ބްރޯޑްކާސްޓިންގް ކޮމިޝަންގެ މެމްބަރުކަމުން ޒީނާ ޒާހިރު އިސްތިއުފާ ދެއްވައިފިއެވެ.

ބްރޯޑްކޮމްގެ މެމްބަރުކަމުން އިސްތިއުފާދެއްވާ މިއަދު ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލިހަށް ޒީނާ ވަނީ ސިޓީ ފޮނުއްވާފައެވެ.

ބްރޯޑްކޮމް އިން ޒީނާ އިސްތިއުފާދެއްވިއިރު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ގުޅޭ ކޮމިޓީން އެއް ވޯޓުގެ ތަފާތުން އޭނާ މަޤާމުން ވަކިކުރުމަށް މަޖިލިހުގެ ތަޅުމަށް ފޮނުވާ އެމައްސަލައިގަ މިއަދު ވޯޓަށް އެހުމަށް އޮތީ އެޖެންޑަރ ކޮށްފައެވެ.

އިސްތިއުފާގެ ސިޓީގައި ޒީނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ގުޅޭ ކޮމިޓީން 1 ވޯޓުގެ ތަފާތުން އޭނާ މަޤާމުން ވަކިކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ފޮނުވަން ނިންމުމަކީ އިންސާފުވެރި ނިންމުމެއް ކަމަށް ޤަބޫލުނުކުރެވޭތީ، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުގެ މަޤާމުން މިއަދުން ފެށިގެން އިސްތިޢުފާ ދެއްވީ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުޢައްސަސާތަކުގެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 9 މެންބަރުންގެ ތެރެއިން 5 މެންބަރުންގެ ތާޢީދާއެކު، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުގެ މަޤާމުން އަޅުގަނޑު ވަކިކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ވަނީ ނިންމާފަ. އެކޮމިޓީން ނިންމި ނިންމުމަކީ އިންސާފުވެރި ނިންމުމެއްކަމަށް އަޅުގަނޑަށް ޤަބޫލު ނުކުރެވޭ"
ޒީނާ ޒާހިރު

ޒީނާ ވިދާޅުވީ ޒީނާ ވިދާޅުވީ 2016 ވަނަ އަހަރު އޭޕްރީލް މަހުގެ 5 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުގެ ހައިސިއްޔަތުން މަޤާމްގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރެއްވި ކަމަށެވެ. މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުންނަކީ ފުލްޓައިމް މެންބަރުންގެ ގޮތުގައި އައްޔަންކޮށްފައިވާ ފަރާތްތަކެއް ކަމަށާއި، ކޮމިޝަނުން ފާސްކޮށްފައިވާ ސުލޫކީ މިންގަނޑުގައި މެންބަރުންގެ ރަސްމީގަޑިއަކީ މަސައްކަތު ދުވަހުގެ ހެނދުނު 9:00 އިން މެންދުރުފަހު 3:00 ކަމަށް ބަޔާންކޮށްފައި ވީނަމަވެސް، އުސޫލުގައި ބަޔާންކޮށްފައިވާ ގަޑިއަށް ރަސްމީ މަސައްކަތަށް އޮފީހަށް ހާޒިރުނުވާކަމަށް ތުހުމަތު ކޮށްފައިވާ ކަމަށް ޒީނާ ވިދާޅުވިއެވެ. އެހެންނަމަވެސް ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގައި ވަނީ "ކަނޑައެޅިގެން އެގެންއޮތް އުޒުރެއް މެދުވެރިވެގެން މެނުވީ ކޮމިޝަނުގެ ޖަލްސާތަަކަށް ހާޒިރުވާން ޖެހޭނެ ކަމަށާއި، އަދި ހާޒިރީއާއި މެދު ފިޔަވަޅުއެޅޭނީ އެކަށީގެންވާ ސަބަބެއްނެތި ވިދިވިދިގެން ކޮމިޝަނުގެ 3 ބައްދަލްވުމަށް ހާޒިރުނުވުމުން" ކަމަށެވެ.

ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި 4 އަހަރާއި 6 މަސް ހޭދަވިއިރު މިއަދާ ހަމައަށް ކޮމިޝަނުގެ މެންބަރުންގެ ހާޒިރީ ބަލަަހައްޓަނީ ކޮމިޝަނުން ބާއްވާ ބައެއް ބައްދަލްވުންތަކުގައި އެކަނި ކަމަށްވާއިރު، ކޮންމެދުވަހަކު މެންބަރުންގެ ހާޒިރީ ބަލަހައްޓާނެ އުސޫލެއް ކޮމިޝަނުގައި ޤާއިމްކޮށްފައި ނުވާކަން ޒީނާ ވަނީ ފާހަގަކުރައްވާފައެވެ. ފެންނަން އޮތް ހާޒިރީއަށް ބަލާއިރު އޭނާ ގަޑިޖެހިފައިވާނީ ޖުމްލަ 1 ބައްދަލްވުމަށް ކަމަށާ އަދި ސަލާމް ބުނެފައިވާނީ ޖުމްލަ 3 ބައްދަލްވުމަށް ކަމަށް ޒީނާ ވިދާޅުވިއެވެ. އެހެންކަމުން ހާޒިރީއާއި ގުޅޭގޮތުން އޭނާ އާއިމެދު ފިޔަވަޅު އެޅިދާނެ ކަމަށް ޤަބޫލުނުކުރައްވާ ކަމަށްވެސް ޒީނާ ވިދާޅުވިއެވެ.

