ރާއްޖޭގެ ކުޅިވަރު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

މިބިލު ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައިވާނީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްއެވެ.

މެމްބަރު ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައި ވަނީ ރާއްޖޭގެ ކުޅިވަރު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ކަމަށާއި އެ ބިލުގައި ކުޅުންތެރިންނާއި ކުޅިވަރު ހިންގެވުމުގެ ތަޖްރިބާކާރުންގެ ދުވަސްވީ ކަންބޮޑުވުންތައްވެސް ވާނީ ހިމަނާފައި ކަމަށެވެ.

އަދި އެކަންކަމަށް ރަނގަޅު ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށްވެސް ހަސަން ވިދާޅުވިއެވެ.

މިބިލު ހުށަހަޅާ ސަބަބުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ކުޅިވަރާބެހޭ އެކިއެކި މުއައްސަސާތަކުގައި ހުރި ފުށުއެރުންތައް ނައްތާލުމާއި އެ މުއައްސަސާތައް ޑިމޮކްރަޓައިޒްކޮށް ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ހިންގޭ ނިޒާމެއް ގާއިމްކުރުން ހިމެނެއެވެ.

ކުޅިވަރުގެ ވަސީލަތްތައް ބިނާކޮށް ތަރައްގީކުރާއިރު އެ ވަސީލަތްތައް ދެމެހެއްޓެނެވި ގޮތަކަށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމް ކުރުމާއި އެފަދަ ވަސީލަތްތައް ގާއިމްކޮށް ބެލެހެއްޓުމުގައި ދައުލަތުގެ ބަޖެޓަށް ބުރަކުޑަވާނެ އުސޫލެއް ގާއިމް ކުރުންވެސް މި ބިލުގައި ވަނީ ހިމަނާފައެވެ.

މީގެ އިތުރަށް ކުޅިވަރުގެ އެކިއެކި މުއައްސަސާތަކުގެ އިންތިޚާބުތަކަކީ ދެފުށް ފެންނަ، އިތުބާރުކުރެވޭ ނިޒާމެއްގެ ތެރެއިން ހިންގޭ އިންތިޚާބުތަކެއްކަމުގައި ހެދުމާއި ކުޅިވަރާބެހޭ މިނިސްޓަރުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައެޅުން މި ބިލު ހުށަހަޅާ ސަބަބުތަކުގެ ތެރޭގައިވެއެވެ.