ރައްޔިތުންނަށް ލިބޭ ގެއްލުމުން ރައްޔިތުން ސަލާމަތްވާނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށްގެން ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

މެމްބަރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހަޅުއްވަމުންނެވެ.

ޖާބިރު ވިދާޅުވީ 2008 ވަނަ އަހަރު ތަސްދީގުކުރެވުނު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތް ކުރަމުންދިޔަ ދުވަސްވަރު ރާއްޖޭގައި އޮންނާން ފެންނަނީ ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ ކަނޑައެޅުމަށްޓަކައި ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ވޯޓުދިން މީހުންގެ އަޢުލަބިއްޔަތުން ރާއްޖޭގައި އޮންނާން ފެންނަނީ ރިޔާސީ ނިޒާމު ކަމުގައި ކަނޑައެޅިފައިވީނަމަވެސް ގާނޫނުއަސާސީގެ އެއްވެސް ހިސާބެއްގައި ރާއްޖޭގައި ވެރިކަން ކުރާ ނިޒާމަކީ ރިޔާސީ ނިޒާމު ކަމުގައި ކަނޑައަޅާ މުތުލަގު ގޮތެއްގައި ބަޔާންކޮށްފައި ނުވާތީ އާއި ގާނޫނުއަސާސީ ތަސްދީގު ކުރެވުނު ފަހުން ބޭއްވުނު ރިޔާސީ އިންތިހާބުތަކުގެ މައްޗަށާއި އަދި ރާއްޖޭގެ ވެރިކަން ހިންގަމުން އަންނަ ގޮތަށް ބަލާ ވިސްނާއިރު ރާއްޖެގައި ވެރިކަން ހިންގަމުން އަންނަނީ ބަރުލަމާނީ ސިފަތަކުގެ މައްޗަށް ކަމަށް މެމްބަރު ވިދާޅުވިއެވެ.

އަދި މިކަމުގެ ސަބަބުން ރައްޔިތުންނަށް ލިބިގެންދާ ގެއްލުމާއި ނިކަމެތިކަން ދުވަހުން ދުވަހަށް ބޮޑުވަމުން އަންނަ އިރު ރައްޔިތުންނަށް ލިބޭ ގެއްލުމުން ރައްޔިތުން ސަލާމަތްވާނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުވެގެން ދިޔުމުން ކަމަށް ގަބޫލުކުރައްވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަކީ ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަމަށް އެއްވެސް އުނިކަމެއް އަންނާނެ ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށްވެސް ޖާބިރު ހުށަހެޅުއްވި އިސްލާހުގައިވެއެވެ.

ބަރުލަމާނީ ނިޒާމެއްގައިވެސް ރައީސްގެ މަގާމަށް މީހަކު އިންތިހާބު ވެގެންދާނެކަން ފާހަގަ ކުރައްވާ ޖާބިރު ވިދާޅުވީ ރައްޔިތުން އިންތިހާބުކުރާ މަޖިލީހެއްވެސް އޮންނާނެ ކަމަށެވެ.

ގާނޫނު އަސާސީއަށް އެ އިސްލާހު ގެނައުމަކީ ގާނޫނުއަސާސީ އާއި ތައާރުޒުވާނެ ކަމަކަށް ވެސް ނުބެލެވޭ ކަމަށް ޖާބިރު ހުށަހެޅުއްވި އިސްލާހުގައިވެއެވެ.

މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުގައެވެ.