ރ. އުނގޫފާރުން ނެގި ރެންޑަމް ސާމްޕަލެއް ޕޮޒިޓިވްވުމާއި ގުޅިގެން އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

އުނގޫފާރުން ރެންޑަމް ސާމްޕަލް ނަގާފައި މިވަނީ އެ އަތޮޅުގައި ހަދަމުންދާ ރިސޯޓެއް ކަމަށްވާ ރ. ކުޑަކުރަތުން މިދިޔަ ހުކުރު ދުވަހު ޕޮޒިޓިވް ކޭސްތަކެއް ފެނުމާއި ގުޅިގެންނެވެ.

އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުﷲ މައުރޫފް ވިދާޅުވީ އެރަށުން ޕޮޒިޓިވް ވެފައިވަނީ ރެންޑަމްކޮށް ނެގި 60 ސާމްޕަލްގެ ތެރެއިން ސާމްޕަލެއް ކަމަށެވެ. މި 60 ސާމްޕަލް ނަގާފައިވަނީ އެކި ދާއިރާތަކަށް ބަހާލައިގެންކަމަށާއި އެގޮތުން ފްރަންޓްލައިންގައި މަސައްކަތްކުރާ 20 ސްޓާފުންނާއި ކެފޭ ރެސްޓޯރެންޓް އަދި ފިހާރަތަކުން 15 މީހުންނާއި ބަލީގެ އަލާމާތްހުރިކަަމަށް ފާހަގަކުރެވޭ 20 މީހެއްގެ ސާމްޕަލާއި 5 ބިދޭސީއެއްގެ ސާމްޕަލް ނެގިކަމަށެވެ.

އުނގޫފާރު މޮނިޓަރިންގ ހާލަތަށް ގެނެސްފައިވީނަމަވެސް އެރަށަކީ ރީޖަނަލް ހޮސްޕިޓަލް ހުންނަ ރަށަކަށްވާތީ ސިއްހީ ހިދުމަތް ހޯދުމަށް އެރަށަށް ދެވޭނެ ވަކި އިންތިޒާމެއް ވަނީ ހަމަޖައްސާފައިކަމަށްވެސް އަބްދުއްﷲ މައުރޫފް ވިދާޅުވިއެވެ.

މޮނިޓަރިންގެ ހާލަތުގައިވާ ރަށްތަކަށް އަރާފޭބުން މަނާވާއިރު ސްކޫލުތައްވެސް ބަންދުކުރާނެ އަދި އެންމެން އެއްވެގެން ކުޅޭ ކުޅިވަރުތަކާއި، އެފަދަ ކަންކަން ވެސް މަނާވާނެއެވެ. އަދި ކޮންހެން ނުކުންނަން ޖެހިގެން ނޫނީ ގެއިން ނުނުކުތުމާއި ނުކުންނަށް ޖެހޭނަމަ އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް މާސްކް އެޅުމާއި ގައިދުރުކަން ބަހައްޓަންޖެހެއެވެ. އަދި ކެފޭ ރެސްޓޯރެންޓްތަކުން ދެވޭނީ ޓެކްއަވޭގެ ހިދުމަތެވެ.

މީގެ އިތުރުން ބޯޓުފަހަރުތަކުން އެފަދަ ރަށަށް ގެންދާ މުދާތައްވެސް ބޭލޭނެ ވަކި އިންތިޒާމު ހަމަޖައްސާނެއެވެ.

ރ . އުނގޫފާރު މިހާރު މޮނިޓަރިންގައި އޮތް އިރު މިހާލަތުގައި އިތުރު ރަށަކަށް އޮތީ ހދ. ކުޅުދުއްފުއްޓެވެ.