ރާއްޖޭގައި ފުރަތަމަ ފަހަރަށް އެމެރިކާގެ އެމްބަސީއެއް ގާއިމްކުރަން އެމެރިކާ ސަރުކާރުން ނިންމައިފިއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕޭ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ދެގައުމުގެ ދެމެދުގައި ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހު މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި އެމްބަސީ ގާއިމްކުރަން ނިންމިކަން އިޢްލާން ކުރެއްވީ އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕޭއެވެ.

ރާއްޖޭގެ ރައްޔިތުންނަށް މިހާރު ޚިދުމަތްދެނީ ސްރީލަންކާގެ ވެރިރަށް ކޮޅުނބުގައި ގާއިމްކޮށްފައިވާ އެމެރިކާ އެމްބަސީންނެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕޭ ވިދާޅުވީ، ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ގާއިމްކުރަން ނިންމީ، ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު އޮތް ގާތްގުޅުންތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

ނަމަވެސް، އެމްބަސީ ގާއިމްކުރާނީ ކިހާތާކުކަމެއް ޚާރިޖީ ވަޒީރު ޕޮމްޕޭ ވިދާޅެއް ނުވެއެވެ.

މިކަމާ ގުޅޭގޮތުން ނޫސްވެރިޔަ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވީ، ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ގާއިމްކުރުމަކީ ވަރަށް ތާރީޚީ ކަމެއް ކަމަށެވެ.

މިކަމުގެ ސަބަބުން ދެގައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުން އިތުރަށް ބަދަލހިވެ، ވިޔަފާރިއާއި އެނޫންވެސް ދާއިރާތަކުން ގުޅުންތައް އިތުރަސް ވަރުގަދަވެގެންދާނޭ ކަމަށްވެސް ވިދާޅުވިއެވެ.

އަދި އެމެރިކާއިން ރާއްޖޭގައި އެމްބަސީއެއް ގާއިމްކުރަން ނިންމުމަކީ، ރާއްޖެއާމެދު އެމެރިކާ ސަރުކާރަށްއޮތް އިތުބާރު ބޮޑުކަމުގެ ހެއްކެއް ކަމަށްވެސް ވިދާޅުވިއެވެ.