ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް، މިނިސްޓަރ އޮފް ހެލްތުގެ މަގާމަށް ހެންވޭރު ހިކިފިނިފެންމާގެ އަޙްމަދު ނަސީމް އިސްކުރައްވައި، އެ މަނިކުފާނަށް މަގާމުގެ ފަތްކޮޅު ދެއްވައިފިއެވެ.

އަހްމަދު ނަސީމް ހެލްތު މިނިސްޓަރުގެ މަޤާމުގެ ހުވައިކުރެއްވުމާއި، އެ މަނިކުފާނަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

އެ މަނިކުފާނަށް ހުވައިލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ހުސްނުއްސުއޫދެވެ. ހުވައިކުރެއްވުމަށްފަހު، އަހްމަދު ނަސީމް ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިގްރާރުގައި ސޮއިކުރައްވާފައެވެ.

ހެލްތު މިނިސްޓަރުގެ މަގާމާއި ހަވާލުވެވަޑައިގެންނެވުމުގެ ކުރިން އަޙްމަދު ނަސީމް ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުގެ މަގާމުގައެވެ.

އަހްމަދު ނަސީމްވަނީ 2011 ވަނަ އަހަރު މާރިޗު މަހުގެ 21 ވަނަ ދުވަހުން ފެށިގެން 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަގާމު ފުރުއްވާފައެވެ.

އަދި އޭގެކުރިން އަހްމަދު ނަސީމް ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒްގެ މަގާމުވެސް ފުރުއްވާފައެވެ. އެ މަނިކުފާނު ސަރުކާރުގެ ޚިދުމަތާއި ގުޅިވަޑައިގަތީ 1966 ވަނަ އަހަރުއެވެ.

މިނިސްޓަރ އޮފް ހެލްތުގެ މަގާމަށް އަޙްމަދު ނަސީމް ރައީސް މި އައްޔަން ކުރެއްވީ، މިނިސްޓަރ އޮފް ހެލްތުގެ މަޤާމުގައި ހުންނެވި ޢަބްދުﷲ އަމީން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ހެލްތު މިނިސްޓަރުގެ މަގާމުން އަމީން އިސްތިއުފާ ދެއްވީ، ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގ ކިޔާ ކުންފުންޏަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރުމުގައި ދައުލަތަށް ގެއްލުންވާގޮތަށް އެކަންކޮށްފައިވާ މައްސަލަ ހޫނުވެ، މިނިސްޓަރ އަމީންގެ އިތުބާރުނެތްކަމުގެ ރައްޔިތުންގެ މަޖިލީހަށް ވައްދާފައި ވަނިކޮށެވެ.

އައު ހެލްތު މިނިސްޓަރުގެ މަގާމަށް އަހްމަދު ނަސީމް އައްޔަން ކުރެއްވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު އަހްމަދު ނަސީމަށް މަރްހަބާ ވިދާޅުވެ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، ރާއްޖޭގެ ސިއްހީ ދާއިރާއަށް ނުހަނު ބޮޑަށް ހިންގުންތެރި، ތަޖުރިބާހުރި ބޭފުޅެއް ބޭނުންވެފައިވާ މި ދަނޑިވަޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ސާލިހްގެ ނިންމެވުމަކީ ވަރަށް ފުރިހަމަ ނިންމެވުމެއް ކަމަށެވެ.

"އަޅުގަނޑަށް ޔަގީން މިނިސްޓަރ ނަސީމް ތަފާތު ދައްކަވާނެ"
ރައީސް ނަޝީދު

މިހާރު ވެރިކަން ކުރަނީ ކޯލިޝަނެއްގެ ތެރެއިންކަމުން، ހެލްތު މިނިސްޓަރުކަމުގެ މަގާމު މިހާތަނަށް އޮތީ ޖުމްހޫރީ ޕާޓިގެ ސްލޮޓެއްގެ ގޮތުގައެވެ. އެ މަގާމުން އިސްތއުފާ ދެއްވި އަބްދުﷲ އަމީނަކީ ޖޭޕީގެ ބޭފުޅެކެވެ.

ނަމަވެސް، ޖޭޕީގެ ބަދަލުގައި އެހެން ބޭފުޅަކު ހެލްތު މިނިސްޓަރުކަމުގެ މަގާމަށް ރައީސް އައްޔަން ކުރެއްވީ ކީއްވެގެން ކަމެއް އަދި ސާފެއް ނުވެއެވެ.