ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަން ފެންނަ އިސްލާހުތަކުގެ ޑްރާފްޓް ބަންޑާރަ ނައިބުގެ އޮފީހަށް ހުށަހަޅައިފިއެވެ.

ވީނިއުސްއާ ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އަލަށް ގެނެވުނު އިސްލާހުތަކުގެ ޑްރާފްްޓް މިއަދު ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ އެގާނޫނަށް ގެންނަ އިސްލާހްތައް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އެ ގާނޫނަކަށްވުމުން ޕާޓީތަކަށް އިތުރު ފުރުސަތުތަކެއް ލިބި އަދި ޕާޓީތައް ރެގިއުލޭޓް ކުރުމުގައި ފަސޭހަތަކެއް ލިބިގެންދާނޭ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކަކީވެސް ދައުލަތުގެ ބަޖެޓުން ހޭދަކޮށްގެން ހިންގާ މުއައްސަސާތަކެއްކަން ފާހަގަކޮށް އަކްރަމް ވިދާޅުވީ، ސިޔާސީ ޕާޓީތަކަށް އިލެކްޝަންސް ކޮމިޝަނުން ދޫކުރާ ފައިސާ ހޭދަކުރާގޮތް އެންޓި-ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓަރ ޖެނެރަލްއަށް ބެލޭނެ ކަމަށެވެ.

އަލަށް އެކުލަވާލި ޑްރާފްޓާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަކްރަމް ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ އޮފީހަށްވަދެ އޮޑިޓް ކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންދާނެ ކަމަށާއި، ޕާޓީތަކުން ގަވާއިދާ ޚިލާފަށް ފައިސާ ހޭދަކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ދައްކާނަމަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް އެމައްސަލަ ހުށަހެޅުމުގެ ބާރުވެސް ކޮމިޝަނަށް ލިބިގެންދާނެ ކަމަށެވެ.