ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބަބުން ގެސްޓްހައުސް ވިޔަފާރިތައް މެދުކަނޑާލާފައި އޮތުމަށްފަހު، ހުޅުވަން ހުއްދަ ދިންފަހުން އެންމެ ގިނަ ގެސްޓުހައުސްތައް ހުޅުވީ ހުރާ، މާފުށި އަދި ތޮއްޑޫގައި ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 26 ވަނަ ދުވަހާއި ހަމަޔަށް 38 ގެސްޓުހައުސްއެއް އަލުން ހުޅުވުމުގެ ހުއްދަ ޓުއަރިޒަމް މިނިސްޓްރީން ވަނީ ދީފައެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އެންމެ ގިނަ އަދަދަކަށް ގެސްޓުހައުސްތައް ހުޅުވާފައިވަނީ ހުރާ، މާފުށި އަދި ތޮއްޑޫގައެވެ. މި 3 ރަށުންވެސް ކޮންމެ ރަށެއްގައި 8 ގެސްޓުހައުސް އަލުން ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީންވަނީ ދީފައެވެ.

ގެސްޓުހައުސްތައް އަލުން ހުޅުވަން ހުއްދަދީފައިވަ ރަށްތައް:

  • ނ. ފޮއްދޫ
  • ކ. ހުރާ
  • ވ. ފުލިދޫ
  • ވ. ތިނަދޫ
  • އއ. މަތިވެރި
  • ކ. މާފުށި
  • އއ. އުކުޅަސް
  • ކ. ގުރައިދޫ
  • އއ. ތޮއްޑޫ
  • އއ. ރަސްދޫ

ކޮވިޑް-19 ގެ ސަބަބުން ރަށްރަށުގައި ހިންގާ ގެސްޓް ހައުސްތައް ބަންދުކޮށްފައިވަނީ މިދިޔަ މާރިޗުމަހުގެ 17 ވަނަ ދުވަހުއެވެ. ގެސްޓްހައުސްތައް އަލުން ހުޅުވުމުގެ ހުއްދަ ދީފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ރަށްރަށުގެ ގެސްޓްހައުސްތައް ހުޅުވާލާއިރު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެކަމަށް ހާއްސަ އުސޫލެއް ހަދާފައެވެ. އެ އުސޫލު ބުނާގޮތުން، ގެސްޓްހައުސް ހިންގާ ރަށަކުން އެހެން ރަށަކަށް ދަތުރުކުރާ މީހުން 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރަންޖެހެއެވެ.

ގެސްޓް ހައުސް ހުޅުވުމަށް ކައުންސިލުން ބަލަންޖެހޭ ކަންތައްތައްތަކުގެ ތެރޭގައި، ރަށުގައި އައިސޮލޭޝަން ނުވަތަ ކަރަންޓީން ކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ހުރިތޯ ބެލުން، ރަށުގައި ކޮވިޑް ޓާސްކް ފޯހެއް އޮތްކަން ޔަގީންކުރުން، ޓޫރިސްޓަކު ކޮވިޑް- 19އަށް ޕޮޒިޓިވްވެއްޖެ ހާލަތެއްގައި އޭނާ ފެސިލިޓީއަށް ގެންދާނެ އުޅަނދެއް ތައްޔާރުވެފައި އޮތްތޯ ބެލުން އަދި އެ ރަށެއްގެ ހެލްތު ސެންޓަރު ނުވަތަ ހޮސްޕިޓަލް އޮތީ ކޮވިޑް-19 އާ ގުޅިގެން ތައްޔާރަށްތޯ ޔަގީންކުރުމެވެ.

މީގެއިތުރުން ހޮސްޕިޓަލުގައި އައިސޮލޭޝަން ކޮޓަރިއެއް ހުރިތޯ ޔަގީންކުރުން، ސާމްޕަލް ނެގޭ ވަރަށް ހިއުމަން ރިސޯސަސް ހުރިތޯ ބެލުން ހިމެނެއެވެ.

ގެސްޓްހައުސްތަކުން ފުރިހަމަ ކުރަންޖެހޭ ކަންތައްތައްތަކުގެ ތެރޭގައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިހުރި މިންވަރު ހާމަކުރުން، ގެސްޓްހައުސް ތެރޭގައި ސޯޝަލް ޑިސްޓެންސިން ބެހެއްޓޭނެކަން ޔަގީންކުރުން، ބޭނުންވާ ވަރަށް ޕީޕީއީ ކިޓާއި ފަސްޓްއެއިޑް ހުރިކަން ޔަގީންކުރުން އަދި ގެސްޓްހައުސްގައި އުޅޭއިރު ސްޓާފުން ވަކި ޔުނިފޯމެއް ލުމާއި މާސްކު އެޅުމުގެ އިތުރުން ހުރިހާ ސްޓާފުން ވެސް "ޓްރޭސް އެކީ" އެޕް ބޭނުން ކުރުމާއި ޓޫރިސްޓުންނަށް އެޕް ބޭނުންކުރަން ބާރުއެޅުން ހިމެނެއެވެ.