ކޮވިޑް-19 ބަލިމަޑު ހާލަތުގެ ދެވަނަ ރާޅާ ކުރިމަތިލުމަށްޓަކައި ސްޕެއިނުން ކުއްލި ނުރައްކަލުގެ ހާލަތު އިޢްލާން ކޮށްފިއެވެ.

މިއީ، ކޮވިޑް ބައްޔާ ގުޅިގެން ސްޕެއިންގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢްލާންކުރި ދެވަނަ ފަހަރެވެ.

މިފަހަރު އިޢްލާންކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން، މުޅި ގައުމުގައި ކާފިއުގެ އަމުރު ސަރުކާރުންވަނީ ހިންގާފައެވެ.

މިއަދު ބޭއްވި ކެބިނެޓުގެ ކުއްލި ބައްދަލުމަކަށްފަހު ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވީ، ސްޕެއިން މިހާރުވަނީ ވަރަށް ގޯސް ހާލަތުގައި ކަމަށާއި، މިއީ ވޭތުވެދިޔަ ބައި ގަރުނުގެ ތެރޭގައި ސްޕޭން ދުށް އެންމެ ސީރިއަސް ހާލަތު ކަމަށެވެ.

ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވީ، ހަގީގަތަކީ، ޔޫރަޕާއި ސްޕެއިންވެސް މިހާރު ތަހައްމަލް ކުރަމުންދަނީ ކޮވިޑްބަލީގެ ދެވަނަ ރާޅުކަމަށެވެ.

ބަލި ފެތުރުން ހުއްޓުވަން ސްޕެއިން ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިޢްލާންކޮށް، ސްޕެއިންގެ އެކި ސަރަހައްދުތަކުގައި ރޭގަނޑު ކާފިއު ހިންގުމަށްވަނީ އަންގާފައެވެ.

އެގޮތުން، ސްޕެއިންގެ ކޭނަރީ އައިލެންޑް ފިޔަވައި، އެހެން ހުރިހާ ސަރަހައްދެއްގައި ރޭގަނޑު 11:00 އިން ފެށިގެން ހެނދުނު 6:00 އާ ހަމައަށް، އާންމުންނަށް ގެއިން ބޭރަށް ނުދެވޭގޮތަށް ކާފިއު ހިންގުމަށް ވަނީ އަންގާފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތާއި، ކާފިއު ކުރިއަށްއޮތް ދެހަފްތާއަށް ދެމި އޮންނާނެ ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.

ދެހަފްތާއަށްވުރެ މުއްދަތު އިތުރު ކުރާނަމަ، ސްޕެއިންގެ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޕާލަމެންޓުގެ ހުއްދަ ލިބިގެންނެވެ.

ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވީ، މީހުންގެ ހަރަކާތްތަކަށް ލުއިދޭ ވަރަކަށް ބަލީގެ ހާލަތުދަނީ ގޯސްވަމުންނެވެ. އެހެންކަމުން، އޭނާ އުންމީދުކުރައްވަނީ ކުއްލި ނުރައްކަލުގެ ހާލަތު 2021 ވަނަ އަހަރުގެ މެއިމަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ދަންމާލުން ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.

ސްޕެއިނުން ކޮވިޑް ޖެހުނު މީހުންގެ އަދަދު އެއް މިލިއަނަށް އަރާފައިވަނީ މި ހަފްތާގައެވެ. ސްޕެއިން ވެފައިވަނީ ޔޫރަޕްގެ ގައުމުތަކުން ބަލި ޖެހުނު މީހުންގެ އަދަދު މިލިއަނަކަށް އެރި ފުރަތަމަ ގައުމެވެ.

ސްޕެއިންގެ މައި ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިޢްލާން މިކުރީ، ސްޕެއިންގެ ޒާތީ މިނިވަންކަން އޮންނަ އެތައް ސަރަހައްދަކުން ކުއްލި ނުރައްކަލުގެ ހާލަތު އިޢްލާން ކޮށްދެއްވުމަށް މައި ސަރުކާރަށް ގޮވާލަމުން ގެންދަނިކޮށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު ހިންގުމުން، ލޮކްޑައުން ކުރުމާއި، ބައެއް ހާލަތްތަކުގައި އާންމުން ދަތުރުފަތުރުކުރުން ހުއްޓުވުމުގެ ގާނޫނީ ބާރު، ސަރަހައްދުތަަކށް ލިބިދެއެވެ. އަދި 6 މީހުންނަށްވުރެ ގިނަމީހުން އެއްތަންވުން މަނާކުރުމުގެ ބާރުގެސް ސަރަހައްދީ އިދާރާތަކަށް ލިބިދެއެވެ.