ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދުނު މީހުންގެ ތެރެއިން ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް ނުގުޅުނު 500 އަށްވުރެ ގިނަ މީހުންގެ ނަން ހާމަކޮށްފިއެވެ. ފްލެޓް ކޮމިޓީ އާންމުކޮށްފައިވަނީ ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ތެރެއިން H7 ކެޓަގަރީއަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ނުގުޅޭ 509 ފަރާތެއްގެ ނަމެވެ. H7 އަކީ 18 އަހަރާ 40 އަހަރާ ދެމެދުގެ ފަރާތްތަކުގެ ތެރެއިން ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްސަ ކެޓަގަރީއެވެ.

"ހިޔާ މަޝްރޫޢު" ގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ "ދިރިއުޅުމުގެ ޙާލަތު" ދެނެގަތުމަށްޓަކައި ގޭގެއަށް ޒިޔާރަތްކުރުމުގެ ކުރިން، ފޯމު ހުށަހަޅާފައިވާ ފަރާތްތަކާ ފޯނުން ގުޅައި، ވެރިފައިކުރުމުގެ ޕްރޮސެސްއެއް ކުރިއަށްގެންދާނެއެވެ.

ފްލެޓް ކޮމެޓީން ބުނެފައިވަނީ އާންމު ކޮށްފައި ވަނީ އެ ކެޓަގަރީއަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ދީފައިވާ ނަންބަރުތަކަށް ނުގުޅޭ މީހުންގެ ނަންތައްކަމަށެވެ.

މި ފަރާތްތަަކަށް ތަކުރާރުކޮށް ގުޅުމަށް މަސައްކަތްކޮށްފައިވާކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން އާންމުކޮށްފައިވާ ލިސްޓުގައި ހިމެނޭ ފަރާތްތަކުން އަންނަ މަހުގެ 5 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 3ގެ ކުރިން، https://hcc.presidency.gov.mv/ މި ލިންކުގައިވާ ފޯމު ފުރިހަމަކޮށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ވަނީ އިލްތިމާސް ކޮށްފަ އެވެ.