ބިދޭސީ މުވައްޒަފުންގެ އެކަމަޑޭޝަން ޚިދުމަތް ދިނުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓްރީކޮށް ހިންގުމާ ގުޅޭ އުސޫލުތައް އާންމުކޮށްފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ވަނީ މި އުސޫލުތައް އާންމުކޮށް ގެޒެޓް ކޮށްފައެވެ.

މި ގަވާއިދުގެ މަގްސަދަކީ ބިދޭސީ މުވައްޒަފުންގެ އެކަމަޑޭޝަންގެ ޚިދުމަތް ދިނުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓްރީ ކުރުމަށް ލާޒިމްކޮށް އެފަދަ ވިޔަފާރި ހިންގުމާގުޅޭ އުސޫލުތައް ކަނޑައެޅުންކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

މި ގަވާއިދަށް އަމަލުކުރަން ޖެހެނީ ބިދޭސީ މުވައްޒަފުންގެ އެކަމަޑޭޝަން ހަމަޖައްސައިދޭ ފަރާތްތައް ފިޔަވައި، ވިޔަފާރި އުސޫލުން ބިދޭސީ މުވައްޒަފުންގެ އެކަމަޑޭޝަން ޚިދުމަތް ދޭ ފަރާތްތަކުންނާއި ވަޒީފާ ދޭ ފަރާތުގެ އަމިއްލަ ތަންތަނުގައި އެ ފަރާތުގެ ނަމުގައި ރާއްޖެ ގެންނަ ބިދޭސީ މުވައްޒަފުންނަށް އެކަމަޑޭޝަން ހަމަޖައްސައިދޭ ފަރާތްތަކަށެވެ.

އަދި ވަޒީފާ ދޭ ފަރާތުގެ ނަމުގައި ރާއްޖެ ގެންނަ ބިދޭސީ މުވައްޒަފުންނަށް ޚާއްސަކޮށްގެން ހަމައެކަނި ވަޒީފާ ދޭ ފަރާތުގެ މުވައްޒަފުން ބޭތިއްބުމަށް ކުއްޔަށް ހިފާފައިވާ ތަންތަނާއި ބިދޭސީން ވަޒީފާ އަދާކުރުމާއި ބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ޕްރޮފެޝަނަލް ގިންތީގެ ބިދޭސީ މުވައްޒަފުން ކުއްޔަށް ދޭ ތަންތަން މި ގަވާއިދަށް އަމަލުކުރަންޖެހޭ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މިނޫން ގޮތަކަށް ބިދޭސީ މުވައްޒަފުންނަށް ވިޔަފާރީގެ އުސޫލުން އެކަމަޑޭޝަން ޚިދުމަތް ދޭ ފަރާތްތަކުން ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތްތަކުން ކުރެ ގޮތަކަށް ވިޔަފާރި ކުރާ ތަނެއްގެ ގޮތުގައި އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ނުވަތަ ކުންފުންޏެއް އަދި ޕާޓްނަރޝިޕެއް، ކޯޕަރޭޓިވް ސޮސައިޓީއެއް ރަޖިސްޓްރީ ކުރަންވާނެ ކަމަށް މިގަވާއިދުގައި ވަނީ ކަނޑައަޅާފައެވެ.

އަދި މި ވިޔަފާރި ރަޖިސްޓްރީނުކޮށް ހިންގާނަމަ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން އިންސްޕެކްޓް ކުރުމަށް ފަހު ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ގާނޫނާ ޚިލާފުވިކަމަށް ބަލައި އެފަދަ ކޮންމެ ތަނެއް ދިހަ ހާސް ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށާއި އެކަމަޑޭޝަނުގައި ހުންނަންޖެހޭ މިންގަނޑުތައްކަމަށް ބަޔާންކޮށްފައިވާ މިންގަނޑުގައިވާކަމެއް ފުރިހަމަވެފައި ނުވާކަން އެމިނިސްޓްރީން ހިންގާ އިންސްޕެކްޝަނަކުން ފާހަގަ ކުރެވިއްޖެނަމަ އެފަދަ ކޮންމެ ފަރާތެއް ފަސް ހާސް ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީގެ ގަވާއިދުގައި ބުނެއެވެ.