ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުންގެ ފުރިހަމަ އިތުބާރު ސަރުކާރަށް އެބައޮތްކަމަށް ހެންވޭރު މެދުދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

މެމްބަރު އާޒިމް މިހެން ވިދާޅުވީ އިދިކޮޅުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން އެކަމަށް ރައްދުދެއްވާ ދެއްކެވި ވާހަކައިގައެވެ.

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލްކުރައްވާ ބޭފުޅުންނަކީ ސަރުކާރުގެ ބައިވެރިންކަމަށާއި އެމްޑީޕީން ކަމަކަށް ނިކުންނައިރު އެކަމަކަށް އަބަދުވެސް އެޖެންޑާއެއް އޮންނަކަމަށް އަލީ އާޒިމް ވިދާޅުވިއެވެ.

އެމްޑީޕީގެ ތެރޭގައި ޚިޔާލުތަފާތުވުންތައް އުފެދޭ ކޮންމެ ފަހަރަކީ ހުސްބުޅީގައި އެމްޑީޕީ ގަންނާނެ ކަމަށް އެއްވެސް ޕާޓީއެއްގެ ބޭފުޅަކު އުންމީދުކޮށްގެން ނުވާނެކަމަށާއި އެ ހުސްބުޅީގެ ވިސްނުމުގައި މަޖިލީހަށް ކަންކަން ހުށަހަޅައިގެން ކުރިއަށްދެވިދާނެ ކަމަށް ގަބޫލުކޮށްގެންވެސް ނުވާނެކަމަށް މެމްބަރު ވިދާޅުވިއެވެ.

އަދި ސަރުކާރާއި އެމްޑީޕީއާއި ދެމެދު އޮންނަ ގުޅުންވެސް ހީނަރު ނޫންކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ މަޖިލީހުގެ އެމްޑީޕީ މެމްބަރުންނަށް މިއަދުގެ ސަރުކާރާ ދޭތެރޭ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.

އަދި ވަކިން ޚާއްސަކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ ކުރައްވަމުންގެންދަވާ މަސައްކަތްތައް އަޅުގަނޑުމެން އެންމެންވެސް ބަލައިގަނޭ. އެކަމަށް އަޅުގަނޑުމެން އެންމެންގެ އިތުބާރުއެބައޮތް. އެހެންކަމުން އަޅުގަނޑުމެންނާއި ސަރުކާރާ ދޭތެރޭ އިތުބާރު ނެތްކަމަށް ދެއްކުމުގެ ގޮތުން އެ ކުރަމުންދާ މަސައްކަތަށް އަޅުގަނޑުމެންނާއި ވާދަވެރި ފަރާތްތަކަށް އަޅުގަނޑު ދަންނަވާލަން އޮތީ ވާދަވެރި ފަރާތްތަކުގެ އަދަދު ވަރަށް ސާފުކޮށް އެނގޭ ވާހަކަ.
މެމްބަރު އާޒިމް

މިނިސްޓަރ އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ، އަންހެނުންނަށް ޖިންސީ ގޯނާ ކުރުން ކުޑަ ކަމަކަށް ހަދައި އިމްރާން ދެއްކެވި ވާހަކަތަކާ ގުޅިގެން ކަމަށް އިދިކޮޅުން ބުނެއެވެ.