ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއާއެކު، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ގޮތުގައި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވަނީ ސަރުކާރު ޖަވާބުދާރީކޮށް، ޒިންމާދާރުކޮށް، ރައްޔިތުންގެ އަޑު ވަރަށް ގާތުން އަހަމުން ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅުން މިހެން ބުނީ ޕީޕީއެމްގެ ގެ 9ވަނަ އަހަރީ ދުވަހުގެ ތަހުނިޔާގެ މެސެޖުގައެވެ.

ޕީޕީއެމްގެ 9ވަނަ އަހަރީދުވަސް ބައްދަލުކުރާއިރު، ޕާޓީގެ ލީޑަރު ރައީސް ޔާމީން ނުހައްގުން ޖަލުގައި ގައިދުކޮށް، މިސަރުކާރުން ދެމުންގެންދާ ލާއިންސާނީ އަނިޔާ ކުށްވެރިކޮށް، އެމަނިކުފާނު މިހާރުން މިހާރަށް ދޫކޮށްލުމަށް ސަރުކާރަށް ގޮވާލާކަމަށް އެ ޕާޓީން ބުނެއެވެ.

އަދި މިވަގުތު ވާދަވެރި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ރައީސް ޔާމީންގެ މޭސްތިރިކަމުގެ ދަށުން އުފެއްދެވި ޕީއެންސީއާއެކު، ޕީޕީއެމް ކޯލިޝަންގެ ގޮތުގައި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވަނީ ސަރުކާރު ޖަވާބުދާރީކޮށް، ޒިންމާދާރުކޮށް، ރައްޔިތުންގެ އަޑު ވަރަށް ގާތުން އަހަމުން ކަމަށްވެސް ކޯލިޝަނުން ބުނެއެވެ.

އަދި ދިވެހިރާއްޖޭގެ މިނިވަންކަމާ އިސްތިގްލާލާއި، މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ގައުމިއްޔަތުގެ އަސާސްތައް ހިފަހައްޓާ ދެމެހެއްޓުމަށް. މިމަސައްކަތުގައި އެންމެ އިސް ވާޖިބަކީ ޕާޓީގެ ލީޑަރު ރައީސް ޔާމީން މިނިވަންކޮށް، 2023 ވަނަ އަހަރު އެމަނިކުފާނު ދިވެހި ގައުމުގެ ރިޔާސަތަށް އިސްކުރުން.
ކޯލިޝަން

ރައީސް ޔާމީންގެވެރިކަމުގެ 5 އަހަރު ވެގެންދިޔައީ މިހާތަނަށް ރާއްޖެއަށް އެންމެ ބޮޑެތި ބަދަލުތަކެއް ގެނައި، އިގްތިސާދީ ގޮތުން ރާއްޖެ ނުދެކޭފަދަ ޒަމާނަކަށް ރާއްޖެ ވާސިލްވި އަދި ރައްޔިތުންނަށް ލާބައާއި މަންފާ ލިބިގެންދިޔަ 5 އަހަރުކަން ފާހަގަކޮށް ޕީޕީއެމުން ބުނީ ޕީޕީއެމްއަކީ ކުރުމުއްދަތެއްގެ ތެރޭގައި އެންމެ ގިނަ ކާމިޔާބީތައް ހާސިލްކޮށްފައިވާ ސިޔާސީ ޕާޓީއެއް ކަމަށެވެ.

މިއަހަރު ދުނިޔެއަށާއި ރާއްޖެއަށްވެސް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ސަބަބުން ޕާޓީގެ 9 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ހަރަކާތްތައް ފަސްކުރެވިފައިވީ ނަމަވެސް އަވަސް ތާރީޚެއްގައި ޕީޕީއެމްގެ އަހަރީ ދުވަސް މުޅި ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށްވަނީ ނިންމާފައިކަމަށް ކޯލިޝަނުން ބުނެއެވެ.