ޝަޚުސު އޮޅުވާލައިގެން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރި ބިދޭސީއަކު ހުއްޓުވައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ އެއީ 28 އަހަރުގެ ބިދޭސީ އަންހެނެއް ކަމަށެވެ.

އޭނާ ރާއްޖެ އެތެރެވާން މަސައްކަތް ކޮށްފައިވަނީ ‏ވައްތަރު މީހެއްގެ ޕާސްޕޯޓު ބޭނުންކޮށްގެން ކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ. އެހެންނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއްކަމެއް އިމިގްރޭޝަނުން ހާމައެއް ނުކުރެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި މައި ބޯޑަރު ގިނަ ދުވަސްތަކެއް ވަންދެން ބަނދުކޮށްފައި އޮތުމަށްފަހު ޖުލައި މަހުގެ 15 ވަނަ ދުވަހު ބޯޑަރު ހުލުވާލި ފަހުން، ވަގު ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވާން މީހަކު ވަނީ މަސައްކަތްކޮށްފައެވެ.

މީގެކުރިންވެސް މިފަދަ އެތައް ބަޔަކު އިމިގްރޭޝަނުން ހުއްޓުވާފައިވާއިރު، ރާއްޖޭގެ މައި ބޯޑަރު ބަންދުކުރުމުގެ ކުރިން، ޝަހްސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި ގިނަ ބަޔަކުވެސް އިމިގްރޭޝަނުން ވަނީ ހުއްޓުވާފައެވެ.

ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެވާ މީހުން ދެނެގަތުމަށާއި މިކަން ރަނގަޅު ނިޒާމެއްގެ ތެރެއިން ބެލެހެއްޓުމަށް އިމިގްރޭޝަނާއި، މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީން ގުޅިގެން ވަނީ ރާއްޖޭގެ ބޯޑަރ ކޮންޓްރޯލް ސިސްޓަމް ވަރުގަދަކޮށްފައެވެ.