ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުކަމުގެ މަގާމަށް ހަތަރު ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އައްޔަން ކުރައްވައިފިއެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުކަމުގެ މަގާމަށް އައްޔަންކުރެއްވި ހަތަރު ބޭފުޅުންނަކީ، ފާދިއްޕޮޅު ނައިފަރު، ނިކަގަސްދަށުގެ ގާސިމް ޢަބްދުލްކަރީމާއި، މާފަންނު ޕިސްތާގެ އާމިނަތު ޝާދިޔާއާއި، ގަލޮޅު ދޫރެސްވިލާ އަލްއުސްތާޒާ އާޝިޔަތު ޝިއުނާއާއި، ދަފްތަރު. ނަންބަރު ރސ 1188 އަލްއުސްތާޒު ޝުއައިބު އަބްދުއްރަހްމާން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ އެބޭފުޅުންނާ ވަނީ ހަވާލުކުރައްވާފައެެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް އައްޔަން ކުރެއްވުމަށް ބޭފުޅުންގެ ނަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ސެޕްޓެންބަރު މަހުގެ 15 ވަނަ ދުވަހުގައެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެމްބަރުކަމުގެ މަގާމެއް ހުސްވީ، އެ ކޮމިޝަންގެ ރައީސްކަމުގައި ހުންނެވި އަހްމަދު ސުލައިމާން، ކޮމިޝަންގެ މެމްބަރު ކަމުންނާއި އަދި ކޮމިޝަންގެ ރައީސްކަމުގެ މަގާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ.

ރައީސް އިބްރާހިމް މުހަންމަދު ސާލިހް، އެންއައިސީގެ މެމްބަރުކަމުންނާއި ރައީސްކަމުން އަހްމަދު ސުލައިމާން ވަކިކުރެއްވީ، އެމަގާމުތަކުން އޭނާ ވަކިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވުމަށް 21 ޖުލައި 2020 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރުމާ ގުޅިގެންނެވެ.

ކޮމިޝަނުން ސުލައިމާން ވަކިކުރިއިރު ކޮމިޝަނުން ވަކިކުރުމަށް ނިންމާފައިވާ ކޮމިޝަނުގެ ނައިބު ރައީސް ހައްސާން ހަމީދުއާއި، މެމްބަރު އަހްމަދު އަމީންގެ އިތުރުން މެންބަރު ޚަދީޖާ އަބްދުﷲ ވަނީ މަގާމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ގުޅޭގޮތުން މިނިވަން މުއައްސަސާގެ ކޮމެޓީ ރިޕޯޓު މަޖިލީހުގެ ތަޅުމަށް އިއްވައިދެއްވަމުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ކުރިން ވިދާޅުވެފައިވަނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާ މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް އިހުމާލުވެފައިވާ މައްސަލަ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމެޓީން ކުރި ދިރާސާތަކުން ދައްކާ ކަމަށެވެ.