އެމްޑަބްލިޔުއެސްސީން އއ.ރަސްދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ނިންމައި ޓެސްޓުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ ރަސްދޫގައި ގާއިމްކުރި ފެނުގެ ނިޒާމް ޓެސްޓުކުރުމުގެ މަސައްކަތް ކުރިޔަށް ދަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، އާއި އެމްޑަބްލިޔުއެސްސީ އަދި ސްޓެލްކޯގެ އެހީތެރިކަމާއެކު ކަމަށެވެ.

ރަސްދޫގެ ފެނުގެ ނިޒާމުގެ މަޝްރޫޢަކީ 30 މިލިއަން ރުފިޔާއަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޑަބްލިޔުއެސްސީ އާއި ހަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން ރަސްދޫ ފެނުގެ ނިޒާމް ޑިޒައިންކޮށް، ރަށުގައި 6,288 މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކެއް ވަނީ އަޅާފައެވެ. އަދި ރަށުގެ 297 ގެއެއްގައި ފެން މީޓަރު ބަހައްޓައި، މިގެތަކަށް ފެނުގެ ކަނެކްޝަން ގުޅާދީފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން މައުލޫމާތުދެއެވެ.

މީގެ އިތުރުން، އާރ،އޯ ފެސިލިޓީ ބިލްޑިންގއެއް ޤާއިމްކޮށް، ފެން އުފެއްދުމަށްޓަކައި 2 އާރ، އޯ ޕްލާންޓާއި، ފެން ރައްކާކުރުމަށްޓަކައި 263 ޓަނުގެ 2 ތާންގީ އާއި ވާރޭފެން ސާފުކުރުމަށްޓަކައި އަލްޓްރާ ފިލްޓްރޭޝަން ނިޒާމަކާއި، ވާރޭފެން ރައްކާކުރުމަށްޓަކައި 703 ޓަނުގެ 1 ތާންގީ ވަނީ ބެހައްޓަފައިވާ ކަމަށްވެސް އެކުންފުނިން މައުލޫމާތުދެއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ ފެން ތަހުލީލް ކުރުމަށް ބޭނުންވާ ލެބޯޓްރީ އަލާތްތަކާއި ސާމާނުތައްވެސް މި މަޝްރޫޢު ގެ ދަށުން ފޯރުކޮށްދޭނެ ކަމަށެވެ. މިމަޝްރޫޢުގެ މަސައްކަތް ނިމުމުން ރަސްދޫ ރައްޔިތުންނަށް ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެއެވެ.