ހުޅުމާލޭ ބީޗް ސަރަހައްދުގައި ޕްލާސްޓިކް ކުނިބުންޏަށް ޚާއްސަކޮށްގެން ޑަސްބިންތަކެއް ބަހައްޓައިފިއެވެ.

ޑަސްބިން ބެހެއްޓުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވީ ހުޅުމާލޭ ބީޗް ސަރަހައްދުގައި ޕްލާސްޓިކް ކުނިބުންޏަށް ޚާއްސަކޮށްގެން ޑަސްބިންތަކެއް ބަހެއްޓީ ޕާލޭ އާއި އެޗްޑީސީއާއި ގުޅިގެން ކަމަށެވެ. މި ޑަސްބިންތައް ހުޅުމާލޭ ތިން ސަރަހައްދެއްގައި ބަހައްޓާނެ ކަމަށާއި މީގެކުރިންވެސް ޕާލޭ އިން މިފަދަ ހަރަކާތްތަކެއް ހިންގާފައިވާ ކަމަށް ސުހައިލް ވިދާޅުވިއެވެ.

ހުޅުމާލޭ ބީޗް ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން، ބޭނުންކޮށްފަ އުކާލާ ޕްލާސްޓިކް ފުޅިފަދަ ތަކެތި ޑަސްބިން ކުރުމަށް ސުހައިލް ވަނީ އިލްތިމާސްކުރައްވާފައެވެ.

ކުރިއަށްއޮތްތަނުގައި ޕާލޭ އާއި ގުޅިގެން އެޗްޑީސީން ހުޅުމާލޭގައި އިތުރު ޑަސްބިންތަކެއް ބެހެއްޓުމުގެ މަސައްކަތްތައް ފަށާނެ ކަމަށާއި ޕްލާސްޓިކް ފުޅި ފަދަ ތަކެތި ހުޅުމާލޭ މަގުމަތިންނާއި ބީޗް ސަރަހައްދުން މަދު ކުރުމުގައި ރައްޔިތުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށްވެސް ސުހައިލް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕާލޭ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރ ޝާހިނާ އަލީ ވިދާޅުވީ މި މަސައްކަތުގައި އެޗްޑީސީއާއިއެކު މީގެ އަހަރެއްކުރިން އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. މި މަސައްކަތުގައި އެދެވޭ ވަރަށް ނަތީޖާ ނުނެރެވުނީ މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން ކަމަށް ޝާހިނާ ވިދާޅުވިއެވެ.

މި މަސައްކަތުގެ މައިގަނޑު މަގްސަދަކީ އެއް ފަހަރު ބޭނުންކޮށްފަ އުކާލާ ޕްލާސްޓިކް ރަނގަޅު ގޮތުގައި ނައްތާލުމަށްޓަަކައި ހަރުދަނާ ނިޒާމެއް ގާއިމް ކުރުން ކަމަށާއި ހުޅުމާލެއަކީ ޕްލޭން ސިޓީއެއް ކަމުން ހުޅުމާލެއިން ޕްލާސްޓިކް ނައްތާލެވިއްޖެނަމަ ހުޅުމާލެ ވެގެންދާނީ ރާއްޖޭގެ ފުރަތަމަ ޕްލާސްޓިކް ފްރީ ސިޓީއަށް ކަމަށް ޝާހިނާ ވިދާޅުވިއެވެ.

ޕްލާސްޓިކް އެއްކުރުމަށް ޑަސްބިންތައް ބަހައްޓާފައިވަނީ ނެއިބަހޫޑް 1 ގެ ކިކްސް ކެފޭ ކުރިމަތި އަދި ނެއިބަހޫޑް 2 ގެ ސްޕައިސް ކެފޭ ކުރިމައްޗާއި ނެއިބަހޫޑް 3 ގެ ރިވެތި ގެސްޓްހައުސް ކުރިމަތީގައި ކަމަށް އެޗްޑީސީން ބުނެއެވެ.