މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 420،315 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމާހަމަޔަށް ޒިޔާރާތްކޮށްފައިވަނީ 382،760 ފަތުރުވެރިންނެވެ.

ޖުލައި 15 ވަނަ ދުވަހު ރާއްޖެގެ ބޯޑަރު ހުޅުވާލާފައިވާއިރު، އެދުވަހުން ފެށިގެން މި މަހު 28 ވަނަ ދުވަހުގެ ނިޔަލަށް 37،468 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރެރާތްކޮށްފަ އެވެ. މިއާއެކު މުޅި މި އަހަރު ރާއްޖެއަށް އައި ޖުމުލަ ފަތުރުވެރިންގެ އަދަދު ވަނީ 420،315 އަށް އަރާފަ އެވެ.

ބޯޑަރު ހުޅުވާލިފަހުން ހިނގާދިޔަ މުއްދަތުގައި އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތްކޮށްފައިވަނީ ރަޝިއާއިން ނެވެ. އެގައުމުން 7،507 ފަތުރުވެރިން ޒިޔަރާތްކޮށްފައިވާއިރު ދެވަނައަށް އޮތް ޔޫއޭއީއިން ޒިޔާރާތްކުރީ 3،479 ފަތުރުވެރިންނެވެ. އެމެރިކާއިން 3،056 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރާތްކޮށްފަ އެވެ. އަދި އިނގިރޭސިވިލާތުން 2،923 ފަތުރުވެރިންނާއި، ފަރަންސޭސި ވިލާތުން 1،601 ފަތުރުވެރިން ޒިޔާރާތްކުރިއެވެ.

މީގެއިތުރުން، ލިސްޓުގައި ދެން ހިމެނެނީ ޖަރުމަނުވިލާތާއި، އިންޑިއާ، ސްޕެއިން، ޔޫކްރެއިން އަދި ބްރެޒިލް އެވެ.

ބޯޑަރު ހުލުވާލިފަހުން ރާއްޖެ އަންނަ ޒިޔާރާތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާން ފަށާފައިވާއިރު، މިއަހަރު ނިމުމުގެ ކުރިން ރާއްޖެ ޒިޔާރާތްކުރާނެކަމަށް ސަރުކާރުން ލަފާކޮށްފައިވަނީ 500،000 (ފަސް ލައްކަ) ފަތުރުވެރިންްނެވެ.