ގާނޫނުއަސާސީގައި އޮތީ ރައްޔިތުންގެ ހައްގުތަކުގެ ވާހަކަ ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވިދާޅުވެއްޖެއެވެ.

މެމްބަރު މިފަދައިން ވިދާޅުވެފައިމިވަނީ ސަރުކާރު ހިންގަނީ ކޯލިޝަނެއްގެ ތެރެއިންތޯ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ނާއިބު ރައީސް އަހުމަދު ސައުދު ސުވާލު އުފައްދަވާފައިވާ ވަގުތެއްގައެވެ.

މެމްބަރު ކުރެއްވި ޓްވީޓެއްގައި ވަނީ ގާނޫނު އަސާސީގައި އޮތީ ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކޮށްދޭން ޖެހޭނެ ވާހަކަ ކަމަށާއި ކޯލިޝަނުގެ ވާހަކައެއް ނެތް ކަމަށެވެ.

ދައުލަތުގެ ވުޒާރާތަކަކީ އެއްވެސް ހާލަތެއްގައި ވަކި ބަޔަކަށް ހިބަކޮށް ދެވޭނެ ތަންތަނެއް ނޫން ކަމަށްވެސް މެމްބަރު ކުރެއްވި ޓްވީޓުގައިވެއެވެ.

މެމްބަރު ރަޝީދު މިފަދައިން ވިދާޅުވެ ޓްވީޓު ކުރައްވާފައިވާއިރު ހެލްތު މިނިސްޓަރުގެ މަގާމަށް އަހުމަދު ނަސީމް (ކެރަފާ ނަސީމް) އައްޔަން ކުރެއްވުމުން ސަރުކާރު ކޯލިޝަން އަދި ހެލްތު މިނިސްޓްރީގެ ސްލޮޓު ދީފައިވާ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ އިސް ބޭފުޅުން އެކަމާއި އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

އެގޮތުން ޖޭޕީގެ ނާއިބު ރައީސް އަހުމަދު ސައުދު ވަނީ ކޯލިޝަން އޮތްތޯ ސުވާލު އުފައްދާ ޓްވީޓު ކުރައްވާފައެވެ. އެހެންނަމަވެސް ސައުދު މިހާރުވަނީ މި ޓްވީޓް ޑިލީޓް ކުރައްވާފަައެވެ.

ހެލްތު މިނިސްޓަރުގެ މަގާމުން އަމީން އިސްތިއުފާ ދެއްވީ، ކޮވިޑް-19ގެ ފަރުވާއަށް ވެންޓިލޭޓަރު ހޯދުމުގައި ކަން ހިނގާފައިވާ ގޮތާ ގުޅިގެން އޮޑިޓް އޮފީހުން ނެރުނު ރިޕޯޓާއި ފުލުހުންނާއި އޭސީސީ ގުޅިގެން ހިންގި ތަހުގީގުން ވެސް ތުހުމަތުތަކެއް ކޮށްފައި ވަނިކޮށެވެ.

އެކަމަކު މި މައްސަލައިގަ ޕީޖީ އޮފީހުން ވަނީ ކޯޓުގައި ދައުވާ ސާބިތުކުރެވޭނެ ވަރުގެ ހެއްކެއް ނެތް ކަމަށް ބުނެފައެވެ. ހެލްތު މިނިސްޓަރަކު ހަމަޖައްސަން ޖޭޕީން ނަން ފޮނުއްވި ބޭފުޅުންގެ ތެރޭގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް މާހިރާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ހިމެނިވަޑައިގަންނަވާ ކަމަށް މައުލޫމާތުލިބެއެވެ.