ފުށިދިއްގަރުފަޅު ކުއްޔަށްދިން މައްސަަލާގައި ކުރީގެ ނައިބް ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކ. ފުށިދިއްގަރު ފަޅު ސްޕެޝަލް ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަޝްރޫއާ ގުޅިގެން އަބްދުﷲ ޖިހާދުގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނުގެ ދަށުން ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފާއިދާއެއް ލިބެން އޮތް ކަމެއްގަ އެ ނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ޖިހާދުގެ މައްޗަށް ދައުވާކުރަން ފޮނުވި މައްސަލާގެ އަސާސްތަކުގެ ތެރޭގައި، ނޭޝަނަލް ޕްލޭނިންގ ކައުންސިލުގެ ލަފާގެމަތިން ކ. ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ސަރުކާރުގެ 50 ޕަސެންޓު ހިއްސާވާގޮތަށް ޖޮއިންޓް ވެންޗަރ އެގްރީމަންޓެއް ހެދުމަށް 22 ނޮވެންބަރު 2011 ދުވަހު ވަޒީރުންގެ މަޖިލީހުން ނިންމަވާއިރު އެ ނިންމުމުގައި އޮތީ، މިމަޝްރޫެއަށް ސަރުކާރުން އެއްވެސް ފައިސާއެއް ޚަރަދުކުރަން ނުޖެހޭ ގޮތަށާއި، މިމަޝްރޫއުގެ ތެރެއިން، ބިމުކުލި ދައުލަތަށް ލިބެންޖެހޭކަން ވަނީ ބަޔާންކޮށްފައެވެ.

ނަމަވެސް ފިނޭންސް މިނިސްޓަރުގެ މަގާމުގައި ޖިހާދު ހުރެ ވަޒީރުންގެ މަޖިލީހުގެ ނިންމުމާ ކަނޑައެޅިގެން ޚިލާފަށް، އެކަން އެގޮތަށް ކުރަންޖެހިދާނެ އެއްވެސް ސަބަބެއްނެތި، 13 ޖަނަވަރީ ދުވަހު ކ. ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި، ވަޒީރުންގެ މަޖިލީހުގެ ނިންމެވުމުގައި އޮތް 50 އިންސައްތައިގެ ބަދަލުގައި، ދިވެހި ދައުލަތުގެ 25 އިންސައްތައިގެ ހިއްސާ އޮންނަގޮތަށް ޖޮއިންޓް ވެންޗަރ ކުންފުންޏެއް ހެދުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓަޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ޖިހާދުގެ މިޢަމަލުގެ ސަބަބުން ރައްޔިތުންނަށާއި ދައުލަތަށް ލިބެންއޮތް ފައިދާއިން، ހަމައެކަނި ބިމުކުލީގެ ގޮތުގައިވެސް 604،713،750 އެމެރިކާ ޑޮލަރު އުނިވެފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

މިމައްސަލަ 29 އޮގަސްޓް 2013 ގައި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުނު ކަމަށާއި މިމައްސަލައަކީ ފާޅުކަންބޮޑު ގޮތެއްގައި ކޮރަޕްޝަން ހިމެނޭ މައްސަލައަކަށްވީ ނަމަވެސް، 16 ފެބުރުވަރީ 2016 ގައި މިމުއާމަލާތުގައި ކޮރަޕްޝަން އެކުލެވިގެން ނުވާކަމަށް އޭރު އޭސީސީން ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ނަމަވެސް އެ ނިންމުމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ބެލުމުގެ ފުރުސަތު އޮތުމުން އެމައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް ޕްރެޒިޑެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގައި އެދިފައިވާނޭ ކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.