ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގުޅިގެން ކުރިޔަށްގެންދާ "އެންޓި ބޮޑީ ޓެސްޓިން" އަށް އެއްބާރުލުން ދިނުމަށް އެމްއެންޔޫ އިން ގޮވާލައިފި އެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ކޮވިޑް-19އަށް ހުށައެޅިފައިވާ މިންވަރާ، މާލޭ ސަރަހައްދުގައި މިބަލި ފެތުރިފައިވާ މިންވަރު ދެނެގަތުމަށް ފަށާފައިވާ މިދިރާސާގެ ދެވަނަ ބުރު އިއްޔެ ވަނީ ފަށާފަ އެވެ.

މި ދިރާސާއާއި ގުޅޭގޮތުން ވީނިއުސްއަށް މައުލޫމާތު ދެއްވަމުން އެމްއެންޔޫގެ ޑީން އޮފް ރިސާޗް ރަހީމާ އަބްދުލް ރަހީމް ވިދާޅުވީ "އެންޓި ބޮޑީ ޓެސްޓިން" ސާވޭގައި ހުރިހާ ފަރާތްތަކެއްވެސް ބައިވެރިވުމަކީ އެ ޔުނިވަރސިޓީގެ ވަރަށް ބޮޑު އެދުމެއްކަމަށެވެ.

މި ސާވޭގައި ބައިވެރިވާ ފަރާތްތަކަށް، ކޮވިޑް 19 އާގުޅޭ މުހިންމު މައުލޫމާތުތަކެއް ލިބޭނެކަން ފާހަގަކުރައްވާ ރަހީމާ ވިދާޅުވީ މިހާރު ކޮވިޑައް ހުށައެޅިފައިވާ ނިސްބަތް އެނގުމުން، ދެން ކޮވިޑް ފެތުރިގެންދާނީ ކިހާ ބާރުމިނެއްގައިކަން އެނގިގެންދާނެކަމަށެވެ. އަދި އާންމުންނަށް އިތުރަށް ދެވެން އޮތް ލުއިތައްވެސް އެނގިގެންދާނެކަމަށެވެ. ދުވާލަކަށް 400 މީހުން ޓެސްޓު ކުރެވޭތޯ މަސައްކައްކުރަމުން އަންނަ ކަމަށްވެސް ރަހީމާ ވިދާޅުވިއެވެ.

"ހުރިހާ ބޭފުޅުންވެސް ސަމާލުކަން ދެއްވަންވީ ތިބޭފުޅުންނަށް އެޗްޕީއޭގެ ފަރާތުން ޓެސްޓުކުރުމަށް މެސެޖެއް އައިތޯ. މެސެޖެއް އައިސިއްޔާ އޭގެ މާނައަކީ އެބޭފުޅެއްގެ ގެޔަކާއި އެންމެ ކައިރި ޓެސްޓިން ސްޓޭޝަންއަކަށް ވަޑައިގަންނަވާށޭ"
އެމްއެންޔޫގެ ޑީން އޮފް ރިސާޗް ރަހީމާ އަބްދުލް ރަހީމް

"އެންޓި ބޮޑީ ޓެސްޓިން" ހެދުމުގެ ހުރިހާ އިންތިޒާމެއްވެސް ހަމަޖެހިފައިވާނީ ޑައބްލިއުއެޗްއޯ އާއި އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަވާ ގޮތުގެ މަތިންކަމަށް ރަހީމާ ވިދާޅުވިއެވެ.

"އެންޓި ބޮޑީ ޓެސްޓިން" ސްޓޭޝަންތައް ހުންނާނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ މައި މަރުކަޒުގަޔާއި، ފެކަލްޓީ އޮފް ހެލްތް ސައިންސްގެ ބިލްޑިންގްގައެވެ. މީގެއިތުރުން ހުޅުމާލެ އަދި ވިލިމާލޭގައިވެސް ޓެސްޓިން ސްޓޭޝަން އެއް ގާއިމްކޮށްފައިވެއެވެ.

ދިރާސާ ހެދުން ހަތަރު އުމުރު ފުރާއަަކަށް ބަހާލާފައިވާއިރު، މީގެރެތޭގައި ހިމެނެނީ ޅަފަތު އުމުރާއި 17 އަަހަރާ ދެމެދުގެ އުމުރުފުރާ، 18 އަހަރާއި 34 އަަހަރާ ދެމެދު، 35 އަހަރާއި 59 އަހަރާ ދެމެދު، އަދި 60 އަހަރުން މަތީގެ އުމުރުފުރާއެވެ. މީގެތެރެއިން ޅަފަތު އުމުރާއި 17 އަަހަރާ ދެމެދުގެ އުމުރުފުރާގެ "އެންޓި ބޮޑީ ޓެސްޓިން" މިހާރު ވަނީ ނިމިފައެވެ.

މި ދިރާސާގައި ބައިވެރިވާ މީހާގެ ނަތީޖާއިން އެ މީހެއްގެ ހަށިގަނޑުގައި މި ބައްޔަށް ހުށައެޅިފައިވޭތޯ އާއި އެ ވައިރަސް އަށް ހަށިގަނޑުގައި ދިފާއީ ބާރު ހުރިތޯ އެނގޭނެ އެވެ. އަދި އެ މީހެއްގެ ނަތީޖާ އެ މީހަކާ މެސެޖުން ހިއްސާ ކުރާނެ އެވެ.

3 ހަފްތާގެ ނިޔަލަށް ކުރިޔަށްގެންދާ މި ދިރާސާ ކުރިޔަށްދާނީ ހަވީރު ހަތަރަކުން އިރުއޮއްސި ހަތަކާއި ހަމަޔަށެވެ.