ކޮވިޑް-19 އިން ވީހާވެސް އަވަހަކަށް އަރައިގަތުމަށް ކުރެވޭ އުއްމީދު އެންމެ ބޮޑަށް ގުޅިލާމެހިފައިވާ ކަންތައް ކަމަށްވާ ވެކްސިން އުފައްދަން ކުރަމުން އަންނަ މަސައްކަތުގައި މިއީ ނާއުއްމީދު ކުރުވި ހަފްތާ އެކެވެ. ވެކްސިން ޓެސްޓްކުރުމުގެ މަސައްކަތްތަކަށް ކުރިމަތިވި ބައެއް ހުރަސްތަކާއެކު، ޔޫރަޕްގެ ގައުމުތަކުން މިހާރު ވަނީ ބަލި ކޮންޓްރޯލްކުރުމުގެ އާ ފިޔަވަޅުތަކެއް އަނެއްކާވެސް އަޅާފައެވެ.

ވެކްސިނެއްގެ އުއްމީދަށް ހިޔަނިއެޅުނީ އެމެރިކާގައި ޓެސްޓްތައް މެދުކަނޑާލުމުންނެވެ. އެމެރިކާގައި ކޮވިޑަށް ވެކްސިން ޓެސްޓްކުރުމުގެ ތިންވަނަ ފިޔަވަހި ކުރިއަށްގެންދާ އެލީ ލިލީއިން ޓެސްޓްތައް މެދުކަނޑާލީ ހާދިސާއެއް ހިނގައިގެން ކަމަށް އެ ކުންފުނިން ބުންޏެވެ. އެކަމަކު، އެހާދިސާގެ ތަފްސީލެއް ނުދެއެވެ. އެ ކުންފުންޏަކީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި، ވެކްސިން ޓެސްޓް ކުރުމުގެ މަސައްކަތް ވަގުތީގޮތުން ހުއްޓައިލި ދެވަނަ ކުންފުންޏެވެ. އޭގެކުރިން، ޖޯންސަން އެންޑް ޖޯންސަން އިންވެސް ވަނީ ޓެސްޓްތައް މެދުކަނޑާލާފައެވެ. އެ ކުންފުނިން ބުނީ ޓެސްޓްތައް ހުއްޓައިލީ މައްސަލައެއް ދިމާވުމުންނެވެ.

ކޮވިޑަށް ވެކްސިނެއް ހޯދުމުގެ މަސައްކަތް ކުރާ ބައެއް ކުންފުނިތަކުން ވަގުތީގޮތުން މަސައްކަތް ހުއްޓައިލި ނަމަވެސް ގިނަ ކުންފުނިތަކުން އެ މަސައްކަތުގައި އަދި ދެމި އެބަތިއްބެވެ. އެކަމަކު، އަވަސް މުސްތަގުބަލެއްގައި ވެކްސިނެއް ނުލިބިދާނެކަން، ދުނިޔޭގެ ބޮޑެތި އަދި މުއްސަނދި ގައުމުތަކުން ކަންކަން ކުރަމުން އަންނަ ގޮތަށް ބަލައިލުމުން އެނގެއެވެ.

އެކަން އެންމެ ސާފުކޮށް ފެންނަނީ ކޮވިޑް އެންމެ ފުރަތަމަ ފެނުނު އަދި އެބަލި ކޮންޓްރޯލް ކުރުމުގައި އެންމެ ކާމިޔާބު ގައުމު ކަމަށްވާ ޗައިނާއިން ކުރާ މަސައްކަތުންނެވެ. ޗައިނާގެ ކިންޑާއޯ ނަމަކަށް ކިޔާ ރަށުން ކޮވިޑްގެ މަދު ކޭސްތަކެއް ފެނުމާއެކު އެރަށުގެ މުޅި އާބާދީ ޓެސްޓްކުރަން އެ ގައުމުގެ ސަރުކާރުން ވަނީ މަސައްކަތް ފަށަފައެވެ. އާބާދީގައި 9.4 މިލިޔަން މީހުން ތިބި އެރަށުން މިހާތަނަށް ހަތަރު މިލިޔަން މީހުންގެ ސާމްޕަލް ވަނީ ނަގާފައެވެ.

ޔޫރަޕަށް ބަލާލައިލާއިރު، ނެދަލޭންޑްސް ވަނީ ކޮންމެވެސް ވަރެއްގެ ލުއިތަކަކާއެކު ލޮކްޑައުން ފިޔަވަޅެއް އަޅާފައެވެ. އެއީ، ކޮވިޑްގެ އެންމެ ބިޔަ އެއް ރާޅު އަނެއްކާވެސް ޔޫރަޕަށް ބިންދާލުމުންނެވެ. ނެދަލޭންޑްސްގެ ހުރިހާ ކެފޭ، ރެސްޓޯރެންޓް އަދި ބާތައް ބަންދުކޮށްފައި ވާއިރު، އުމުރުން 13 އަހަރުން މަތީގެ އެންމެންވެސް އިމާރާތެއްގެ އެތެރޭގައި އުޅޭނަމަ މާސްކް އެޅުމަކީ މަޖުބޫރު ކަމަށް ވަނީ ހަދާފައެވެ. ހަމަ އެފަދަ ފިޔަވަޅުތަކެއް، ފްރާންސްގައި ވެސް ވަރަށް އަވަހަށް އިއުލާނު ކުރަން ތައްޔާރުވެފައިވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން އިއްޔެ ބުންޏެވެ. އެ ގައުމުގައިވެސް، މީހުން ގެއިން ބޭރަށް ނުކުމެ އުޅުން މަދުކުރުމަށްޓަކައި ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމަށް ވަނީ ބެލެވިފައެވެ.

ހާޑް އިމިއުނިޓީގެ އުއްމީދު އަދި ކުޑަ:

ހާޑް އިމިއުނިޓީ އަކީ ގިނަ ބަޔަކަށް ބައްޔެއްޖެހި، އެ ބަލިން ދިފާއުކޮށްދޭން އެންޓިބޮޑީސް މީހުންގެ ހަށިގަނޑުގައި އުފެދުމެވެ. ބައެއް ބަލިތަކުގެ ބާރު ދަށްވާން ފަށަނީ އެ ހިސާބުންނެވެ. ވައިރަސް ފެތުރުންވެސް އެ ހިސާބުން ވަރަށް ބޮޑަށް މަޑުޖެހެއެވެ.

ކޮވިޑްގައި އެގޮތަށް ކަންތައް ކުރާކަށް އެއްވެސް ގައުމަކުން އަދި އުޅޭ ކަމަކަށް ނުބެލެވެ އެވެ. އޭގެ ބަދަލުގައި، ހުރިހާ ގައުމަކުންހެން މަސައްކަތް ކުރާތަން ފެންނަނީ، ބަލި ފެތުރުން ކޮންޓްރޯލް ކުރަން ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅައިގެންނެވެ.

އެކަހަލަ ރިސްކެއް ގައުމުތަކުން ނުނަގާ މައިގަނޑު ސަބަބަކީ، އެފަދަ މަސައްކަތެއް ނާކާމިޔާބުވާ ހާލަތުގައި ބޭނުންކުރާނެ ވެކްސިނެއް ނުވަތަ ފަރުވާއެއް އަދި ނެތުމެވެ. ވެކްސިނެއް ނުވަތަ ފަރުވާއެއް ކައިރި މުސްތަގުބަލެއްގައި ލިބޭނެ ކަމަށް ލަފާ ނުކުރެވޭތީއެވެ.

