ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް އެސްޑީއެފްސީ އަދި ބައެެއް ބޭންކް މެދުވެރިކޮށް އެތަކެއް ސަތޭކަ ޒުވާނުންނަށް ވިޔަފާރިތައް ފެށުމުގެ ފުރުސަތުތައް ތަނަވަސްކޮށްދީފައިވާ ކަމަށް ޔޫތު އެންޑް ކޮމިޔުނިޓީ އެމްޕަވާމެންޓް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ގައުމީ ޒުވާނުންގެ ދުވަހާ ގުޅުވައިގެން ޔޫތު މިނިސްޓްރީން ބާއްވާ ޔޫތު ކޭމްޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މަހުލޫފު ވިދާޅުވީ، މީގެކުރިން މަތީ ތައުލީމު ހާސިލްކުރުމަށް ފުރުސަތު ނުލިބޭވަރަށް އަދި ފައިސާ ޚަރަދު ނުކުރާވަރަށް ރައީސް ސޯލިހުގެ ސަރުކާރުން ވަނީ އެ ފުރުސަތުތައް ފަހިކޮށްދީފައި ކަމަށާއި ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް އެސްޑީއެފްސީ އަދި ބައެެއް ބޭންކް މެދުވެރިކޮށް އެތަކެއް ސަތޭކަ ޒުވާނުންނަށް ވިޔަފާރިތައް ފެށުމުގެ ފުރުސަތުތައް ތަނަވަސްކޮށްދީފައިވާ ކަމަށެވެ.

ކޮވިޑާއި ގުޅިގެން ދިމާވެފައިވާ އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް އެތައް މިލިއަން ރުފިޔާގެ އެހީތެރިކަން ސަރުކާރުގެ ފުދުންތެރިކަން ހުރި މިންވަރުންވަނީ ފޯރުކޮށްދީފައި ކަމަށާއި ރައީސް ސޯލިހުގެ ހަރުދަނާ އިގްތިސާދީ ސިޔާސަތުގެ ދަށުން އެކިއެކި ވުޒާރާތަށް ގުޅިގެން ކުރެވޭ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އެތައްހާސް ޒުވާނުންނަށް ވަޒީފާގެ ފުރުސަތު އުފެދިގެން ގޮސްފައިވާކަން ތަފާސްހިސާބުތަކުން ފެންނަން އެބަހުރި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ކުޅިވަރު ކުރިއަރުވާ އެހެން ހަރުފަތަކަށް ގެންދިޔުމަށް ދިވެހި ތާރީޚުގައިވެސް ދައުލަތުގެ ބަޖެޓުން ޚަރަދުނުކުރާވަރަށް ކުޅިވަރަށް ޚަރަދުކޮށް ކުޅިވަރު ފެސިލިޓީސްތައް ގާއިމްކޮށް އެތުލީޓުންނަށް ރަނގަޅު ތަމްރީނުދީ ބައިނަލްއަގްވާމީ މުބާރާތްތައް ރާއްޖޭގައި ހޯސްޓްކޮށް ރާއްޖެއަށް ރަންވަނަތަކެއް ހޯދާ ދިވެހި ޒުވާނުންވަނީ ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފަ."
ޔޫތު މިނިސްޓަރ މަހުލޫފް

ގިނަ ކަންތައްތަކެއް ކުރެވިފައިވީނަމަވެސް އިސްލާހުކުރަންޖެހޭ ކަންތައްތަކެއް ހުންނާނެކަން ގަބޫލުކުރައްވާ ކަމަށާއި ޒުވާނުންގެ ޚިޔާލާ މަޝްވަރާ އިތުރަށް ހޯދައި، ކަމާގުޅޭ އިދާރާތަކާ އިތުރު މަސައްކަތްތަކެއްކޮށް ޒުވާނުންނަށް އެކި ދާއިރާތަކުން ދިމާވަމުންދާ ދަތިތަކާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް މިނިސްޓްރީތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ޔޫތު މިނިސްޓަރ މަހްލޫފް ވިދާޅުވިއެވެ.

ކަންކަން ރަނގަޅު ކުރުމުގައި ޒުވާނުންގެ ޚިޔާލާއި މަޝްވަރާ އަދި ފާޑުކިޔުމަކީ އުފަލާއެކު ބަލައިގެންނަ ކަމެއް ކަމަށާއި އެފަދަ ކަންކަމުގައި ޚިޔާލުފާޅުކޮށް ހަދާއިރު އެފަދަ މައްސަލަތަކަށް ހައްލު ދައްކާދިނުމަކީވެސް ޒުވާނުންގެ ކިބައިން އެދިވަޑައިގަންނަވާ ވަރަށް ބޮޑު އެދުމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ދުވެލި އިތުރަށް ބާރުކޮށް މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް އަދި އިސްލާހު ކުރަންޖެހޭ ކަންތައްތައް ހުރިކަން އަޅުގަނޑު ގަބޫލުކުރަން. އެކަންކަން ކުރާނެކަމުގެ ޔަގީންކަން ރާއްޖޭގެ ހުރިހާ ޒުވާނުންނަށް އަޅުގަނޑު އަރުވަން. ޒުވާނުންނަކީ ހަމައެކަނި ފިރިހެނުންނެއްނޫން. ޒުވާނުންނަކީ އަންހެން ފިރިހެނުން ބޭފުޅުން"
ޔޫތު މިނިސްޓަރ މަހުލޫފް

ޒުވާނުންގެ ކުރިއެރުމަށް މަސައްކަތްކުރާނީ ދެޖިންސު ހަމަހަމަވާގޮތަށް ކަމަށާއި ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުމުގައިވެސް ދެޖިންސުގެ ޒުވާނުން ބައިވެރިވާ ކުޅިވަރުތައް ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޒުވާނުންގެ ދުވަހާއި ކުރިމަތިލާއިރު މުޅި ދުނިޔެއާއި ރާއްޖެމިވަނީ ކޮވިޑުގެ ބަލިމަޑުކަމުގެ އެތަކެއް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން މަޖުބޫރުވެފައި ކަމަށާއި މިދަތި އުނދަގޫ ވަގުތު އާއިލާތަކާއި ދުރުގަ އެންމެ އިސްސަފުގައި އެންމެ އިސްދައުރެއްއަދާ ކުރަމުންދާ ބަޔަކީ ދިވެހި ޒުވާނުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން ޑޮކްޓަރުންނާއި ނަރުހުން އަދި ސިފައިންގެ އިތުރަށް ފުލުހުން، ވޮލެންޓިއަރުން، ސިއްހީ ޚިދުމަތްތެރިންގެ ތެރޭގައި އެންމެ އިސްސަފުގައި ވަރުބަލިކަމެއްނެތި ފެނިގެންދަނީ ދިވެހި ޒުވާނުން ފުރާނަ އަތްމައްޗަށް ނަގައިގެން ކުރަމުންދާ ވަރުދަގަ ގުރުބާނީ ކަމަށާއި މިކަމަށްޓަކައި ކޮވިޑާއި ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ބައިވެރިވާ އެންމެހާ ޒުވާނުންނަށް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ސަރުކާރުގެ މަސައްކަތްތައް މެންޑޭޓްކުރެވިފައިވާ ގޮތުން ޒުވާނުންނާގުޅޭ އެކި ދާއިރާތަކުގެ އެކި މަސައްކަތްތައް ބެހިގެންގޮސްފައިވަނީ ތަފާތު އެކި ވުޒާރާތަކާއި މުއައްސަސާތަކުގެ ދަށަށް ކަމަށާއި އެގޮތުން ޔޫތު މިނިސްޓްރީއަށް މެންޑޭޓްކުރެވިފައިވާ މަސައްކަތްތަކުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރީ އަހަރުތަކާ އަޅާބަލާއިރު އަދުގެ ސަރުކާރުން ކުރަމުންދާ ކަމަށް މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ.

އެގޮތުން ޒުވާނުންގެ ޚިޔާލާ މަޝްވަރާ ހޯދުމަށް އެކުލަވާލާފައިވާ ޒުވާނުންގެ ގައުމީ މަޖިލީހުގެ ބައިވެރިވުމާއެެކު ބާއްވާ ޒުވާނުންގެ ހޮޅުއަށި ޕްރޮގްރާމާއި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކާއި ލައިފް ސްކިލްގެ އިތުރަށް ޒުވާނުން ލީޑަރުން ބިނާކުރުމަށް ޚާއްސަ ކޭމްޕްތަކެއް ކުރިއަށްގެންދިޔަ ކަމަށާއި ކޮވިޑާއި އެކުވެސް އޮންލައިންކޮށް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިޔަ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.