ޒީނާ ވިދާޅުވީ ރާއްޖޭގައި ކުއްލިނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނިކޮށް ރާއްޖެޓީވީ އިން ފޮނުވަމުންދިޔަ ކޮންޓެންޓެއް ހުއްޓުވައިދިނުމަށް އެދި ބްރޯޑްކާސްޓިންގ ކޮމިޝަނުން 2018 ފެބުރުވަރީ 07 ގައި ފޮނުވިސިޓީ އާއި ގުޅޭގޮތުން ކޮމިޓީއިން އޭނާ އާއި ސުވާލުކުރެއްވި ކަމަށެވެ.

ޤާނޫނު އަސާސީގެ 253 ވަަނަ މާއްދާގެ ދަށުން، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނިކޮށް، މިނިސްޓްރީ އޮފް ޑިފެންސަށް ފޮނުވި ސިޓީގައި، އެމިނިސްޓްރީއަށް ލިބިފައިވާ ބާރުގެތެރެއިން ރާއްޖެޓީވީ އިން ފޮނުވަމުންދިޔަ ކޮންޓެންޓް ހުއްޓުވައިދިނުމަށް އެދި ބްރޯޑްކާސްޓިންގ ކޮމިޝަނުން 2018 ފެބުރުވަރީ 07 ގައި ފޮނުވިސިޓީ އާއި ގުޅޭގޮތުން ކޮމިޓީއިން ވަނީ އަޅުގަނޑާއި ސުވާލުކޮށްފައިވޭ. މިސިޓީ ފޮނުވުމަށް އަޅުގަނޑު ތާއީދު ކުރިއިރު، ބްރޯޑްކާސްޓިންގ ކޮމިޝަނުން ވަނީ، ރައްޔިތުން ނުކުމެ ފުލުހުންނާއި ސިފައިންގެ އިސްވެރިން ހައްޔަރުކުރުމަށް ގޮވާލާ ކޮންޓެންޓް ތަކުރާރުކޮށް ރާއްޖެޓީވީ އިން ދައްކަމުންދާތީ، އެމައްސަލަ ކޮމިޝަނުން ބަލާ ނިމެންދެން، ރާއްޖެޓީވީ ހިންގުމަށް ދޫކޮށްފައިވާ ލައިސަންސް ވަގުތީގޮތުން ހިފެހެއްޓުމާއި ގުޅޭގޮތުން ލަފައެއް ހޯދުމަށް އެޓަރނީ ޖެނެރަލް އޮފީހަށް ސިޓީއެއް 2018 ފެބުރުވަރީ 05 ވަނަ ދުވަހު ފޮނުވާފަ. އެމައްސަލަ ބަލާ ނިމެންދެން ކަމަށް ސިޓީގައި ބަޔާންކޮށްފައިވަނީ މައްސަލަ ބަލައިނިންމުމަށް ވަގުތު ހޭދަވާނެތީ. ކުއްލިނުރައްކަލުގެ ހާލަތުގައި ޤައުމީ ސަލާމަތަށް ނުރައްކާވާ ކޮންޓެންޓެއް ތަކުރާރުކޮށް ގެނެސްދޭއިރު ވަގުތުންވަގުތަށް އެފަދަ ކޮންޓެންޓް ހުއްޓުވޭނެ އުސޫލެއް އެކުލަވައިލައި އާންމުކޮށް އިއުލާންކުރެވިފައެއް، އެސިޓީ ފޮނުވިއިރު ކޮމިޝަންގައި ނެތްކަން މިފުރުސަތުގައި ދަންނަވަން.
ޒީނާ ޒާހިރު

ޒީނާ ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ޝަކުވާ ހުށަހެޅުމާއި ޝަކުވާ ބަލައިގަތުމާއި ގުޅޭ އުސޫލެއް ކޮމިޝަނުން ފާސްކޮށް ވެބްސައިޓްގައި ޝާއިޢުކޮށްފައިވަނީ މިއަހަރު ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުން 2020 މާރިޗު 18 ވަނަ ދުވަހުގައެވެ.

ޒީނާ އިސްތިއުފާ ދެއްވި އިރު އޭނާގެ މަގާމުގެ ދައުރު ހަމަވާން މިހާރު ބާކީ އޮތީ ފަސް މަސް ދުވަހެވެ. ޒީނާ ވަނީ ދާދިފަހުން މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާސް ހާސިލްކުރައްވާފައެވެ.