ކޮވިޑްގެ ވެކްސިން ރާއްޖެއަށް ލިބޭނެތަ؟

ވެކްސިން އުފެއްދުމާއެކު ވެކްސިން ގަތުމަށް ގައުމުތަކުންނާއި ވޯލްޑް ބޭންކް ފަދަ ބޮޑެތި މާލީ އިދާރާތަކުން ވަނީ ފައިސާގެ އިންތިޒާމްތަކެއް ވެސް ހަމަޖައްސާފައެވެ. އެކަމަށް ހަރަދުކުރާނެ ފައިސާ ހޯދަން ގައުމުތަކުން އަންނަނީ ވަކިވަކިންވެސް ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި އެހެން ގައުމުތަކާވެސް ވާހަކަ ދައްކަމުންނެވެ.

މި މަހުގެ ހަވަނަ ދުވަހު ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ، ރާއްޖެއަށް އަވަހަށް ވެކްސިން ލިބޭނެކަން ކަށަވަރުކުރުމަށްޓަކައި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި ބައިނަލްއަގުވާމީ އެހެން ބައެއް ޖަމާއަތްތަކާ އެކު ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، ކޮވިޑްގެ ވެކްސިން ހުރިހާ ގައުމަކަށް ލިބިދިނުމަށް، ގައުމުތަކާއި ޖަމާއަތްތައް ގުޅިގެން ގާއިމްކޮށްފައިވާ "ކޯވެކްސް" ފެސިލިޓީގެ ބޭނުން ރާއްޖެއަށް ހިފޭނެއެވެ.

"އަޅުގަނޑުގެ މައުލޫމާތު ކުށް ނޫންކަމަށް ވަންޏާ ގާތްގަނޑަކަށް 146 ގައުމަކުން މިކޯވެކްސް ފެސިލިޓީގައި ބައިވެރިވެފައި މިއޮތީ. ރާއްޖެއަކީ ވެސް އަޅުގަނޑު ހިތުން މީގެ ބައިވެރިއެއް. އިރާދަކުރެއްވިއްޔާ މިވެކްސިން މިއިން ހަމަޖެހިގެންދާނެ،"
މިނިސްޓަރ އަމީރު

މިނިސްޓަރު ވިދާޅުވި ގޮތުގައި، ކޯވެކްސް ފެސިލިޓީގެ އިތުރުން، ވެކްސިނުގެ ކަންތަކުގައި ރާއްޖޭން އަންނަނީ ވޯލްޑް ބޭންކާވެސް ވާހަކަ ދައްކަމުންނެވެ. ވޯލްޑް ބޭންކުގެ ބޯޑުން މި ހަފްތާގައިވަނީ، ކޮވިޑްގެ ވެކްސިން ގަތުމުގައި ކުރިއަރަމުން އަންނަ ގައުމުތަކަށް އެހީތެރިވުމަށްޓަކައި 12 ބިލިއަން ޑޮލަރުގެ ފައިސާ ކަނޑައަޅާފައެވެ.

"މި ކޯވެކްސް ފެސިލިޓީގެ ކަންތައްތަކުގައި އަޅުގަނޑުމެން ވޯލްޑް ބޭންކާ އެކީގައިވެސް ވާހަކަ ދައްކަމުން މިދަނީ. ވޯލްޑް ބޭންކްގެ ކޮމިޓްމެންޓެއް އެބައޮތް ވެކްސިން ހަމަ މާކެޓަށް އައުމާއެކު އަޅުގަނޑުމެންނަށް ވެސް އެފުރުސަތު ހޯދައިދޭން އެ ބޭފުޅުންވެސް އިންވެސްޓްކުރަމުން ގެންދާނެ ކަމަށް،"
މިނިސްޓަރު އަމީރު

އެކަމަކު، މިހާތަނަށް ފެންނަން އޮތް ހަގީގަތަކީ ފައިސާ ހުއްޓަސް، ޑިމާންޑާ އެއްވަރަށް ސަޕްލައި ނެތުމުގެ ސަބަބުން ވެކްސިން އުފެއްދުމަށާއި ރައްކާތެރި ގޮތުގައި ވެކްސިން ރައްކާކޮށް އަދި އެއްތަނުން އަނެއް ތަނަށް އުފުލަން ބޭނުންވާ ތަކެތި ނުލިބޭ ކަމެވެ. ކޮވިޑް ފުރަތަމަ ފެތުރެން ފެށުމާއެކު ސިއްހީ އެހީތެރިންނަށާއި ހޮސްޕިޓަލްތަކަށް ބޭނުންވާ ވަސީލަތްތައް ހޯދަން ގައުމުތަކުން ޖެހި ރޭހަކީ ވިސްނާލަންޖެހޭ ކަމެކެވެ. ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (ޕީޕީއީ) އިން ފެށިގެންގޮސް މާސްކާއި އަންގި އަށް ދާންދެން ހޯދަން އުނދަގޫވިއެވެ. އޭރު، އެފަދަ ބައެއް ސާމާނު، މުއްސަނދި ގައުމުތަކުން ގަންނަމުން ދިޔައީ ކުޑަ ގައުމަކަށް އެއިން އެއްޗެއް ނުވެސް ލިބޭހާ ގިނައިންނެވެ. އެކަމުގެ ދަތިކަން ރާއްޖެއަށްވެސް ކުރިމަތިވިއެވެ.

ވެކްސިންގެ ކަންތަކުގައި ބައިނަލްއަގުވާމީ މަޝްރަހުގައިވެސް މިހާރު ކުރަމުން އަންނަ އެންމެ މުހިއްމު ސުވާލަކީ ޑަބްލިއުއެޗްއޯއިން ވެކްސިނެއް އެޕްރޫވް ކުރުމާއެކު އެންމެ ފުރަތަމަ ވެކްސިން ލިބޭނީ ކޮން ގައުމަކަށްތޯ ކުރާ ސުވާލެވެ. މިއީ، ބޮޑެތި އަދި މުއްސަނދި ގައުމުތަކާއި ކުދި އަދި ވަސީލަތްތައް މަދު ގައުމުތަކާ ދެމެދު ކުރާ "ފިނި ހަނގުރާމަ" އަކަށް ވެދާނެތޯ ކުރެވޭ ބަހުސެވެ.

އެމެރިކާގެ ނެޝަނަލް އިންސްޓްޓިއުޓްސް އޮފް ހެލްތާއި ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލްއިން ނެރުނު 237 ސަފްހާގެ ފްރޭމްވޯކެއްގައި، ނެޝަނަލް އެކަޑަމީ އޮފް މެޑިސިން އިން ވަނީ އެތަނުގެ ރިކޮމެންޑޭޝަންތައް އާއްމުކޮށްފައެވެ. އެ ރިޕޯޓްފައި ލަފާދީފައިވަނީ، ވެކްސިނެއް ބޭނުންކުރެވެން ފެށުމާއެކު ހަތަރު ފޭހަކަށް ބަހާލައިގެން ވެކްސިން ފޯރުކޮށްދިނުމަށެވެ. ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގައި ބަލާނީ އެ ގައުމެއްގެ ކެރިފޯރުންތެރިން ހުރި މިންވަރާއި ދަތުރުފަތުރުގެ އުނދަގޫކަން ފަދަ ކަންތައްތަކަށެވެ. ހަމަ އެއާއެކު، ވެކްސިން ދިނުމުގައި އިސްކަންދޭނެ ގިންތިތަކެއްވެސް އެ ރިޕޯޓްގައި ހިމަނާފައި ވެއެވެ. އެގޮތުން، ކޮންމެ ގައުމަކުން ވެސް ފުރަތަމަ ވެކްސިން ލިބޭނީ ސިއްހީ ހިދުމަތްތެރިންނަށެވެ. އެއަށްފަހު، އުމުރުން ދުވަސްވީ މީހުންނާއި ދާއިމަށް ފަރުވާކުރަންޖެހޭ ބަލިތައް ތަހައްމަލުކުރަމުންދާ ފަރާތްތައް ފަދަ ހައި ރިސްކް ކެޓަގަރީގެ މީހުންނަށެވެ.

ގައުމްތަކުގެ ކެރިފޯރުންތެރިކަން ގިންތިކުރާއިރު، އެންމެ ފަގީރު ގައުމުތަކުގެ ތެރޭގައި ރާއްޖެ މިހާރު ނުހިމެނެއެވެ. ރާއްޖެއަކީ މިހާރު "މިޑުލް އިންކަމް" ގައުމެކެވެ. އެހެންވެ، ގައުމުގެ ފަގީރުކަމަށް ބަލައިގެން ވެކްސިން ބަހާނަމަ ލިސްޓްގެ އެހާ ކުރިއަކަށް ރާއްޖެ ނާރާނެއެވެ. ހުރިހާ ގޮތަކުން ބަލާއިރުވެސް ވެކްސިން ހަމަ އެޕްރޫވް ވާއިރަށް ލިބޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ނުހިމެނިދާނެ ކަމުގެ ކަންބޮޑުން އޮތީ މިހެންވެއެވެ.

އެހެންވެ، ކޮވިޑުން ސަލާމަތްވެ ތިބުމަށް މިއަދުވެސް، މާދަމާވެސް ކުރެވެން އޮތް އެންމެ މުހިއްމު ކަމަކީ ބަލި ފެތުރިދާނެ ހުރިހާ މާހައުލަކުން ދުރަށް ދިއުމެވެ. ވައިރަސް އުފުލާ ވެހިކަލަށް ނުވާނެ ގޮތަކަށް އަމަލުތައް ބެހެއްޓުމެވެ. ބަލީގެ ޗޭނު ތިބާއާ ހިސާބުން ވަކިކޮށްލުމެވެ.

ރައްކާތެރިވުމުގެ ގޮތުން އަހަރެމެންނަށް ކުރެވޭނެ އެންމެ މުހިއްމު އެއް މަސައްކަތަކީ ކޮންމެ ވަގުތަކުވެސް ބަލި ޖެހިދާނެ ކަމާއި ބަލީގެ އަލާމާތެއް ނުފެނިވެސް ހުރެދާނެކަން ވިސްނައި، އެފަދަ ހާލަތެއްގައިވެސް އެހެން މީހެއްގެ ހަށިގަނޑަށް ބަލި ނާރާނެހެން އަމަލުތައް ބެހެއްޓުމެވެ. ސިއްހީ މާހިރުން ދެއްވާ ލަފަޔަށް އަމަލުކޮށް، ވީހާވެސް ބޮޑަށް އެކަހެރިވެގެން އުޅުމެވެ.

ކޮވިޑްގެ ބަލިމަޑުކަން ފެތުރެން ފެށިފަހުން މިވީ ހަތް މަހެއްހާ ދުވަހުގެ ތެރޭގައި ވެކްސިނެއް ހޯދަން ކުރި މަސައްކަތްތަކާއި ބަލި ކޮންޓްރޯލް ކުރަން ކުރި މަސައްކަތުގެ އުނދަގޫކަން އެންމެ ބޮޑަށް އިހުސާސް ކުރުވައިދޭ ކަމަކީ، ބަލީގެ ހަގީގަތް އަދިވެސް މާ ރަނގަޅަށް ނޭނގި އޮތުމެވެ. އެހެންވެ، ވެކްސިނެއް ހަމަ އުފައްދާއިރަށް ރާއްޖެއާ ހަމައަށް ނައިސް ހިނގައިދާނެކަން އަބަދުވެސް ސިކުނޑީގައި ބާއްވަން ޖެހެއެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް ދިރިއުޅުމުގެ ބަޔަކަށް ހަދައިގެން އުޅެން ފަރިތަކުރުން ނޫން ގޮތެއް މިވަގުތަކަށް ނެތެވެ!

އެޑިޓަރުގެ ނޯޓު:

މިއީ "ކޮވިޑް ހުއްޓުވާނީ އަހަރެން" ގެ ނަމުގައި ދިވެހި މީޑިއާއިން އިސް ނަގައިގެން ކުރިޔަށް ގެންދާ ގައުމީ ކެމްޕެއިންގެ ދަށުން ގެނެސްދީފައިވާ ރިޕޯޓެކެވެ.