ކާށިދޫގައި ކޭބަލް ކާރު އެޅުކަމީ ވާނެކަމެއްކަމުގައި ގަބޫލު ނުކުރައްވާކަމަށް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި، ޕްލޭނިން މިނިސްޓަރާ ސުވާލުކުރެއްވުމަށް މެމްބަރުންނަށް ދެއްވި ފުރުސަތުގައި، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުވަނީ ކާށިދޫގައި ކޭބަލް ކާރު އެޅުމުގެ ޕްލޭން ސަރުކާރަށް ހުށަހަޅާފައިވީ ނަމަވެސް، އެކަމަށް ސަރުކާރުގެ ޕްލޭނުގައި ހިމަނަން ދެކޮޅުހަދަނީ ކީއްވެގެންތޯ ސުވާލު ކުރައްވާފައެވެ.

ޖާބިރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ކޭބަލް ކާރު އެޅުމަކީ އެއްވެސް ގޮތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އޭނާ މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އެފަދަކަމެއް ނުކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު ހަމަ އެއްވެސް ވަރަކަށް ހަމަބުއްދީގައި ހުރެގެން ގަބޫލެއް ނުކުރަން ކާށިދޫއިން އެއްވެސް ތާކަށް ކޭބަލް ކާރު އެޅުމަކީ ފީސިބަލް ކަމެއްގެ ގޮތުގައެއް. ދިވެހި ރައްޔިތުންނަށް އެނގޭ މިޒާތުގެ ވާހަކަ ކިތަންމެ ބާރަށް ދެއްކި ކަމުގައި ވިޔަސް އެއީކީއެއް ވާނެކަމެއް ނޫންކަން."
ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް

މިނިސްޓަރުގެ މި ވާހަކަތަކަށް ހިތްހަމަޖެހިވަޑައި ނުގަންނަވާ، ޖާބިރު ނިޒާމީ ނުކުތާއެއް ނެންގެވުމަށްފަހު ވަނީ "ޕެރިހުން ލަންޑަނަށް ވެސް" ކޭބަލްކާރު އަޅަމުންދާކަން ފާހަގަ ކުރައްވާފައެވެ.

އެ ވާހަކައިގެ ރައްދެއްގެ ގޮތުން މިނިސްޓަރު ވިދާޅުވީ، "ކާށިދޫއަކީ ޕެރިހެއް ނޫން،" ކަމަށެވެ.

ކާށިދޫ އާއި ގާފަރާ ދެމެދު ކޭބަލް ކާރު އެޅުމަކީ، ނިމިގެންދިޔަ މަޖިލިސް އިންތިހާބުގެ ކެމްޕޭންތެރޭގައި ޖާބިރު ވެވަޑައިގެންފައިވާ ވައުދެކެވެ.