ކޮވިޑް-19 ބަލީގެ ޕޮޒިޓިވް ކޭސްތަކެއް ފުރަތަމަ ފަހަރަށް ފެނިއްޖެކަމަށް މާޝަލް އައިލެންޑްސްއިން ހާމަކޮށްފިއެވެ.
މާޝަލް އައިލެންޑްސްއަކީ، ދުނިޔޭގައި ކޮވިޑްބަލި މިހާތަނަށް ފެނިފައިވާ ނުވާ 12 ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.
ޕެސިފިލް ކަނޑުގައި އޮންނަ ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މާޝަލް އައިލެންޑްސްގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ އެގައުމުގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭހުގައި މަސައްކަތްކުރާ ދެމީހަކު ކަމަށެވެ.
މާޝަލް އައިލެންޑްސްގައި އެމެރިކާގެ އަސްކަރީ ބޭސް އޮންނަނީ ވަޖަލެއިން އެޓޯލްގައެވެ.
ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ހަވާއީއަށް ގޮސްފައި ޑައިރެކްޓް ފްލައިޓެއްގައި އެނބުރި އައި ދެމީހަކު ކަމަށެވެ. އެއީ، އުމުރުން 35 އަހަރުގެ އަންހެނަކާއި، 46 އަހަރުގެ ފިރިހެނެއް ކަމަށްވެސް ބުނެފައި ވެއެވެ.
ޕޮޒިޓިވްވި ދެމީހުންވެސް މިހާރު ތިބީ ކަރަންޓީނުގައި ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.
މާޝަލް އައިލެންޑްސް ސަރުކާރުން ވަނީ، އެގައުމުގައި ކޮމިއުނިޓީ ސްޕްރެޑެއް ނޫޅޭކަމުގެ ޔަގީންކަން ރައްޔިތުންނަށް ދީފައެވެ. އަދި އާންމުން ކަންބޮޑު ނުވުމަށްވެސް އެދިފައި ވެއެވެ. ގައުމުގެ ކަންކަން އަދިވެސް އޮތީ އާދައިގެ ހާލަތުގައި ކަމަށްވެސް ބުނެފައި ވެއެވެ.
އެހެން ނަމަވެސް، އެންމެންވެސް ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށާއި، އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް އެދިފައި ވެއެވެ.
ކޮވިޑްބަލި ދުނިޔޭގައި ފެތުރޭން ފެށުމާއެކު، މާޝަލް އައިލެންޑްސްއިންވަނީ އެ ގައުމުގެ ބޯޑަރު ބަންދުކޮށްފައެވެ. މިއަދާ ހަމައަށްވެސް އެގައުމު އޮތީ ކޮވިޑްބަލި ނެތް މަދު ގައުމުތަކުގެ ލިސްޓުގައެވެ.
މާޝަލް އައިލެންޑްސް ފިޔަވައި، ކޮވިޑްބަލި މިހާތަނަށް ރިޕޯޓްކޮށްފައި ނުވާ ގައުމުތަކަކީ؛ ކިރިބަތީ، މައިކްރޮނޭޝިޔާ، ނައުރޫ، އުތުރު ކޮރެއާ، ޕަލާއު، ސަމޯއާ، ސޮލޮމަންސް އައިލެންޑް، ޓޮންގާ، ތުރްކުމަނިސްތާނު، ޓުވާލޫ އަދި ވަނުއާޓޫއެވެ.