ނ. މާފަރު ޕޮލިސް ސްޓޭޝަނުން އެރަށުގައި މީހުން ދިރިއުޅެމުންދާ ގެތަކަށާއި ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފިއެވެ.

މި އޮކްޓޫބަރު މަހުގެ 20 ން 22 އަށް ކުރިޔަށްގެންދިޔަ މިޕްރޮގްރާމަކީ މާފަރުގައި ފުލުހުންގެ ހިދުމަތްދޭން ފެށުމާ ގުޅިގެން ފުލުހުންނާއި އާންމު ރައްޔިތުންނާ އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކޮށް، ފުލުހުން ކުރަމުންދާ މަސައްކަތްތަކާއި ފުލުހުންގެ މަސައްކަތްތައް ރައްޔިތުންނަށް އެހީތެރިވެވޭނެ ގޮތްތައް އޮޅުންފިލުވައި ހިޔާލު ހޯދުމުގެގޮތުން ކުރިއަށްގެންދިޔަ ޕްރޮގްރާމެއްކަމަށް ފުލުހުން ބުނެއެވެ.

މީގެއިތުރުން މާފަރުގެ ކުށުގެވެށީގެ މައުލޫމާތާއި ކުށްކުރުން މަދުކުރުމަށާއި ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވާނެ ކަމަށްވެސް ބުނެއެވެ.

ފުލުހުން ބުނީ މިޕްރޮގްރާމްގައި ގޭގެއަށް ޒިޔާރަތްކޮށް، ވައްކަމުގެ މައްސަލަތަކާ ގުޅިގެން އެފަދަ މައްސަލަތައް މަދުކުރުމަށް ފަރުދީގޮތުން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް މައުލޫމާތު ދީފައިވާނެ ކަމަށެވެ.

މީގެއިތުރުން މާފަރުގައި ދުއްވާ އެއްގަމު އުޅަނދުތަކަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ދުއްވާ އުޅަނދު ތަކެއްތޯ ބެލުމުގެ ގޮތުން އަހަރީ ފީ، އިންޝުއަރެންސް އާއި ރޯޑްވާދިނަސް ހަމައަށް ހުރިތޯ ބަލައި، އުޅަނދުތަކުގައި ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް ވެސްވަނީ ނަސޭހަތްތެރިވެފައެވެ.

ފުލުހުން ބުނީ މިޕްރޮގްރާމުގައި، މާފަރުގެ މަގުތަކަކީ ރައްޔިތުންނަށް ރައްކާތެރި އަމާން މަގުތަކަކަށްހެދުމުގެ ގޮތުން ފަރުދީގޮތުން ކުރެވެން ހުރިކަންކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ އިތުރުން، މާފަރުގައި ދުއްވާ އެއްގަމު އުޅަނދުތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.