ފަރަންސޭސިވިލާތުގެ ނީސްގައި މީހަކު ވަޅިން ހަމަލާދީ 3 މީހުން މަރާލައި، އިތުރު އެތައްބަޔަކު ޒަޚަމްކޮށްލައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ވަޅީގެ ހަމަލާތައް ދީފައިވަނީ ފައްޅިއެއްގެ ތެރޭގައެވެ.

ހަމަލާދިން މީހާވަނީ އަންހެނެއްގެ ބޯ ބުރިކޮށްލާފައެވެ. އަދި ވަޅީގެ ހަމަލާގެ ސަބަބުން އިތުރު ދެމީހަކު މަރުވެފައި ވެއެވެ.

ނީސްގެ މޭޔަރ މިހަމަލާ ސިފަކުރައްވާފައިވަނީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައެވެ.

ޚަބަރު ލިބޭގޮތުގައި، ވަޅީގެ ހަމަލާދިންމީހާ ފުލުހުން މިހާރުވަނީ ހައްޔަރުކޮށްފައެވެ. އޭނާއާބެހޭ އިތުރު އެއްވެސް ތަފްސީލެއް ފަރަންސޭސި ކަމާބެހޭ ފަރާތްތަކުން އަދި ހާމައެއް ނުކުރެއެވެ.

އަދި އޭނާ މިއަމަލު ހިންގީ ކީއްވެގެން ކަމާމެދުވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ނަމަވެސް، މިކަން މިހިނގީ، އިސްލާމްދީނާ ދެކޮޅަށް ފަރަންސޭސި ރައީސް ދައްކަވަމުން ގެންދަވާ ވާހަކަތަކާ ގުޅިގެން އިސްލާމީ އުންމަތާއި، ފަރަންސޭސިވިލާތާ ދެމެދުގެ މަސްރަހް ނުތަނަވަސްވެފައި ވަނިކޮށެވެ. އަދި ކީރިތި ރަސޫލާގެ ކާޓޫނުތައް އަދިވެސް އާންމު ކުރުމަށް ފަރަންސޭސި ރައްޔިތުން ތާއީދުކުރާކަން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ކީރިތި ރަސޫލާއަށް ފުރައްސާރަ ކޮށްފައިވާ ކާޓޫނު ކުރެހުންތައް ކްލާހެއްގައި ދެއްކި ޓީޗަރެއްގެ ބޯ ބުރިކޮށްލި ހާދިސާއާ ގުޅިގެން، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ވަރުގަދަ ބަހުސްތަކެއް ފަރަންސޭސިވިލާތުގައި ފެށިފައި ވެއެވެ.

ފަރަންސޭސި މަޖައްލާއަކުން ކުރަހައި އާންމު ކުރަމުންދާ ކާޓޫނުތަކަކީ ކީރިތި ރަސޫލާގެ އިތުރުން، ދުނިޔޭގެ ހުރިހާ މުސްލިމުންނަށް ކުރާ ފުރައްސާރައެއްގެ ގޮތުގައި މުސްލިމުން ގަބޫލުކުރެއެވެ.

ފަރަންސޭސި ރައީސް އިމެނުއެލް މެކޯން މަސައްކަތް ކުރައްވަނީ އިސްލާމްދީނާމެދު ނަފްރަތު އުފައްދައި، މުސްލިމުން ރުޅިއެރުވުމަށް ކަމަށްބުނެ އިސްލާމީ އެތައް ގައުމަކުން އެކަން ކުށްވެރިކޮށްފައި ވެއެވެ.