އެމެރިކާގެ ޚާރިޖީވަޒީރު މައިކް ޕޮމްޕޭ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހްގެ އަރިހަށް އިހްތިރާމުގެ ޒިޔާރާތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ޚާރިޖީވަޒީރު ޕޮމްޕެއޯ ރާއްޖެއަށް ޒިޔާރަތްކުރައްވާފައި މިވަނީ، އޭޝިޔާގެ ބައެއް ގައުމުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ޒިޔާރާތުގެ ދަށުންނެވެ.

މިއީ، 1992 ވަނަ އަހަރު އެމެރިކާގެ ޚާރިޖީވަޒީރު ޖޭމްސް އެޑިސަން ބޭކަރ ރާއްޖެއަށް ކުރެއްވި ޒިޔާރާތަށްފަހު، އެ ގައުމުގެ ޚާރިޖީވަޒީރަކު މަރާއްޖެއަށް ޒިޔާރަތްކުރެއްވި ފުރަތަމަ ފަހަރެވެ.

މިއީ، ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު މިހާރުވެސް އޮތް ބަދަހި ގުޅުންތައް، އިތުރުށް ހަރުދަނާވަމުންދާކަން ރަމްޒުކޮށްދޭ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.

ޚާރިޖީވަޒީރު ޕޮމްޕެއޯ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވުމަށްފަހު ރައީސް ސާލިހާއި، ޕޮމްޕޭ ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ގިނަ ދާއިރާތަކަކުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުންތައް އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މިގޮތުން، ދެ ގައުމުގެ ދެމެދުގައި އޮތް ދޭދޭ ގުޅުމާއި، ބައިނަލްއަގްވާމީ މައިދާނުގައި ގުޅުން ބަދަހިކުރުން އިތުރުކުރުމާއި، ވިޔަފާރީގެ ގުޅުންތަކާއި އިންވެސްޓްމެންޓުތައް އިތުރުކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މީގެއިތުރުން، ތިމާވެށި ހިމާޔަތްކުރުމާއި، ސައިބަރ ސެކިއުރިޓީ ވަރުގަދަކޮށް ނިރުބަވެރިކަމާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް ހަރުދަނާކުރުމާއި، އިންޑޯ-ޕެސިފިކް ސަރަޙައްދުގެ މިނިވަންކަން ދަމަހައްޓައި، އެ ސަރަޙައްދުގެ ވިޔަފާރި ކުރިއެރުވުމާ ގުޅޭގޮތުންވެސް ދެ ބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.

ހަމަ މިއާއެކު، ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ގާއިމުކުރުމާ ގުޅޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެމެރިކާއިން ފޮރުކޮށްދެމުންދާ އެހީތެރިކަން ވަނީ އިތުރުކޮށްފައެވެ.

އެގޮތުން، ކޯވިޑް-19 ގެ ހާލަތާ ގުޅިގެން އެމެރިކާއިން ރާއްޖެއަށް ފޯރުކޮށްދީފައިވާ މާލީ އެހީތެރިކަމާއި ސިއްހީ ދާއިރާއާ ގުޅުންހުރި ސާމާނުގެ އެހީތެރިކަން ފާހަގަކޮށްލެވޭ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އެގޮތުން، ކޯވިޑް-19 އާ ގުޅިގެން ޔުނައިޓެޑް ސްޓޭޓްސް އޭޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް މެދުވެރިކޮށް އެމެރިކާއިން ރާއްޖެއަށް ފޯރުކޮށްދޭ ދެމިލިއަން އެމެރިކާ ޑޮލަރުގެ އެހީއާއި، 2019 ވަނަ އަހަރުގެ މާރިޗުމަހުގެ 12 ވަނަ ދުވަހު ދެ ގައުމުގެ ދެމެދު ވެފައިވާ ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެސިސްޓެންޓް އެއްބަސްވުމުގެ ދަށުން ފޯރުކޮށްދޭ 35 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ ރައީސް އޮފީހުން ފާހަގަކޮށްފައިވެއެވެ.

ޚާރިޖީވަޒީރު ޕޮމްޕެއޯއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެކި ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ބައިނަލްއަގްވާމީ މައިދާނުގައި އެމެރިކާއިން ރާއްޖެއާ ދެމެދު ބާއްވާ ގާތްކަން ފާހަގަކުރައްވާ، އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، ކުރިއަށް އޮތްތަނުގައި، މި ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެ ކަމާއިމެދު ޝައްކު ނުކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރުގެ މިދަތުރުފުޅުގައި، އެމެރިކާއާއި ދިވެހިރާއްޖެއާ ދެމެދު ބާއްވާ ރަސްމީ މަޝްވަރާތައް މިއަދު މެންދުރުފަހު ވަނީ ބާއްވާފައެވެ. ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝަހިދުއާއި، އެމެރިކާގެ ޚާރިޖީ ވަޒީރާ ދެމެދު ބާއްވާ މި މަޝްވަރާތައް ކުރިއަށްދިޔައީ ޝެރަޓަން ރިސޯޓްގައެވެ.

އޭޝިޔާގެ ބައެއް ގައުމުތަކަށް ކުރައްވާ ދަތުރުފުޅުގައި އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕޭ، ރާއްޖެ ވަޑައިގެންފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ. މައިކް ޕޮމްޕޭއަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރްހަބާ ވިދާޅުވީ، ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕޭ ރާއްޖެއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

މައިކް ޕޮމްޕޭގެ މި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަތީ އިންޑިއާއަށެވެ. އޭގެފަހުން އިއްޔެ ސްރީލަންކާއަށް ވަޑައިގަތުމަށްފަހު ވަޑައިގަތީ ދިވެހިރާއްޖެއަށެވެ.

ރާއްޖެއަށްފަހު އެނބުރި އެމެރިކާއަށް ވަޑައިގަތުމުގެ މަގުމަތީގައި އިންޑޮނޭޝިޔާއަށްވެސް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމެރިކާގެ ޚާރިޖިއްޔާއިން ހާމަކޮށްފައިވެއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ އެންމެފަހު ހަފްތާތެރޭގައި، އެމެރިކާގެ ޚާރިޖީ ވަޒީރު ކުއްލިގޮތަކަށް އޭޝިޔާއަށް ވަޑައިގަތުމާ ގުޅޭގޮތުން ތަފާތު ވާހަކަތައް ދެކެވެއެވެ. އެންމެބޮޑަށް ނުތަނަވަސްވެފައިވަނީ ޗައިނާއެވެ.

ޕޮމްޕޭގެ މި ދަތުރުފުޅުގެ މައިގަނޑު އެއް ބޭނުމަކީ، ގައުމުތަކާ ވާހަކަ ދައްކައި މަޝްވަރާކޮށް، ސަރަހައްދުގައި ފެތުރި ފުޅާވަމުން އަންނަ ޗައިނާގެ ނުފޫޒާ ގައުމުތައް ގުޅިގެން ކުރިމަތިލުމަށް ފިޔަވަޅުތަކެއް އެޅުއްވުމެވެ.