވެރިންކޮޅެއް އައިނަމަވެސް، މިއަހަރު އަދި އިތުރަށް އެއްލައްކައަށް ވުރެ ގިނަ ފަތުރުވެރިން އަންނާނެކަމަށް އޮގަސްޓު މަހުގައި އަންދާޒާކުރި ކަމަށެވެ. އަދި މުޅިއެކު މިއަހަރުތެރޭ ފަސް ލައްކައާސް ވުރެ ގިނަ ފަތުރުވެރިން އަންނާނެކަމަށް އަންދާޒާކުރި ކަމަށެވެ.

މިއަހަރުގެ މިހާތަނަށް 408،000 ފަތުރުވެރިން ޒިޔާރާތްކޮށްފައިވަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އަދި 85،000 ފަތުރުވެރިން އައީމަ އަޅުގަނޑުމެންގެ ޓާގެޓް ލިބޭނެ. ދެން އަޅުގަނޑުމެން މި ކިޔަނީ މި ތިން މަސްތެރޭ އެއްލައްކައެއްހާ ޓޫރިސްޓުން އިރާދަކުރެއްވިއްޔާ އަންނާނެއޭ. ދެން އޮތް ދެމަސް އެއްކޮށްލައިގެން އެއްލައްކަ އާ ގާތަށް ޓޫރިސްޓުން ގެނެވިއްޖެއްޔާ އަޅުގަނޑުމެއްނަށް ވަރަށްބޮޑު ކާމިޔާބަކަށް ވާނީ"
ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް

މިހާރު އަންނަ ފަތުުރވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު ވަރަށް ބޮޑަށް އިތުރުވެގެންދާކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ މިހާރު ރާއްޖެ އިޝްތިހާރު ކުރަނީވެސް ދިގު މުއްދަތެއްގައި ތިބެން އަންނަ ގައުމެއްގެ ގޮތުގައި ކަމަށެވެ.

އެއް ރިޒޯޓެއްގައި ޗުއްޓީ ހޭދަކުރުމަށްފަހު އަނެއް ރިޒޯޓަށް ދިއުމަށް ފަތުރުވެރިންނަަށް ހުއްދަ ދީފައިވާކަަން ފަހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ސަފާރީ އުޅަނދުގައި ތިބުމަށްފަހު ރިޒޯޓައް ދިއުމުގެ ހުއްދަވެސް ދިނުމަށް މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ބޯޑަރު ހުޅުވަލިފަހުން ރާއްޖެ ޒިޔާރާތްކޮށްފައިވަނީ 27،217 ފަތުރުވެރިންނެވެ.