ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ރައީސް ކަމަށް ގާސިމް އަބްދުލްކަރީމް އައްޔަނުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެންއައިސީގެ ރައީސް ކަމަށް ގާސިމް އައްޔަނުކޮށްފައިވާ ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ މަޖިލީހަށް އައްގަވާފައިވާ ކަމަށެވެ.

އެންއައިސީ އަށް ގާސިމް ހިމެނޭގޮތަށް ހަތަރު ބޭފުޅުން އައްޔަނުކޮށްފައިވަނީ އޮކްޓޫބަރު 26 ވަނަ ދުވަހު އެވެ.

އެގޮތުން އެންއައިސީއަށް އަޔަނުކޮށްފައިވަނީ އާމިނަތު ޝާދިޔާ އާއި އަލްއުސްތާޒު އާމިނަތު ޝިއުނާ އާއި އަލްއުސްތާޒު ޝުއައިބު އަބްދުއްރަހުމާން އަދި ގާސިމް އަބްދުލްކަރީމް އެވެ. އެފަރާތްތަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ އޮކްޓޫބަރު 19 ވަނަ ދުވަހު އެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ފ. ނިލަންދޫ ބްރާންޗުގެ ކުރީގެ މެނޭޖަރުކަން ކުރެއްވި ގާސިމަކީ ކަސްޓަމަރެއްގެ އެކައުންޓެއްގެ މައުލޫމާތު އާންމުކޮށް ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ކުށް ސާބިތުވެ، އަށް އަހަރާއި 12 މަހުގެ ޖަލު ހުކުމެއް ފުރިހަމަކުރެއްވި ބޭފުޅެކެވެ.ހުކުމް ތަންފީޒު ކުރުމަށް ފަހު، އޭނާ މިނިވަންވެފައިވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ.